Roadha Mihaaru
"ޕިއްޕާ" ގެ މިއުޒިކް އޭއާރް ރަހްމާނާ ހަވާލުކޮށްފި

އިޝާންގެ "ޕިއްޕާ" ގެ މިއުޒިކް އޭއާރް ރަހްމާނާ ހަވާލުކޮށްފި

05 ފެބުރުއަރީ 2021

ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ޒުވާން އެކްޓަރު އިޝާން ޚައްތަރުގެ އާ ފިލްމު "ޕިއްޕާ" ގެ މިއުޒިކް، އޮސްކާ ހާސިލުކޮށްފައިވާ އޭއާރް ރަހްމާނާ ހަވާލުކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ޝޫޓިން ފެށުމުގެ ތައްޔާރީތައް މިހާރު ވަމުން އަންނަ ޒުވާން އެކްޓަރު އިޝާން ޚައްތަރުގެ އާ ފިލްމު "ޕިއްޕާ" ގެ މިއުޒިކް، އޮސްކާ ހާސިލުކޮށްފައިވާ އޭއާރް ރަހްމާނާ ހަވާލުކޮށްފި އެވެ.

އިންޑިއާގެ އެންމެ ހުނަރުވެރި، މޮޅު އަދި ކާމިޔާބު މިއުޒިކް ޑައިރެކްޓަރުންގެ ތެރޭގައި ހިމެނޭ ރަހުމާނަކީ ބޮލީވުޑްގެ ފިލްމުތަކުގެ އިތުރުން ވަރަށް ގިނަ ތަމަޅަ ފިލްމުތަކުގެ މިއުޒިކް ވެސް ހަދާފައިވާ ފަންނާނެކެވެ.

އޭނާއާ މިއުޒިކް ހަވާލުކުރި "ޕިއްޕާ" އަކީ ސިދާތު ރޯއި ކަޕޫރާއި ރޯނީ ސްކްރޫވާލާ ގުޅިގެން ޕްރޮޑިއުސްކުރާ ފިލްމެކެވެ. އެ ދެ މީހުން ގުޅިގެން މި ފަހުން ގެނެސްދިން އެއް ފިލްމަކީ ޕްރިޔަންކާ ޗޯޕްޅާގެ 2019 ގެ "ދަ ސްކައި އިޒް ޕިންކް" އެވެ.

ޝާހިދު ކަޕޫރްގެ ކޮއްކޮ އިޝާންގެ "ޕިއްޕާ" އަކީ އޭނާ އިންޑިއާގެ އަސްކަރީ އޮފިސަރެއްގެ ރޯލުން ފެންނާނެ ހަނަގުރާމަ ފިލްމެކެވެ.

އިންޑިއާ އާއި ޕާކިސްތާނާ ދެމެދު 1971 ގައި ކުރި ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ފާހަގަވެގެން ދިޔަ ބްރިގޭޑިއާ ބަލްރާމް ސިންގް މެހެތާގެ ވާހަކަ ކިޔައިދޭ ފިލްމުގެ ކާސްޓްގައި މުރްނާލް ތާކޫރާއި ޕްރިޔަންޝޫ ޕައިނުލީ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު އިއުލާންކުރި "ޕިއްޕާ" ގެ ޑައިރެކްޓަރަކީ އަކްޝޭ ކުމާރުގެ "އެއާލިފްޓް" އާއި ސައިފް އަލީ ޚާންގެ "ޝެފް" ގެނެސްދިން ރާޖާ ކްރިޝްނާ މެނަން އެވެ.