Roadha Mihaaru
ކާފިއު ނިމޭއިރަށް ނުކުމެގެން ދުއްވައި ނުގަނޭ!

ކާފިއު ވަަގުތު ނިމޭއިރަށް ނުކުމެގެން ދުއްވައިނުގަނޭ!

04 އެޕްރީލް 2020

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރިދާނެ ހާލަތެއް އަޔަ ނުދިނުމުގެ ގޮތުން މާލެ ސަހައްދުގައި ކޮންމެ ދުވަހަކު ތިން ގަޑި އިރަށް ހިންގާ ކާފިއުގެ ވަގުތު ނިމޭ އިރަށް މަގުތަކަށް މީހުން ގިނަވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަންބޮޑުވުން ފާޅުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް މިރޭ އިލްތިމާސްކޮށްފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

ކޮވިޑް-19 އާއްމުންގެ ތެރެއަށް ފެތުރިދާނެ ހާލަތެއް އަޔަ ނުދިނުމުގެ ގޮތުން މާލެ ސަހައްދުގައި ކޮންމެ ދުވަހަކު ތިން ގަޑި އިރަށް ހިންގާ ކާފިއުގެ ވަގުތު ނިމޭ އިރަށް މަގުތަކަށް މީހުން ގިނަވާތީ ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުން ކަންބޮޑުވުން ފާޅުކޮށް، އެގޮތަށް ކަންތައް ނުކުރުމަށް މިރޭ އިލްތިމާސްކޮށްފި އެވެ.

ދަރުބާރުގޭގައި މިރޭ ބޭއްވި މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ ކާފިއުގެ ވަގުތުގައި ވެސް އަދިވެސް ގިނަ ބަޔަކު މަގުތަކަށް ނުކުމެގެން ފުލުހުން އެމީހުން ހުއްޓުވި ކަމަށެވެ. އެގޮތުން މިއަދު ވެސް 141 މީހަކު އެވަގުތު ބޭރުގައި އުޅުމުން ފުލުހުން އެމީހުން ހުއްޓުވި ކަމަށް މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މިރޭގެ ޕްބްރީފިންގައި އައިޖީއެމްއެޗްގެ ޑޮކްޓަރު މޫސާ މުރާދު ވިދާޅުވީ ކާފިއުގެ ވަގުތުގައި ގޭގައި ތިބެންވީ އެއީ މަޖުބޫރެއްގެ ގޮތުގައި ބަލައިގެން ނޫން ކަމަށާއި އެއީ ބަލިން ރައްކާތެރިވުމަށް ލިބޭ ފުރުސަތެއްގެ ގޮތުގައި ބަލަން ޖެހޭ ކަމަށެވެ. ކާފިއުގެ ވަގުތު ތިން ގަޑިއިރަށް އޮތުމަކީ ނަސީބެއް ކަމަށާއި ކުރެވޭ ކަމެއްގެ ސަބަބުން، އެއަށް ވުރެ ގިނަ އިރު ގެއިން ނުނިކުމެ ތިބެން ޖެހިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

މިހާރު ކަންތައް ހިނގަމުން އަންނަ ގޮތް ސިފަކުރައްވަމުން އޭނާ ވިދާޅުވީ މިހާރު ފެންނަނީ މަޖުބޫރުވެގެން ގޭގައި ތިބެފައި އެވަގުތު ނިމޭ އިރަށް ނިކުމެގެން ދުއްވައިގަންނަ މަންޒަރު ކަމަށެވެ.

ނެޝަނަލް އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީގިންގައި ޑރ.މޫސާ މުރާދު، ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އަދި އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ނެޝަނަލް އިމަޖެންސީ އޮޮޕަަރޭޝަން ސެންޓަރުން މިރޭ ބޭއްވި ޕްރެސް ބްރީގިންގައި ޑރ.މޫސާ މުރާދު، ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް އަދި އައިލެންޑް އޭވިއޭޝަންގެ ޕަބްލިކް ރިލޭޝަންސް މެނޭޖަރު މޫސާ ވަސީމް ބައިވެރިވަޑައިގަންނަވަނީ. ފޮޓޯ:އަހުމަދު އަވްޝަން އިލްޔާސް/މިހާރު

"އެއީއެއް ނޫން މިކަމުގެ ބޭނުމަކީ. މިކަމުގެ ބޭނުމަކީ، މިއި އަަޅުގަނޑުމެން އެންމެންގެ ވެސް ހަމަ ރައްކާތެރިކަމުގެ ގޮތުން އެޅޭ ފިޔަވަޅެއް ވީމާ އެކަންތައް އެގޮތުގައި ބަލައިގަނެ،ކޮންމެ ގަޑިއެއްގައި ވެސް އަޅުގަނޑުމެން މިކިޔާ ދުރުމިން، އެކަކު އަނެކަކާ ދުރުމިން ބެހެއްޓޭ ވަރަށް އަޅުގަނޑުމެންގެ ކަންތައްތައް ނުވަތަ އަމަލުތައް ބެހެއްޓުން. އެއީ ވަރަށް މުހިއްމު ކަމެއް،"އޭނާ ވިދާޅުވި އެވެ.

