Roadha Mihaaru
"މަސައްކަލީ 2.0" އަށް ރަހުމާންގެ ނުސީދާ ރައްދެއް

"މަސައްކަލީ 2.0" އަށް އޭއާރް ރަހުމާންގެ ނުސީދާ ރައްދެއް

10 އެޕްރީލް 2020

މީގެ 11 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ދިއްލީ 6" ގައި ހިމެނުނު މަގުބޫލު ލަވަ "މަސައްކަލީ" ގެ އާ ވާޝަނެއް ގެނެސްދިނުމުން އޮރިޖިނަލް ލަވައިގެ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާންގެ އޭގެ ޓީމަށް ނުސީދާ ރައްދެއް ދީފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މީގެ 11 އަހަރު ކުރިން ރިލީޒްކުރި ފިލްމު "ދިއްލީ 6" ގައި ހިމެނުނު މަގުބޫލު ލަވަ "މަސައްކަލީ" ގެ އާ ވާޝަނެއް ގެނެސްދިނުމުން އޮރިޖިނަލް ލަވައިގެ މިއުޒިކް ޑައިރެކްޓަރު އޭއާރް ރަހްމާންގެ އޭގެ ޓީމަށް ނުސީދާ ރައްދެއް ދީފި އެވެ.

މޯހިތު ކިޔާފައިވާ ސޯލޯ ލަވައިގެ އާ ވާޝަނެއް ވީޑިއޯއާ އެކު ބުދަ ދުވަހު ޑުއެޓެއްގެ ގޮތުގައި ގެނެސްދިނީ ބުޝަން ކުމާރުގެ ޓީ ސީރީޒުންނެވެ. "މަސައްކަލީ 2.0" ގެ ނަން ދީފައިވާ މި ލަވައިގެ މިއުޒިކާ ކުޅެފައި ވަނީ ކުރީގެ މަގުބޫލު ލަވަތަކުގެ މިއުޒިކްގެ ތެރެއަށް މި ޒަމާނުގެ މިއުޒިކް ފައްތައިގެން ގެނެސްދިނުމުގެ މަސައްކަތް އެންމެ ގިނައިން ކުރާ ޒުވާން މިއުޒިކް ޑައިރެކްޓަރު ތަނިޝްގް ބަގްޗީ އެވެ. އަދި ލަވަ ކިޔާފައި ވަނީ ސަޗެތު ޓަންޑަނާއި ތުލްސީ ކުމާރެވެ.

އަބީޝެކް ބައްޗަނާއި ސޯނަމް ކަޕޫރް ކުޅުނު "ދިއްލީ 6" ގެ "މަސައްކަލީ" ވީޑިއޯ ލަވައެއްގެ ގޮތުގައިި ގެނެސްދިނީ ސިދާތު މަލްއުތުރާ އާއި ތާރާ ސުތާރިއާއާ އެކީގަ އެވެ.

މި ލަވަ އާންމުކުރުމާ އެކު ރަހްމާން ވަނީ ނުސީދާކޮށް ޓްވިޓާގައި ލަވައާ ދޭތެރޭ އޭނާ ހިތްހަމަނުޖެހޭ ކަހަލަ އިބާރާތްތަކެއް ހިއްސާކޮށްފަ އެވެ. ދެހާސް ނުވައެއްގައި ރިލިޒްކުރި ފިލްމު "ސްލަމްޑޯގް މިލިއަނާ" ގެ ލަވަ "ޖޭ ހޯ" އިން އޮސްކާ އެވޯޑް ވެސް ހޯދި ފަންނާނު ބުނީ އޭނާ އަށް ކަމުދަނީ އޮރިޖިނަލް ލަވަ ކަމަށެވެ. އަދި އެ ލަވަ އަކީ އެތައް ބަޔަކު ނިދި ނަގާލައި، އެތައް ދުވަހަކުން ކޮށްފައި އޮތް މަސައްކަތެއް ކަމަށާއި އެ މީހުންގެ އެ މަސައްކަތަކީ އެތައް ޖީލަކަށް ދެމިގެންދާނެ ކަހަލަ މިއުޒިކެއް ގެނެސްދިނުން ކަމަށް ބުންޏެވެ.

ރަހުމާނަކީ އިންޑިއާގެ އެންމެ ވަރުގަދަ އެއް މިއުޒިޝަނެވެ. އޭނާގެ ލަވަތަކަކީ އަބަދު ވެސް އާންމުންގެ ތެރޭގައި ވަރަށް ބޮޑު މަގުބޫލުކަމެއް ހޯދާ ލަވަތަކެކެވެ. "މަސައްކަލީ" ގެ އާ ވާޝަނެއް ގެނެސްދިން އިރު، މީގެ ކުރިން ވެސް ރަހުމާންގެ ބައެއް ހިޓް ލަވަތަކާ ކުޅެފައިވެ އެވެ.

އޭގެ ތެރޭގައި މިދިޔަ ޖެނުއަރީ މަހު ރިލީޒްކުރި ފިލްމު "ސްޓްރީޓް ޑާންސާ" ގައި ހިމެނޭ "މުގާބަލާ" އާއި 2017 ގައި ރިލީޒްކުރި ފިލްމު "އޯކޭ ޖާނޫ" ގައި ހިމެނޭ "ހައްމާ" ލަވައަކީ މިފަދަ ލަވަތަކެވެ.