Roadha Mihaaru
މެލޭޝިޔާ، އިންޑިއާ އަދި ލަންކާގައި އާސަންދަ ދެނީ

90 ދުވަހުގެ ތެރޭގައި މެލޭ، އިންޑިއާ އަދި ލަންކާގައި އާސަންދަ ދެނީ

18 ނޮވެމްބަރ 2018

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާ ކަންކަމުގެ ތެރޭގައި މެލޭޝިޔާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ތައާރަފް ކުރުން ހިމަނައިފި އެވެ.

ހަސަން މުހައްމަދު ހަސަން މުހައްމަދު

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ފުރަތަމަ 90 ދުވަހުގެ ތެރޭގައި ތަންފީޒު ކުރަން ފަށާ ކަންކަމުގެ ތެރޭގައި މެލޭޝިޔާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިރިއުޅޭ ދިވެހީންނަށް އާސަންދައިގެ ހިދުމަތް ތައާރަފް ކުރުން ހިމަނައިފި އެވެ.

އިންޑިއާ އަދި ސްރީ ލަންކާގައި އާސަންދައިގެ ހިދުމަތް މިހާރު ދެނީ އިމަޖެންސީ ހާލަތްތަކުގަ އެކަންޏެވެ. މެލޭޝިޔާގައި އާސަންދައިގެ ހިދުމަތް އެއްގޮތަކަށް ވެސް ނުދެ އެވެ.

މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ކުރަން ކަނޑައަޅާފައިވާ ކަންކަން ހިމަނައި ނެރުނު ފޮތުގައި ބުނެފައި ވަނީ މެލޭޝިޔާ، އިންޑިއާ އަދި ސްރީ ލަންކާ އަށް އާސަންދަ ތައާރަފް ކުރުމުގެ މަސައްކަތް ފަށާނެ ކަމަށެވެ. އެކަމަކު އެކަމުގެ ތަފްސީލެއް ފޮތުގައި ނެތެވެ.

އާސަންދައިގެ ތަރުޖަމާނު އާޝިޔާ ސޯލިހު ވިދާޅުވީ އާސަންދައިގެ ހިދުމަތް މެލޭޝިޔާ، އިންޑިއާ އަދި ސްރީ ލަންކާގައި ދިނުމާ ގުޅޭ މައުލޫމާތު އަދި ނުލިބޭ ކަމަށެވެ.

ސްރީ ލަންކާގައި 10،000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެމުންދާ ކަމަށް ލަފާ ކުރެވެ އެވެ. އަދި މެލޭޝިޔާ އާއި އިންޑިއާ ކުރެ ކޮންމެ ގައުމެއްގައި ވެސް 5،000 ދިވެހިން ދިރިއުޅޭ ކަމަށް ބެލެވެ އެވެ.

އާސަންދައިގެ ހިދުމަތަށް ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ކަމުގެ ހުވާ ކުރެއްވުމަށް ފަހު އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވަނީ ވިދާޅުވެފަ އެވެ. އާސަންދައިގެ ހިދުމަތް ނަފްސާނީ ބަލިތަކަށް ފަރުވާ ހޯދާ މީހުންނަށް ވެސް ލިބޭނެ ގޮތް ހަމަޖައްސައިދެއްވާނެ ކަމަށް އެ މަނިކުފާނު ވިދާޅުވި އެވެ.

"ނޭޝަނަލް މެންޓަލް ހެލްތު އިންސްޓިޓިއުޓް އުފައްދައި ނަފްސާނީ ބަލިތަކަށް ދެވޭ ފަރުވާ އަށް އާސަންދަ ލިބޭނޭ އިންތިޒާމު ހަމަޖެހިގެންދާނެ،" ވެރިކަމުގެ ފުރަތަމަ 100 ދުވަހު ކުރައްވާނެ ކަންކަން ފާހަގަ ކުރައްވަމުން ރައީސް ވިދާޅުވި އެވެ.

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިއުއެޗްއޯ) އިން މި އަހަރު ނެރުނު ރިޕޯޓެއްގައި ބުނެފައި ވަނީ އާސަންދައިގެ ހިދުމަތް ދޭން ބިނާކޮށްފައިވާ ނިޒާމަކީ އެކަށީގެންނުވާ އޮޅުންބޮޅުން ބޮޑު ނިޒާމެއް ކަމަށެވެ. އަދި މެދުނުކެނޑި ސިއްހީ ރައްކާތެރިކަން ފޯރުކޮށްދިނުމަށް މި އަށް ވުރެ ރަނގަޅު ނިޒާމެއް ވަރަށް އަވަހަށް ބިނާ ކުރަންޖެހޭނެ ކަމަށް ވެސް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.