Roadha Mihaaru
ކުއްލި ނުރައްކަލުގެ ހާލަތާ މެދު މިއަދު ގޮތެއް ނިންމަނީ

ކޮވިޑް-19: ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ މެދު މިއަދު ގޮތެއް ނިންމަނީ

09 އެޕްރީލް 2020

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް، ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

އާންމު ސިއްހަތު ރައްކާތެރިކުރުމުގެ ގާނޫނުގެ ދަށުން ރާއްޖޭގައި ފުރަތަމަ ފަހަރަށް އިއުލާން ކުރި ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތާ މެދު މިއަދު ގޮތެއް ނިންމާނެ ކަމަށް، ނެޝެނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ރޭ ބުނެފި އެވެ.

މިދިޔަ މަހުގެ 12 ގައި އާންމު ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު މާލެ އާއި ހުޅުމާލެ އަދި ވިލިމާލެ އަށް އިއުލާން ކުރީ 30 ދުވަހުގެ މުއްދަތަށެވެ. އެ މުއްދަތު އަންނަ އާދިއްތަ ދުވަހަށް ހަމަވާނެ އެވެ. އޭގެ ފަހުން މި މަހުގެ ދެވަނަ ދުވަހުން ފެށިގެން މާލެ ސަރަހައްދުގައި ކޮންމެ ދުވަހެއްގެ ހަވީރު 5 ން ރޭގަނޑު 8 އަށް ކާފިއު ހިންގަ އެވެ. އެއީ ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު ވަކި ގޮތެއް އަންގަވަންދެން ކުރިއަށް ގެންދާ ކާފިއު އެކެވެ.

އެންއީއޯސީން ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެކަމާ ގުޅޭގޮތުން ސުވާލު ކުރުމުން އެ ސެންޓަރުގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް ވިދާޅުވީ، ރެއާ ހަމައަށް ވަކި ގޮތެއް ނިންމާފައި ނުވާ ކަމަށާއި އެކަމަކު އެ ކަމާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް ވާހަކަ ދައްކަވަނީ.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

"ދަނީ ދިރާސާއެއް ކުރަމުން ކޮމިއުނިޓީ ސްޕްރިޑް ނެތް ކަމަށާއި އަދި ދެން ކުރިއަށް ދާންވީ ގޮތް [ބަލަން]، އެއަށް ރިއާޔަތްކޮށް އަޅުގަނޑު ހިތުން މާދަމާ[މިއަދު] ނިންމަވާނެ،" މަބްރޫކް ވިދާޅުވި އެވެ.

އެޗްޕީއޭ އިން ބުނެފައި ވަނީ އާންމުންގެ ތެރޭގައި ކޮރޯނާވައިރަސް ފެތުރޭކަމުގެ ނިޝާނެއް އަދި ނުފެންނަ ކަމަށާއި އެކަން ކަށަވަރުކުރަން އިތުރު ދިރާސާއެއް ހަދަމުން އަންނަ ކަމަށެވެ.

ސިއްހީ ނުރައްކަލުގެ ކުއްލި ހާލަތު އިއުލާން ކުރުމުން ކޮވިޑް-19 ކޮންޓްރޯލް ކުރުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އަވަހަށް އެޅުމުގެ ފުރުސަތު ގާނޫނުން ލިބިދެ އެވެ.

ރާއްޖޭގެ ވަކި ތަނެއްގައި ވަކި ދުވަހަކު، އާންމު ސިއްހަތަށް ނުރައްކާވާ ފަދަ ކުއްލި ނުރައްކަލުގެ ހާލަތެއް ދިމާވެއްޖެ ނަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާންކުރުމުގެ ބާރު، ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތަށް ލިބިގެންވެ އެވެ. އަދި ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު ހިނގާނެ ސަރަހައްދަކީ ކޮބައިކަން ކަނޑައަޅައި، އިއުލާނުކުރަން ސިއްހަތާ ބެހޭ ވަޒީރަށް ލަފާދެއްވާނީ ވެސް ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތެވެ.

