Roadha Mihaaru
އާ އަހަރާ ދިމާކޮށް އަކްޝޭ ރާއްޖޭގައި

އާ އަހަރާ ދިމާކޮށް އަކްޝޭ އާއިލާއާ އެކީ ރާއްޖޭގައި

28 ޑިސެމްބަރ 2021

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އާ އަހަރާ ދިމާކޮށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ތަރި އަކްޝޭ ކުމާރު އާ އަހަރާ ދިމާކޮށް ޗުއްޓީއަށް ރާއްޖެ އަތުވެއްޖެ އެވެ.

އޭނާ އާއި އާއިލާ ޗުއްޓީ ހޭދަކުރާ ސޮނެވާފުށި ރިސޯޓްގައި ބައިސްކަލް ދުއްވާ ވީޑިއޯއެއް ވެސް ޕޯސްޓްކޮށްފައިވެ އެވެ. އަކްޝޭ އާއި ކުރީގެ ބަތަލާ ޓްވިންކަލް ކަންނާ އަކީ މީގެ ކުރިން ވެސް އެތައް ފަހަރެއްގެ މަތިން ރާއްޖެ އަށް ޒިޔާރަތްކޮށްފައިވާ ބައެކެވެ. ޓްވިންކަލްގެ އިންސްޓަގްރާމްގައި ވެސް ދަތުރުގެ ވީޑިއޯއެއް ޕޯސްޓްކޮށްފައިވެ އެވެ.

ބޮލީވުޑްގެ އެންމެ ބިޒީ އެކްޓަރުންގެ ތެރޭގައި ހިމެނޭ އަކްޝޭ އާ އަހަރާ ދިމާކޮށް ޗުއްޓީ އަށް ރާއްޖެ އައިސްފައި މި ވަނީ ފިލްމީ މަސައްކަތްތަކުގައި ބިޒީކޮށް އުޅެމުންނެވެ.

އެންމެ ފަހުން ރިލީޒްވި އޭނަގެ ފިލްމަކީ މިދިޔަ ހުކުރު ދުވަހު ޑިޒްނީ ޕްލަސް ހޮޓްސްޓާ އިން ޕްރީމިއާކުރި "އަތުރަންގީ ރޭ" އެވެ. މި އަހަރު ރިލީޒްވި އަކްޝޭގެ ފިލްމުތަކުގެ ތެރޭގައި "ބެލް ބޮޓަމް" އާއި "ސޫރިޔަވަންޝީ" ވެސް ހިމެނެ އެވެ.

އަންނަ މަހުގެ 21 ގައި އޭނަގެ "ޕްރިތުވީރާޖް" ވެސް ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވާ އިރު، އަންނަ އަހަރަށް ހުރި އަކްޝޭ، 54، ގެ އިތުރު ފިލްމުތަކުގެ ތެރޭގައި "ބައްޗަން ޕާންޑޭ" އާއި "ރަކްޝާ ބަންދަން" އާއި "ރާމް ސެތޫ" އާއި "އޯ މައި ގޯޑް (އޯއެމްޖީ) 2" ގެ އިތުރުން "މިޝަން ސިންޑްރެއްލާ" ހިމެނެ އެވެ.

ރާއްޖެ އަށް މިހާރު އެންމެ ގިނައިން ޓޫރިސްޓުން އަންނަ ގައުމުގެ ގޮތުގައި ފާހަގަކޮށްލެވޭ އިންޑިއާގެ މަޝްހޫރު ފިލްމީ ތަރިން މި ފަހުން ރާއްޖެ އަށް އަންނަ މިންވަރު ވަރަށް ބޮޑަށް އިތުރުވެފައިވެ އެވެ. އެހެންވެ 2022 އަށް މަރުހަބާ ޔުމާ ދިމާކޮށް ގިނަ އަދަދެއްގެ މަޝްހޫރު ތަރިންގެ ޗުއްޓީ މަންޒިލަކަށްވާނެކަމަށް ވަރަށް ބޮޑަށް ބެލެވެ އެވެ.

އާ އަހަރަށް މަރުހަބާ ކިޔަން ރާއްޖޭގައި އަންނަ ހުކުރު ދުވަހުގެ ރޭ ބާއްވާ ބޮޑު މިއުޒިކް ޝޯ ވެސް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ އިންޑިއާގެ މަޝްހޫރު ލަވަކިޔުންތެރިޔަކާ އެކީގަ އެވެ. އެއީ "އާޝިގީ 2" އާއި "އޭކް ވިލަން" އަދި "ބާގީ" ފަދަ ފިލްމުތަކަށް މިއުޒިކް ހަދައި ލަވަ ކިޔާފައިވާ އަންކިތު ތިވާރީ އެވެ.