މުރާދު ވިދާޅުވީ ބޭންކް ހުޅުވުމުން ނުވަތަ އެނޫން ވެސް ކޮންމެ ކަމަކާ އެކު ފެންނަނީ ބަލި ފެތުރުނަ ނުދިމަށް ބަހައްޓަން ޖެހޭ ދުރުމިން ނުބެހެއްޓިދާ މަންޒަރު ކަމަށެވެ. މިއީ ކޮންމެ މީހެއްގެ ވެސް އަމިއްލަ ނަފްސާއި އާއިލާ އަދި މުޅި މުޖުތަމައުގެ ރައްކާތެރިކަމަށް ކުރާ ކަންތައްތަކުގެ ގޮތުގައި ބަލައިގަތުމަށް އޭނާ އިލްތިމާސް ކުރެއްވި އެެވެ.

"އެއީ އަޅުގަނޑުމެން މިކަމުގައި [ކޮވިޑް-19 ފެތުރުން ހުއްޓުވުމުގައި] އެންމެ ކުރީ ސަފަށް ނުކުންނަން ތިބި މީހުންގެ ހައިިއްޔަތުން، ހުރިހާ ބޭފުޅުންގެ ފަރާތުން ވެސް އެދޭ ވަރަށް ބޮޑު އެދުމެއް،" ޑޮކްޓަރު ވިދާޅުވި އެވެ.

ކޮންމެ ދުވަހަކު ވެސް ހަވީރު 5:00 އިން ރޭގަނޑު 8:00 އަށް ކާފިއު ހިންގަން ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ކުރި އިއުލާނުގައި ބުނެފައި ވަނީ އެނޫން ވަގުތު ތަކުގައި ވެސް ތިން މީހުންނަށް ވުރެ ގިނައިން، އެކުގައި އާއްމު ތަންތަނަށް ނުކުމެ އުޅުމަކީ މަނާކަމެއް ކަމަށެވެ. ކާފިއުގެ ވަގުތެކޭ އެއްގޮތަށް އެ އަމުރު ތަންފީޒުވަމުން ނުދަނީ ކީއްވެތޯ ނޫސްވެރިއަކު ސުވާލުކުރުމުން މަބްރޫކް ވިދާޅުވީ އެކަމުގައި ފުލުހުން މީހުންނަށް ނަސޭހަތްތެރި ވަމުން އަންނަ ކަމަށެެވެ.

"މިކަމުގައި ހަމަ ފުލުހުން މިހާރު ވެސް ދަނީ ނަސޭހަތްތެރި ވަމުން. އެހެން ނަމަވެސް މިކަން މިއަށް ވުރެ އިތުރު ހަރުފަތަކަށް ގެންދަން ޖެހޭތޯ އެއީ ދެން ކުރަން ޖެހޭ ސުވާލަކީ،" އޭނާ ވިދާޅުވި އެވެ.

މަބްރޫކް ވިދާޅުވީ ބޭރަށް ނުނިކުމެ ތިބެންވީ އެގޮތަށް ކަންތައް ނުކުރީމާ ޖަލަށް ލާތީ ނޫން ކަމަށާއި އެހެން ނަމަވެސް އެއީ އެންމެންގެ ރައްކާތެރިކަމަށް ޓަކައި ކުރާ ކަމެއްގެ ގޮތުގައި ކަމަށެވެ.

"އެކަހަލަ މުޖުތަމައެއްގެ ގޮތުގައި ރާއްޖެ އޮތުން އަޅުގަނޑުމެން ދެކެން ބޭނުންވޭ. ކޮންމެ ކަމަކީ ޖަލަށް ލާފާނެ ކަމުގެ ބިރަށް ކުރާ ކަމެއް ކަމުގައި ނުވުން،" އޭނާ ވިދާޅުވި އެވެ.

ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ގިނަ ގައުމުތަކަކީ އެބަލި ފެތުރެން ފެށުމުން ވެސް އިޖުތިމާއީ ދިރިއުޅުމަށް ބަދަލެއް ގެނައުން ލަސްވި ގައުމުތަކެވެ. އެމެރިކާއާއި އިޓަލީ އަދި އީރާނަކީ މީގެ މިސާލުތަކެވެ.

ކޮވިޑް-19 އަށް ރާއްޖޭން ޕޮޒިިޓިވްވި މީހުންގެ އަދަދަކީ މިހައިތަނަށް 19 އެވެ. އޭގެ ތެރެއިން ދެ މީހަކު ވަނީ ރާއްޖޭން ފުރައިގެން ގޮސްފަ އެވެ. އަނެއް 17 މީހުންގެ ތެރެއިން 13 މީހަކު މިހާރު ވަނީ އެބަލިން ރަނގަޅުވެފަ އެވެ.

ދުނިޔޭގެ ކަންކޮޅުތަކުގައި އެބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދަކީ މިހާރު 1,140,641 އެވެ. އޭގެ ތެރެއިން 61,189 މީހަކު ވަނީ އެ ބަލީގައި މަރުވެފަ އެވެ.