ޑިރެކްޓަ ޖެނެރަލް އޮފް ޕަބްލިކް ހެލްތު މައިމޫނާ އަބޫބަކުރު ވަނީ ކޮވިޑް-19 ފެތުރުން ހުއްޓުމަކަށް ގެނައުމަށް ގިނަ ފިޔަވަޅުތަކެއް އަޅުއްވައިފަ އެވެ. އެގޮތުން، ސަރުކާރު އޮފީސްތަކާއި ސްކޫލްތަކާއި ކޮލެޖްތަކުގެ ކިޔެވުން ވަނީ ހުއްޓާލަން އަންގާފަ އެވެ. އަދި ރިސޯޓްތަކުން މީހުން ދިރިއުޅޭ ރަށްތަކަށް ދިއުން މަނާ ކުރުމާއި މާލެ ސަރަހައްދުގައި ކެއިންބުއިމުގެ ހިދުމަތް ދޭ ތަންތަނާއި ޖިމްތައް ހިންގުން ވަގުތީ ގޮތުން ހުއްޓާލަން އެންގުން ހިމެނެ އެވެ. އަދި މާލެ ސަރަހައްދާއި ރިސޯޓްތަކުގެ މިސްކިތްތަކުގައި ޖަމާއަތުގައި ނަމާދު ކުރުންވެސް ވަނީ ވަގުތީ ގޮތުން ހުއްޓާލާފަ އެވެ.

ގާނޫނުގެ ދަށުން އެޅޭނެ ބައެއް ފިޔަވަޅުތައް

- ބައްޔަކުން ރައްކާތެރިވާން ވަކި ބަޔަކަށް ނުވަތަ ވަކި ގިންތިއެއްގެ ބަޔަކަށް ވެކްސިން ދިނުމުގެ ޕްރޮގްރާމް ހިންގުން.

- ވެކްސިނާއި، ބޭހާއި، ވެކްސިނާ ގުޅުން ހުރި ތަކެއްޗާއި ވަސީލަތްތައް އެންމެ އަވަހަށް ރައްދުކުރަންވީ ކޮން ބާވަތެއްގެ ނުވަތަ ކޮން ގިންތިއެއްގެ ބަޔަކަށްކަން ކަނޑައަޅައި، އެކަން ހަމަޖެއްސުން.

- ތައުލީމު ދޭ މަރުކަޒުތައް ބަންދުކުރުމާއި މީހުން އެއްވެއުޅޭ ތަންތަނަށް އެއްވެއުޅުން މަނާކުރުމުގެ އަމުރު ނެރުން

- ވަކި ހިސާބުތަކަކަށް ވަކި ވަގުތުތަކުގައި މީހުން ނުދިޔުމަށާއި، އެއްވެ ނޫޅުމަށް އެންގުން.

- ކަރަންޓީނު ކުރެވިފައިވާ މީހާއަށް އެހީތެރިކަމާއި ވަސީލަތްތައް ފޯރުކޮށްދެމުން ދިޔުން.

އެ ފިޔަވަޅުތަކުގެ އިތުރުން މާލެ ސަރަހައްދުގައި ކޮންމެ ދުވަހަކު ހަވީރު 5 އިން ރޭގަނޑު 8 އަކަށް ކާފިއު ދަނީ ހިންގަމުންނެވެ.

ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 ގެ 19 މީހަކު ފެނިފައިވާއިރު، އޭގެ ތެރެއިން 13 މީހަކު ވަނީ ރަނގަޅުވެފަ އެވެ. ބާކީ ހަ މީހުންގެ ތެރެއިން ހަތަރު މީހުންނަކީ ދިވެހިންނެވެ. އެއީ މުޅިން ވެސް އިނގިރޭސި ވިލާތުން ރާއްޖެ އައިސް ކަރަންޓީން ފެސިލިޓީތަކުގައި ބައިތިއްބާފައި ވަނިކޮށް، ބަލީގެ އަލާމާތް ފެނިގެން ކުރި ޓެސްޓުން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހުންނެވެ. ބާކީ ތިބި ދެ މީހުންނަކީ އެނބުރި ގައުމަށް ދިޔަ ފަހުން، ރާއްޖެ އިން ކުރި ޓެސްޓުގެ ނަތީޖާ ޕޮޒިޓިވް ޓޫރިސްޓުންނެވެ. އެއީ އިޓަލީގެ ދެ މީހުންނެވެ.