Roadha Mihaaru
އިނގިރޭސި ޗެރިޓީއަކަށް ހެރީ އާއި މޭގަންގެ އެހީއެއް

އިނގިރޭސި ވިލާތުގެ ޗެރިޓީއަކަށް ޕްރިންސް ހެރީ އާއި މޭގަންގެ މާލީ އެހީއެއް

16 މާޗް 2021

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސި ޗެރިޓީ "މައިންޑް" އަށް ޕްރިންސް ހެރީ އާއި މޭގަން މާކަލް ފައިސާގެ އެހީއެއް ދެއްވައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ނަފުސާނީ މައްސަލަތަކާ ދެކޮޅަށް ހިލޭ ސާބަހަށް މަސައްކަތްކުރާ އިނގިރޭސި ޗެރިޓީ "މައިންޑް" އަށް ޕްރިންސް ހެރީ އާއި މޭގަން މާކަލް ފައިސާގެ އެހީއެއް ދެއްވައިފި އެވެ.

އެ އެހީ ދެއްވާފައި މި ވަނީ ދާދި ފަހުން އޯޕްރާ ވިންފްރީ އަށް ދެއްވި އިންޓަވިއުއެއްގައި ފިރިކަލުން ހެރީ ނިސްބަތްވާ ޝާހީ އާއިލާގެ ފަރާތުން އަމަލު ކުރި ގޮތުން ފުރާނަ ދުއްވައިލުމުގެ ވިސްނުންތަކެއް ގެންގުޅުއްވި ކަމަށާއި ނަފުސާނީ ގޮތުން ވަރަށް ހިތްދަތި ކަންތައްތަކެއް ތަޖުރިބާކުރައްވަން ޖެހިވަޑައިގަތް ކަމަށް މޭގަން ވިދާޅުވެފައި ވަނިކޮށެވެ. އެ އިންޓަވިއުގައި ދެއްކިވި ވާހަކަތަކާއި ދިމާވި މައްސަލަތަަކުން އަރައިގަތުމަށް ކުރެއްވި ކަންކަމުގެ ވާހަކަ އެ ކަމަނާ ވިދާޅުވެފައިވާތީ "މައިންޑް" ގެ ސޯޝަލް މީޑިއާގައި ޕްލެޓްފޯމްތަކުގައި މޭގަންގެ ހިތްވަރަށް ސާބަސްދީ ނަފުސާނީ މައްސަލަތަކަށް ދެކޮޅަށް ހޭލުންތެރިކަން އުފައްދަން މަސައްކަތްކޮށްފައިވާތީ އެކަމަށް ޝުކުރު ވެސް އަދާކޮށްފައިވެ އެވެ.

"މައިންޑް" އަށް މޭގަން އާއި ހެރީ ފައިސާގެ އެހީއެއް ދެއްވި ނަމަވެސް އަދަދެއް ހާމަކޮށްފައެއް ނުވެ އެވެ. އެހީ ދީފައި ވަނީ ހެރީގެ ދެކަނބަލުންގެ ނަމުގައި މިދިޔަ އަހަރު އުފެއްދެވި އާޗިވެލް ފައުންޑޭޝަންގެ ނަމުގަ އެވެ.

އެހީ ލިބުނުކަން ކަށަވަރުކޮށްދީ "މައިންޑް" ގެ ޑިރެކްޓަރު ކެތުލީން މިލެޒް ވިދާޅުވީ އެ އެހީ އަކީ މި ވަގުތަށް ޖަމިއްޔާ އަށް ލިބުނު ވަރަށް ބޮޑު އެހީއެއް ކަމަށެވެ.

"ފާއިތުވި އަހަރެއްހާ ދުވަހު ބޮޑު ބަލިމަޑުކަމެއްގެ ތެރޭގައި މުޅި ދުނިޔެ އޮތުމުން އަހަރެމެންގެ ފަންޑް ރައިޒިން ހަރަކާތްތައް ވެސް ހުއްޓި އެހީ ދެމުން ގެންދިޔަ އެކި އެކިއެ ފަރާތްތަކަށް ވެސް ދިމާވި މާލީ ދަތިތަކާ ހެދި މާލީ ގޮތުން ވަރަށް ބޮޑު ދަތިކަމެއްގެ ތެރޭގައި ތިއްބައި ހެރީ އާއި މޭގެންގެ ފަރާތްފުޅުން އެހީ ލިބުނީ،" ކެތުލީން ވިދާޅުވި އެވެ. "އެކަމަށްޓަކައި ވަރަށް ބޮޑަށް ޝުކުރު ވެސް އަދާކުރަން."

ހެރީ އާއި ބޭބޭފުޅު ޕްރިންސް ވިލިއަމަކީ ވަރަށް ކުރިއްސުރެން ފެށިގެން ނަފުސާނީ މައްސަލަތަކަށް ހޭލުންތެރިކަން އުފައްދައި، އެފަދަ މައްސަލަތަކާ ދެކޮޅަށް މަސައްކަތްކުރާ ޖަމިއްޔާ ޖަމާއަތްތަކަށް އެހީ ދެއްވަމުން ގެންދަވޭ ބޭފުޅުންނެވެ.

ކެތުލީން ވިދާޅުވި ގޮތުގައި މިދިޔަ އަހަރަކީ ކުރިއާ ހިލާފަށް ވަރަށް ގިނަ ބަޔަކަށް ނަފުސާނީ އެކިއެކި މައްސަލަތައް ދިމާވެގެން އެ މީހުންގެ އެހީ ވެސް ހޯދި އަހަރެކެވެ. އެހެންވެ އެކަމާ ދެކޮޅަށް ކުރާ މަސައްކަތްތަކަކީ ހުއްޓުމެއް ނެތި އަބަދު ވެސް ކިރަން ޖެހެ ކަމެއް ކަމަށާއި އެކަމަށް އަބަދު ވެސް މާލީ އެހީތެރިކަން ބޭނުންވާނެ ކަމަށް ވިދާޅުވި އެވެ.

"މައިންޑް" އަކީ ނަފުސާނީ މައްސަލަތަކާ ދެކޮޅަަށް އިނގިރޭސިވިލާތުގައި އެންމެ ފުޅާކޮށް މަސައްކަތް ކުރިއަށް އެއް ޗެރިޓީ އެވެ.

ހެރީ އާއި މޭގަންގެ އާޗިވެލް ފައުންޑޭޝަނުން މިހާތަނަށް އެކިއެކި ޖަމިއްޔާ ޖަމާއަތްތަކަށް މާލީ އެހީ ދީފައިވެ އެވެ. އެ ވާހަކަ އެ ބޭފުޅުންގެ ފައުންޑޭޝަންގެ އިންސްޓަގްރާމް އެކައުންޓްގައި ވެސް ހިއްސާކޮށްފައިވެ އެވެ.