Roadha Mihaaru
ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިތުރުކޮށްފި

ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހަށް އިތުރުކޮށްފި

06 އޮކްޓޯބަރ 2020

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ރާއްޖެއިން ކޮވިޑް-19 ފެނުމާ ގުޅިގެން އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ 5 ވަނަ ދުވަހުގެ ނިޔަލަށް އިތުރުކޮށްފި އެވެ.

ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން މިއަދު ނެރުނު އިއުލާނެއްގައި ބުނެފައި ވަނީ ކޮވިޑް-19 އަދިވެސް ރާއްޖޭގައި ފެތުރިދާނެ ކަމުގެ ބިރު އޮތުމުން ސިއްހީ ކުއްލި ނުރައްކަލުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާ ކަމަށެވެ. މިއީ ޑިރެކްޓާ ޖެނަރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރުގެ ލަފައާ އެއްގޮތަށް ނިންމެވި ނިންމެވުމެއް ކަމަށް، ހެލްތު މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ނެޝަނަލް ޕްލޭނިން މިނިސްޓަރު މުހައްމަދު އަސްލަމް ސޮއި ކުރައްވައި ނެރުނު އިއުލާނުގައި ބުނެފައިވެ އެވެ.

އެޗްޕީއޭ އިން މިއަދު ކުރި ޓްވީޓެއް

އާއްމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުން ލިބިފައިވާ ބާރުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނު ކުރީ މާޗު 12 އިން ފެށިގެން 30 ދުވަހަށެވެ. މިއީ އޭގެ ފަހުން އެ މުއްދަތު އިތުރުކުރި އަށް ވަނަ ފަހަރެވެ.

އެންމެ ފަހުން އިއުލާނުކުރި ސިއްހީ ނުރައްކަލުގެ ހާލަތުގެ ވަގުތު ހަމަވާނީ މިރޭ 12:00 އަށެވެ.

ކޮވިޑް-19 އިން ރައްކާތެރިވާން ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކާ އެކު، މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދުތައް މިހާރު ވަނީ ދަށްވާން ފަށައިފަ އެވެ. ކޮވިޑް ފެތުރުން ހުއްޓުވަން އިއުލާންކުރި ލޮކްޑައުންގެ ހާލަތު އުވާލުވުމުން މި ބައްޔަށް ޕޮޒިޓިވްވި މީހުންގެ އަދަދު އިތުރުވި އެވެ. އެއަށް ފަހު ރައްކާތެރިކަމުގެ ފިޔަވަޅުތައް ހަރުކަށިކޮށް، މާލެ ސަރަހައްދުގައި މާސްކު އެޅުން ލާޒިމްކުރުމާއި ރޭގަނޑު ވެހިކަލް ދުއްވޭ ވަގުތުތައް މަދު ކުރި އެވެ. އަދި ބަލި ފެތުރޭ މިންވަރު ދަށްވާން ފެށުމުން ފިޔަވަޅުތަކަށް ލުއިދީ، ވެހިކަލް ދުއްވުން މަނާ ވަގުތު ރޭގަނޑުު 10:00 އާއި ފަތިހު 5އާ ދެމެދަށް ބަދަލުކުރި އެވެ.

މިހާތަނަށް ރާއްޖެއިން 10،567 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ އިރު، 9،427 މީހުން ވަނީ ރަނގަޅުވެފަ އެވެ. މި ބަލި ޖެހިގެން 34 މީހުން މަރުވެފައިވާ އިރު މިހާރު މި ބައްޔަށް ފަރުވާ ހޯދަމުން ދަނީ 1،106 މީހުންނެވެ.