Roadha Mihaaru
މާލޭން މުދާ ލިބުން ދަތިވެ ބޯޓުތަކަށް ނުފުރިފައި

މާލޭން މުދާ ލިބުން ދަތިވެ ބޯޓުތަކަށް ނުފުރިފައި

19 އެޕްރީލް 2020

ރަށްރަށުން މާލެ އައި ބޯޓުތައް ފުރަން ހުއްދަ ދިން ނަމަވެސް ދާން ޖެހެނީ ބޭނުންވާ މުދާ ހަމަނުވެ ކަމަށް ބޯޓުތަކުން މިއަދު ބުނެފި އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ރަށްރަށުން މާލެ އައި ބޯޓުތައް ފުރަން ހުއްދަ ދިން ނަމަވެސް ދާން ޖެހެނީ ބޭނުންވާ މުދާ ހަމަނުވެ ކަމަށް ބޯޓުތަކުން މިއަދު ބުނެފި އެވެ.

ނޯތު ހާބަރު ސަރަހައްދުގައި ގިނަ އަދަދެއްގެ ބޯޓުތައް ބަނދަރު ކޮށްފައިވާއިރު އެއީ ކުރިއަށް އޮތް ރޯދަ މަހާ ދިމާކޮށް ރަށްރަށަށް ބޭނުންވާ މުދާ ބަލައި އައި ބޯޓުތަކެކެވެ. ނަމަވެސް މާލެއިން ކޮވިޑް-19 އަށް ބަޔަކު ޕޮޒިޓިވްވުމާއެކު މުޅި މާލެ ސަރަހައްދު ލޮކްޑައުން ކުރުމުން ބޯޓުތަކަށް ނުފުރުނީ އެވެ.

މި ބޯޓުތަކަށް ޝަރުތުތަކާއެކު، ފުރުމުގެ ހުއްދަ ދޭން ފުލުހުން ވަނީ ނިންމައިފަ އެވެ. އެގޮތުން، ބޯޓުތަކުން ރަށަށް ދެވޭނީ ހަމައެކަނި ބޯޓުގެ ކްރޫއަށެވެ. އެއްވެސް އިތުރު މީހަކު ގެންދިއުން މަނަލެވެ.

މި ބޯޓުތަކުން ވާހަކަ ދެއްކި ބައެއް މީހުން މިއަދު "މިހާރު" އަށް ބުނީ ގިނަ ބޯޓުތައް މާލޭގައި ބަނދަރު ކޮށްފައި އޮންނަތާ މަހަކަށް ވުރެ ގިނަ ދުވަސް ވެއްޖެ ކަމަށެވެ. އަދި މިހާރު ދަތުރުކުރުމުގެ ހުއްދަ ލިބުނު ނަމަވެސް ދާން ޖެހޭނީ ގިނަ މުދާ ނުލައި ކަމަށް ބައެއް ބޯޓުތަކުގެ މީހުން ބުނެ އެވެ.

"އަޅުގަނޑުމެން މި ކޮޅުގައި ތިބޭތާ މިހާރު މަހަކާއި ދިހަ ވަރަކަށް ދުވަސް ވެދާނެ. ކުރިން ދިހަ ދުވަސް ތެރޭގައި ވިޔަފާރި ކޮށްގެން ރަށަށް ފުރޭވަރުވޭ އެކަމަކު މިހާރު މިއޮތް ހާލަތުގެ ސަބަބުން ބައެއް ތަކެތި ނުވެސް ލިބޭ،" ބޯޓެއްގެ ފަޅުވެރިއަކު ބުންޏެވެ.

ބޯޓަކަށް މުދާ އަރުވާފައި: މުދާ ލިބުން ދަތިވާތީ ފުރަން ޖެހެނީ މަދު މުދަލާއެކު ކަމަށް ފަޅުވެރިން ބުނޭ- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ބޯޓަކަށް މުދާ އަރުވާފައި: މުދާ ލިބުން ދަތިވާތީ ފުރަން ޖެހެނީ މަދު މުދަލާއެކު ކަމަށް ފަޅުވެރިން ބުނޭ- ފޮޓޯ: އަހުމަދު އަވްޝަން އިލްޔާސް/މިހާރު

ފަޅުވެރިން ބުނާ ގޮތުގައި ޑެލިވަރީގެ ހިދުމަތް ބައެއް ތަންތަނުން ދިން ނަމަވެސް އެ ހިދުމަތް ދެނީ މާލޭގެ ގެތަކަށް އެކަންޏެވެ. މިކަމުގެ ސަބަބުން ރަށްރަށުގެ ވިޔަފާރިވެރިންނަށް ދަތިތަކެއް ދިމާވެ ބޯޓަށް މުދާ ޑެލިވަރީ ކޮށްދިނުމުގައި ލަސްތަކެއް ހުރި ކަމަށް ބުންޏެވެ. ބައެއް މުދާ ނުލިބުނު ނަމަވެސް ބޯޓުތައް ފުރަން ތައްޔާރުވަނީ މިހާރު ހުރި މުދާ ވީހާ ވެސް އަވަހަށް ރަށްރަށަށް ފޯރު ކޮށްދިނުމަށް ކަމަށް ވެސް ބައެއް ވިޔަފާރިވެރިން ބުންޏެވެ.

"މިހާރު ވެސް ފިހާރަތުން ގުޅާވަރުން މިއުޅެނީ މުދާ ނުލިބިގެން. ދެން މި ވިސްނަނީ ހުއްދަ ލިބުނީމަ ހުރި މުދާ ހިފައިގެން ދާން. މިއަދު ދެން އެމްޕީއެލުން މުދާ ނެރެން ފެށީމަ އިތުރު މުދާ ވެސް ލިބޭނެ ކަމަށް މި ބަލަނީ،" ފަޅުވެރިއަކު ބުންޏެވެ.

މާލެ 14 ދުވަހަށް ލޮކްޑައުން ކުރީ ކޮވިޑް-19 އާއްމުންގެ ތެރޭގައި ފެތުރެން ފެށުމާއި ގުޅިގެންނެވެ. މިހާތަނަށް ރާއްޖެއިން 52 މީހަކު ކޮވިޑް-19 އަށް ޕޮޒިޓިވް ވެފައިވާއިރު އެންމެން ވެސް އެޗްޕީއޭއިން ދޭ އިރުޝާދުތައް ގަބޫލުކޮށް ގެއިން ބޭރަށް ނުދިއުމަށް ވަނީ އިލްތިމާސްކޮށްފ އެވެ. އަދި މި ދަނޑިވަޅު އެއް ރަށުން އަނެއް ރަށަށް ދަތުރު ނުުކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.