Roadha Mihaaru
މި ހާލަތުގައި ވެސް ފަރުވާއަކީ ގޭގައި ތިބުން: އަމީން

މި ހާލަތުގައި ވެސް ފަރުވާ އަކީ ގޭގައި ތިބުން: މިނިސްޓަރު އަމީން

15 އެޕްރީލް 2020

ކޮވިޑް-19 އިން ރައްކާތެރިވާން ދުރާލައި ގިނަ ޕްލޭންތަކަކާއި މަސައްކަތްތަކަކާ އެކު ކަންކަން ތަރުތީބު ކުރަމުން އައިސް، މާލެ ތެރެއިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ އެންމެ ބިރުވެރި ހާލަތުގެ އިންޒާރު ލިބިފައިވާ މި ދަނޑިވަޅުގައި ވެސް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލުކޮށް ގޭގައި މަޑުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

ކޮވިޑް-19 އިން ރައްކާތެރިވާން ދުރާލައި ގިނަ ޕްލޭންތަކަކާއި މަސައްކަތްތަކަކާ އެކު ކަންކަން ތަރުތީބު ކުރަމުން އައިސް، މާލެ ތެރެއިން މީހަކު އެ ބައްޔަށް ޕޮޒިޓިވްވެ އެންމެ ބިރުވެރި ހާލަތުގެ އިންޒާރު ލިބިފައިވާ މި ދަނޑިވަޅުގައި ވެސް އޮތް އެންމެ ރަނގަޅު ފަރުވާ އަކީ ކަމާބެހޭ އިދާރާތަކުގެ އިރުޝާދަށް އަމަލުކޮށް ގޭގައި މަޑުކުރުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން މިއަދު ވިދާޅުވެއްޖެ އެވެ.

އާއްމުންގެ ތެރޭގައި ވައިރަސް ފެތުރިއްޖެ ނަމަ ނުރައްކާ ބޮޑުވާނެ ކަމުގެ އިންޒާރު ދީ، ރައްކާތެރި ކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދޭން އެދެމުން ދަނިކޮށް މާލެތެރެއިން ވަނީ ކޮވިޑް-19 އަށް ޕޮޒިޓިވް މީހަކު މިއަދު ވަނީ ފެނިފަ އެވެ. އެހެންކަމުން، މިހާރު ފިޔަވަޅުތައް އަޅަމުން އަންނަނީ ބަލި އާއްމުންގެ ތެރޭގައި ފެތުރިއްޖެ ކަމަށް ބަލައިގެންނެވެ.

ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ އެހީ ބޭނުންވާ ވަގުތު ޖެހިފައިވާ ކަން ފާހަގަކުރައްވައި، ގޮވާލާ ވަގުތަކަށް ތައްޔާރުވެ ތިބުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.

އާއްމުންގެ ތެރޭގައި ބަލި ފެތުރިއްޖެ ހާލަތަކަށް ވެސް ކަމާބެހޭ ފަރާތްތަކުން ތައްޔާރުވެފައިވާ ކަމުގެ ޔަގީންކަން ދެއްވަން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ހެލްތު މިނިސްޓަރު އަމީން ތަކުރާރުކޮށް ހަނދާންކޮށްދެއްވީ މި ބަލީގައި ދެންވެސް އޮތް ފަރުވާ އަކީ "ގޭގައި ތިބުން" ކަމަށެވެ. އާއްމުންގެ ތެރޭގައި ފެތުރުނަ ނުދޭން ގިނަ ފިޔަވަޅުތަކެއް އަޅަމުން އައިއިރު ވެސް ކަމާބެހޭ އިދާރާތަކުގެ ކޮންމެ ދުވަހެއްގެ އިރުޝާދަކީ ބޭރުތެރޭގައި ނޫޅެ، ރައްކާތެރިކަމުގެ ފިޔަވަޅުތަކަށް ސަމާލުކަން ދިނުމެވެ.

އެއީ، މާލެތެރޭގައި ފެތުރި، އެތައް ބަޔަކަށް އެއްފަހަރާ ފަރުވާދޭން ޖެހިއްޖެ ނަމަ ތަކުލީފްތަކެއް އުފުލަން ޖެހޭނެތީ އެވެ.

