Roadha Mihaaru
މެލޭޝިޔާގަ ތިބި އާއިލާތަކަށް އެހީ ފޮނުވަން ހުޅުވާލައިފި

ކޮވިޑް-19: މެލޭޝިއާގައި ތިބި އާއިލާތަކަށް ތަކެތި ފޮނުވަން ހުޅުވާލައިފި

07 އެޕްރީލް 2020

މެލޭޝިޔާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ ގޮތް، ފޮރިން މިނިސްޓްރީން ހަމަޖައްސައިދީ އެކަމަށް ހުޅުވާލައިފި އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

މެލޭޝިޔާގައި ތިބި ދިވެހިންނަށް އެ މީހުންގެ އާއިލާތަކުން އެހީގެ ތަކެތި ފޮނުވޭނެ ގޮތް، ފޮރިން މިނިސްޓްރީން ހަމަޖައްސައިދީ އެކަމަށް ހުޅުވާލައިފި އެވެ.

އެ މިނިސްޓްރީން މިރޭ ނެރުނު ބަޔާނެއްގައި ބުނީ ކޮވިޑް-19ގެ ބަލިމަޑުކަމާ ހެދި، މެލޭޝިއާގައި ބަންދުވެފައި ތިބި ދިވެހިންގެ ޒަރޫރީ ބޭނުންތަކަށް ބޭނުންވާ ބައެއް ތަކެތި ހޯދުމަށް ދަތިވެފައިވާ ކަމަށެވެ. އެހެންވެ، އާއިލާތަކުން އެ މީހުންނަށް އެހީފޯރުކޮށްދޭން ބޭނުން ނަމަ، އެތަކެތި ހިލޭ މެލޭޝިޔާ އަށް ފޮނުވައިދޭނެ ކަމަށް ބަޔާނުގައި ބުންޏެވެ.

މޯލްޑިވިއަނުން މެލޭޝިއާ އަށް ބާއްވާ ފްލައިޓުގައި ތަކެތި ފޮނުވޭނީ އެކަމަށް އެންމެ ފުރަތަމަ ހުށަހަޅާ 500 މީހުންނަށް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ކޮންމެ އާއިލާއަކަށް ވެސް ފޮނުވޭނީ 15 ކިލޯގްރާމްގެ ތަކެތި ކަމަށް އެތަނުން ބުންޏެވެ.

އެހީގެ ގޮތުގައި މެލޭޝިޔާއަށް ފޮނުވޭނެ ތަކެތި

- މެލޭޝިއާ އިން ލިބެން ނެތް ޑޮކްޓަރީ ބޭސް ( ޑޮކްޓަރުގެ ޕްރިސްކްރިޕްޝަނާއެކު)

- މަސްދަޅު ކޭސް

- ނޫޑްލްސް ކޭސް

- ރިހާކުރު (ހަމައެކަނި މިފްކޯ ނުވަތަ އެންޒީ އޮރިޖިނަލް ޕެކިންގައި)

- މަސް ޕެކެޓް/ ފަތް ޕެކެޓް ނުވަތަ ފިހާރަތަކުން ވިއްކާ، ބަންދުކޮށްފައި ހުންނަ ކާބޯތަކެތި

ފޮރިން މިނިސްޓްރީން ބުނި ގޮތުގައި ފައިސާ އާއި ރޯމަހާއި ކިއްލި އާއި ހެދިކާ އާއި މޭވާ އާއި ދުންފަތުގެ ބާވަތްތަކާއި ކާޑުގެ ބާވަތްތަކެއް ނުފޮނުވޭނެ އެވެ.

އެހީގެ ގޮތުގައި ތަކެތި ފޮނުވުމަށް އެދޭ ފޯމު ފޮރިން މިނިސްޓްރީގެ ވެބްސައިޓުން ލިބޭނެ އެވެ. ކާގޯގެ ގޮތުގައި ފްލައިޓުން ގެންދެވޭނީ ވަކި އަދަދަކަށް ކަމަށް ވުމުން، ފޯމު ހުށަހަޅާ ތަރުތީބަށް އިސްކަން ދޭނެ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.

މެލޭޝިޔާއަށް ފޮނުވާ ތަކެއްޗާ ދިވެހި އެމްބަސީން ހަވާލުވެ، އާއިލާތަކަށް އެ ތަކެތި ފޯރުކޮށްދޭނީ އެތަނުންނެވެ. އެހީގެ ތަކެތި ފޮނުވާއިރު ލިބެންވާ ފަރާތުގެ ވެސް މައުލޫމާތު ތަފްސީލްކޮށް ލިއުމަށް މިނިސްޓްރީން އެދެ އެވެ. ލަންކާގައި ތިބިި ދިވެހިންނަށް ވެސް އެހީގެ ގޮތުގައި މިދިޔަ އާދިއްތަ ދުވަހު އާއިލާތަކުން ވަނީ ތަކެތި ފޮނުވާފަ އެވެ.