Roadha Mihaaru
ނުވަ އަހަރުވީ މައްސަލައެއް ސުޕްރީމް ކޯޓުން ނުނިމި!

ނުވަ އަހަރުވީ ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ނުނިމި!

25 އޮކްޓޯބަރ 2022

ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ނުނިމި އޮންނަތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

ދުސްތޫރީ މައްސަލައެއް ސުޕްރީމް ކޯޓުގައި ނުނިމި އޮންނަތާ ނުވަ އަހަރަށް ވުރެ ގިނަ ދުވަސްވެއްޖެ އެވެ.

އެއީ، ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ މާއްދާއަކާ ގުޅޭގޮތުން އޭރުގެ ގައުމީ ޕާޓީގެ ފަރާތުން އިމާދު ސޯލިހު 2013 ވަނަ އަހަރު ހުށަހެޅުއްވި މައްސަލަ އެކެވެ. އޭނާ ހުށަހެޅުއްވީ 10،000 މެމްބަރުން ހަމަނުވާ ޕާޓީތައް އުވޭ ގޮތަށް އެ ގާނޫނުގައި އޮތް މާއްދާ ބާތިލު ކޮށްދިނުމަށެވެ.

ނަމަވެސް އެހެން ފަރާތަކުން ހުށަހެޅި މައްސަލައެއްގައި، 10،000 މެމްބަރުން ނުވާ ޕާޓީތައް އުވޭ މާއްދާ 2013 ވަނަ އަހަރު ސުޕްރީމް ކޯޓުން ބާތިލް ކުރި އެވެ. އެކަމަކު އިމާދު ހުށަހެޅުއްވި މައްސަލަ އަދިވެސް ކޯޓުގައި އެބައޮތެވެ.

ސުޕްރީމް ކޯޓުގެ އޮފިޝަލަކު ވިދާޅުވީ އިމާދު ހުށަހެޅުއްވި މައްސަލައިގައި، މިދިޔަ އަހަރުގެ ކުރީކޮޅު އަޑުއެހުމެއް ބޭއްވި ކަމަށާއި މިހާރު ކުރިއަށް ގެންދަނީ މައްސަލަ ނިންމުމަށްޓަކައި ދިރާސާ ކުރުމުގެ މަސައްކަތް ކަމަށެވެ.

އޮފިޝަލް ވިދާޅުވި ގޮތުގައި މައްސަލައިގެ އަޑުއެހުންތައް ނުބާއްވާ އެތައް އަހަރެއް ވެފައިވާތީ މައްސަލަ ހުށަހެޅި ފަރާތުގެ އަތުގައި ވެސް މައްސަލައިގެ ލިޔުންތައް ނެތިގެން ކޯޓުން އެ ތަކެތި ފޯރުކޮށްދިނެވެ. ކުރިން އެ މައްސަލަ އަށް ތަދައްޚުލް ވެފައިވާ ކަމަށް އެމްޑީއޭގެ ފަރާތުން ވެސް އިތުރަށް އެ މައްސަލައިގެ ތެރެއަށް ވަންނަން ބޭނުންނުވާ ކަމަށް އަންގާފައިވާ ކަމަށް އޮފިޝަލް ވިދާޅުވި އެވެ.

ސުޕްރީމް ކޯޓުގެ ބެންޗް ބަދަލުކުރި ފަހުން އެ ކޯޓުގައި ހުރި ގިނަ މައްސަލަތަކެއް ބާރު ސްޕީޑްގައި ކުރިއަށް ގެންގޮސް ދިޔައީ ނިންމަމުންނެވެ. ވޭތުވެދިޔަ ތިން އަހަރަކީ ސުޕްރީމް ކޯޓުގެ ތާރީހުގައި ވެސް، އެންމެ ގިނައިން މައްސަލަ ނިންމި ތިން އަހަރެވެ.