Roadha Mihaaru
އީޒީ ޖެޓްގައި މެދު ސީޓް ދެން ބަހައްޓާނީ ހުސްކޮށް

އީޒީ ޖެޓްގައި މެދު ސީޓް ދެން ބަހައްޓާނީ ހުސްކޮށް

20 އެޕްރީލް 2020

ކޮރޯނާވައިރަހާ ހެދި ދަތުރުފަތުރުގެ ހިދުމަތް ހުއްޓާލައި، ފްލީޓް އެއްކޮށްހެން ގްރައުންޑް ކުރުމަށް ފަހު، އަލުން ދަތުރުތައް ފަށާ އިރު، ކުރިއަށް އޮތް ތަނުގައި ވެސް ސޯޝަލް ޑިސްޓޭންްސިން ދެމެހެއްޓުމުގެ ގޮތުން ފްލައިޓްތަކުގެ މެދު ސީޓް ހުސްކޮށް ބަހައްޓަން އީޒީ ޖެޓުން ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ ހެދި ދަތުރުފަތުރުގެ ހިދުމަތް ހުއްޓާލައި، ފްލީޓް އެއްކޮށްހެން ގްރައުންޑް ކުރުމަށް ފަހު، އަލުން ދަތުރުތައް ފަށާ އިރު، ކުރިއަށް އޮތް ތަނުގައި ވެސް ސޯޝަލް ޑިސްޓޭންްސިން ދެމެހެއްޓުމުގެ ގޮތުން ފްލައިޓްތަކުގެ މެދު ސީޓް ހުސްކޮށް ބަހައްޓަން އީޒީ ޖެޓުން ނިންމައިފި އެވެ.

އެ އެއާލައިނުން ބުނީ މިއީ ރައްކާތެރިކަމުގެ ގޮތުން އަމަލުކުރަން މިހާރު ލާޒިމު އުސޫލެއް ކަމަށް ގަބޫލުކުރާ ކަމަށާއި އެ އުސޫލު އެ އެއާލައިންގައި ދަމަހައްޓަން ސީރިއަސްކޮށް ވިސްނަމުން އަންނަ ކަމަށެވެ.

ސޯޝަލް ޑިސްޓޭންސިން ނުވަތަ އިޖުތިމާއި ގައިދުރުކަމަކީ މުޅި ދުނިޔެ މި ވަގުތު ހަނގުރާމަކުރަމުންދާ ކޮވިޑް-19 އިން ރައްކާތެރިވުމަށް އެޅެން އޮތް އެންމެ މުހިއްމު އެއް ފިޔަވަޅެވެ. އަދި މިކަމަށް މުޅި ސިއްހީ ދާއިރާ އަންނަނީ ހިތްވަރުދެމުންނެވެ.

އީޒީޖެޓްގެ ސީއީއޯ ޖޯހަން ލަންޑްގެރެން ވިދާޅުވީ އެ އެއާލައިންގެ ފްލައިޓްތަކުގައި ޖެހިޖެހިގެން ހުންނަ ތިން ސީޓްގެ ތެރެއިން މެދު ސީޓް ހުސްކޮށް ބެހެއްޓުމަކީ ދަތުރުކުރާ މީހުން ވެސް މިހާރު ބޭނުންވާނެ ގޮތް ކަމަށް ގަބޫލުކުރައްވާ ކަމަށެވެ.

"އަދި މި ގޮތަށް ނިންމުމަކީ ޖެހިލުމެއް ނެތި ގިނަ ބަޔަކު ދަތުރުކުރަން ހިތްވަރު ލިބޭނެ ކަމެއް ކަމަށް ގަބޫލުކުރެވޭ." އޭނާ ވިދާޅުވި އެެވެ.

ޖޯހަން ވިދާޅުވީ އީޒީޖެޓްތަކުގެ ދަތުރުތައް އަލުން ފަށާ އިރު، ސޯޝަލް ޑިސްޓޭންސިން އަށް އަމަލުކުރަން ފެށުމަށް ފަހު، ޕެސެންޖަރުންގެ ފަރާތުން ލިބޭ ހިޔާލުތަކަށް ބެލުމަށް ފަހު، ކަމާބެހޭ ފަރާތްތަކާ މަޝްވަރާކޮށް އެކަމަކީ ދާއިމީ އުސޫލަކަށް ހަދަން ވެސް މަސައްކަތްކުރާނެ ކަމަށެވެ.

"މިއީ ތަޖުރިބާކޮށްލުމުގެ ގޮތުން ވެސް ފްލައިޓްތަކުގައި ކުރުން މުހިއްމު ކަމެއް. އަހަރެމެން މިކަން ފޭސްތަކަކަށް ރާވާލައިގެން ކުރިއަށް ގެންގޮސް ނަތީޖާއަކަށް ހަމައަށްދާނަން.،" ޖޮހާން ވިދާޅުވި އެވެ. "އަދި ގަބޫލު ވެސް ކުރެވޭ މިކަމަކީ ކަސްޓަމަރުން މިހާރު ބަލައިގަންނާނެ ކަމެއްކަން."

އިނގިރޭސިވިލާތުގެ އަގުހެޔޮ އެއާލައިނެއްގެ ގޮތުގައި މަޝްހޫރު އީޒީ ޖެޓްގެ ހިދުމަތް ވަގުތީ ގޮތުން މެދުކަނޑައިލީ އެ ގައުމުގައި މިދިޔަ މަހުގެ 23 ގައި ލޮކްޑައުން އިއުލާންކުރިތާ ހަފުތާއެއް ފަހުންނެވެ.

އީޒީ ޖެޓްގެ ހިދުމަތް ފެށީ 1990 ގަ އެވެ.