Roadha Mihaaru
99 އަހަރުގެ މީހެއްގެ ހިތްވަރު ގަދަ މަސައްކަތެއް

އުމުރުން 99 އަހަރުގެ މީހެއްގެ ހިތްވަރު ގަދަ މަސައްކަތެއް

20 އެޕްރީލް 2020

ކޮރޯނާވައިރަހާ އިނގިރޭސިވިލާތް ހަނގުރާމަކުރަމުން އަންނަ އިރު މިދުވަސްކޮޅު މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާ އެ ގައުމުގެ އެކަކީ އަސްކަރިއްޔާ އަށް ހިދުމަތްކުރި 99 އަހަރު މީހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ އިނގިރޭސިވިލާތް ހަނގުރާމަކުރަމުން އަންނަ އިރު މިދުވަސްކޮޅު މީޑިއާތަކުގެ ސަމާލުކަން ލިބިފައިވާ އެ ގައުމުގެ އެކަކީ އަސްކަރިއްޔާ އަށް ހިދުމަތްކުރި 99 އަހަރު މީހެކެވެ.

ކެޕްޓަން ޓޮމް މޯ މި މަހުގެ 30 ވަނަ ދުވަހު 100 ވަނަ އުފަން ދުވަސް ފާހަގަކުރާ އިރު ކޮންމެ ދުވަހަކު ކަހަލަ ގޮތަކަށް އޭނާގެ ވާހަކަތައް މީޑިއާތަކަށް އަރަނީ ކޮރޯނާވައިރަހާ ދެކޮޅަށް ކުރާ މަސައްކަތްތަކަށް އެހީވުމުގެ ގޮތުން ފަންޑް ރައިޒިން ހަރަކާތެއް ފަށައި، އެއަށް ލިބެމުން އަންނަ ތަރުހީބު ބޮޑުކަމުންނެވެ.

ބެޑްފޯޑްޝަޔާގައި ހުންނަ އޭނާގެ ބަގީޗާގެ ވަށައިގެން ފްރޭމެއްގެ އެހީގައި ޓޮމް އަންނަނީ ކޮންމެ ދުވަހަކު ވެސް ހިނގަމުންނެވެ. އޭނާ މި ދައްކާ ހިތްވަރަށް ސާބަސްދީ ފައިސާ ހަދިޔާކުރާ މީހުން އެއް ދުވަހުން އަނެއް ދުވަހަށް އަންނަނީ އިތުރުވަމުނެވެ. ބަގީޗާގެ ވަށައިގެން ޖެހި 100 ވަނަ ބުރު ޓޮމް ހަމަކުރީ މިދިޔަ ބުރާސްފަތި ދުވަހު އެވެ.

ޓޮމް ދައްކަމުން އަންނަ ހިތްވަރަށް އިނގިރޭސޫ ޝާހީ އާއިލާގެ ބޭފުޅުން ވެސް ތައުރީފުކުރައްވާފައިވެ އެވެ.

އެންމެ ހާހެއްހާ ޕައުންޑް އެއްކުރުމުގެ ނިޔަތުގައި "ޖަސްޓްގިވިންމީ" ޕޭޖްގައި ފެށި ފަންޑްރެއިން ކެމްޕޭނަށް މިހާތަނަށް ވަނީ 25 މިލިއަން ޕައުންޑް (31 މިލިއަން ޑޮލަރު) އަށް ވުރެ ބޮޑު އަދަދެއް ލިބިފަ އެވެ. މިއީ އެންމެ މީހަކު ފެށި ކެމްޕޭނަކުން ލިބުނު ރިކޯޑް އަދަދެއް ކަމަށް ވެސް ބައެއް މީޑިއާތަކުން ބުންޏެވެ. މި ފައިސާ ޓޮމް ހަދިޔާކުރާނީ ނެޝަނަލް ހެލްތު ސާވިސް (އެންއެޗްއެސް) އަށެވެ.

ޓޮމް ބުނީ ފަންޑް ހޯދަން ފެށި ހިނގުމުގެ ހަރަކާތަށް ލިބެމުން އަންނަނީ ކުރިން އުންމީދުކުރި ވަރަށް ވެސް ވުރެ ބޮޑު ތަރުހީބެއް ކަމަށެވެ. އެހެންވެ މިހާރު ނިންމާފައި ވަނީ އެޕްރީލް 30 ގައި 100 އަހަރު ފުރުމާ ހަމައަށް މި ހަރަކާތް ކުރިއަށް ގެންދަން ކަމަށް ބުންޏެވެ.

"މިއީ ވަރަށް ބޮޑު ހިތްވަރެއް. އަދި އުންމީދު އާކޮށްދިން ކަމެއް." ޓޮމް ބުންޏެވެ.

އޭނާ ބުނިގޮތުގައި ފައިސާ އެއްކުރުމުގެ ހަރަކާތެއް ފަށަން ނިންމީ ކޮރޯނާވައިރަހުގެ މި ބިރުވެރި ހާލަތުގެ ތެރޭގައި ފުރާނަ އަތްމައްޗަށް ލައިގެން ޑޮކްޓަރުންނާއި ނަރުހުންނާއި އެ ނޫން ވެސް ސިއްހީ އެހީތެރިން ކުރަމުން އަންނަ މަސައްކަތަށް ދޭ ހިތްވަރެއްގެ ގޮތުގަ އެވެ. އަދި އެކަން ހިތުގެ އަޑިން ބަލައިގަން ކަމަށާއި ރައްޔިތުންގެ ދިފާއުގައި އެ މީހުން ކުރަނީ ވަރަށް ވެސް ޝަރަފުވެރި، ފަހުރުވެތި މަސައްކަތެއް ކަމަށް ބުންޏެވެ.