ފުރަތަމަ ކޭސްއެއް ފެންނަ ހިސާބުން އާއްމުންގެ ބޮޑު އެއްބާރުލުމެއް ބޭނުންވާކަން ފާހަގަކުރައްވައި މިނިސްޓަރު ވިދާޅުވީ އޭގެ ބޭނުމަކީ ޕޮޒިޓިވްވި މީހާއާ ކޮންޓެކްޓްވި އެންމެން ދެނެގަނެ، އެ މީހުން އެކަހެރިކޮށް، އަލާމާތްތައް ފެންނަ މީހުންނަށް ފަރުވާދޭން ފެށުން ކަމަށެވެ.

މިހާރު ކުރިމަތިވެފައިވާ ހާލަތުގައި ވެސް އެކަކު އަނެކެއްގެ ކިބައިގައި ބަހައްޓަން ޖެހޭ ދުރުމިން ނުބަހައްޓައި ހާސްވެ، ކޮންމެހެން ކުރަން ނުޖެހޭ ކަންކަން ކުރުމާއި ފިހާރަތަކަށް އެއްވެ އެންމެން އެއްފަހަރާ ވިޔަފާރިކުރުން ފަދަ ކަންކަން ނުކުރަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ.

"އާއްމުންނަށް ބޭނުންވާނެ ހުރިހާ އަސާސީ ޚިދުމަތްތަކެއް ފޯރުކޯށްދޭން ސަރުކާރުން އޮތީ ދުރާލައި ތައްޔާރުވެފައި،" އަމީން ވިދާޅުވި އެވެ.

މިއަދު ހަވީރު މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން، މިނިސްޓަރު އަމީން، ޑރ. ނަޒްލާ އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

މިއަދު ހަވީރު މީޑިއާ ބްރީފިންގައި އެންއީއޯސީގެ ތަރުޖަމާން، މިނިސްޓަރު އަމީން، ޑރ. ނަޒްލާ އަދި ޑރ. އަލީ ލަތީފް.---ފޮޓޯ: އަހުމަދު އަވްޝަން/މިހާރު

ދުނިޔޭގެ ހުރިހާ ގައުމުތަކުގެ ތަޖުރިބާއަކީ، މިނިސްޓަރު ފާހަގަކުރެއްވި ގޮތުގައި، އާއްމުންގެ ތެރެއިން ޕޮޒިޓިވް ކޭސްއެއް ފެނިއްޖެ ނަމަ ހަލުވިކަމާ އެކު ފެތުރުނަނުދީ ލަސްކުރެވެން އޮތް ފިޔަވަޅުތަކެއް އެޅުމެވެ. މިގޮތަށް ލަސްކުރެވޭ ނަމަ، ސިއްހީ ނިޒާމުގައި ފަރުވާދޭން ފަސޭހަވެގެންދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ރާއްޖެ އަށް އަމާޒުކޮށް ހެދި ލަފާކުރުންތަކުން ވެސް މި ދުވަސްވަރަކީ އާއްމުންގެ ތެރޭގައި ފެތުރިގެން ހިނގައިދާނެ ދުވަސްވަރެއް ކަން ފާހަގަކުރެވޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

މި ވަގުތުކޮޅުގައި ކެތްތެރިކަން އިސްކޮށް އެކަކު އަނެކަކަށް އަޅާލުމާއި އޯގާތެރިކަން އިސްކުރަން މިނިސްޓަރު އިލްތިމާސްކުރެއްވި އެވެ. މި ބައްޔަށް މީހަކު ޕޮޒިޓިވްވިއަސް އަދި އަލާމާތެއް ފެނުނަސް އެ މީހަކާ މެދު ތަފާތުކުރުން ނުގެންގުޅެން ވެސް މިނިސްޓަރު އަމީން އެދިވަޑައިގަތެވެ.

މިނިސްޓަރު ވިދާޅުވީ އާއްމުންގެ ތެރެއަށް ފެތުރުމާއެކު މި ދަނޑިވަޅަކީ ކުރިން ކުރަމުން އައި މަސައްކަތްތައް އެތައް ގުނައަކަށް އިތުރުކުރަން ޖެހިފައިވާ ދަނޑިވަޅު ކަމަށެވެ. ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ތިބި ސިއްހީ ހިދުމަތްތެރިންގެ އެހީ ބޭނުންވާ ވަގުތު ޖެހިފައިވާ ކަން ފާހަގަކުރައްވައި، ގޮވާލާ ވަގުތަކަށް ތައްޔާރުވެ ތިބުމަށް މިނިސްޓަރު އެދިވަޑައިގަތެވެ.