Roadha Mihaaru
މޯލްޑިވިއަން އިން މެލޭޝިއާގެ ޓިކެޓް 399 ޑޮލަރަށް

މޯލްޑިވިއަން އިން މެލޭޝިއާ ދެކޮޅު ޓިކެޓް 399 ޑޮލަރަށް

19 މެއި 2022

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބޮޑު އީދާ ދިމާކޮށް މެލޭޝިއާ އަށް ވަރަށް ހެޔޮ އަގެއްގައި ދަތުރުކުރަން ފަށައިފި އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ގައުމީ އެއާލައިން މޯލްޑިވިއަން އިން ބޮޑު އީދާ ދިމާކޮށް މެލޭޝިއާ އަށް ވަރަށް ހެޔޮ އަގެއްގައި ދަތުރުކުރަން ފަށައިފި އެވެ.

މޯލްޑިވިއަން އިން ބުނީ، ދަތުރުތައް ކުރަން ނިންމާފައި ވަނީ 399 ޑޮލަރަށް ކަމަށެވެ. ކޮންމެ ފަސިންޖަރަކަށް ވެސް އެންމެ ގިނަވެގެން އުފުލޭނީ 20 ކިލޯގެ ލަގެޖެވެ. އީދާ ދިމާކޮށް މެލޭޝިއާ އަށް ހަތަރު ދަތުރު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. ދަތުރުތައް ކުރަން ހަމަޖެހިފައި ވަނީ ޖުލައި 8، ޖުލައި 15، ޖުލައި 22، ޖުލައި 29 ގަ އެވެ.

އާންމުގޮތެއްގައި މެލޭޝިއާ އަށް އެއާލައިންތަކުން ދަތުރު ކުރަނީ 500 ޑޮލަރާއި 600 ޑޮލަރާ ދެމެދުގެ އަގުތަކެއްގަ އެވެ.

މި ހާއްސަ ފެއާގެ ދަށުން ކުޑަކުދިންގެ ޓިކެޓްގެ އަގަކީ 299 ޑޮލަރެވެ. އަދި 20 ކިލޯއަށް ވުރެ އިތުރަށް ލަގެޖް ވެއިޓް ބޭނުން ނަމަ 10 ޑޮލަރު އިތުރަށް ދައްކަން ޖެހޭނެ އެވެ.

މޯލްޑިވިއަން އިން ވަނީ މިދިޔަ ކުޑަ އީދުގައި ވެސް މެލޭޝިއާ އަށް ހާއްސަ ފެއާއެއްގައި ދަތުރުކޮށްފަ އެވެ. އެފަހަރުގެ ދަތުރަށް ވެސް އާންމުންގެ ބޮޑު ތަރުހީބެއް ވަނީ ލިބިފަ އެވެ.

ކޮވިޑާ ގުޅިގެން 2020 ވަނަ އަހަރު ބޯޑަރު ބަންދު ކުރުމަށް ފަހު، އަލުން އެ ގައުމު ހުޅުވާލީ މި މަހު އެވެ. ކޮވިޑްގެ ކުރިން މެލޭޝިއާއަކީ ދިވެހިން އެންމެ ގިނައިން ދަތުރުކުރާ އެއް ގައުމެވެ.