Roadha Mihaaru
ދެކުނު ފަރާތުގައި ނެރެއް ކަނޑައި ބޭނުން ކުރަން ފަށައިފި

މާލޭގެ ދެކުނު ފަރާތުގައި ނެރެއް ކަނޑައި ބޭނުން ކުރަން ފަށައިފި

19 ޖޫން 2016

މާލޭގެ ދެކުނު ފަރާތުގައި ފުރަތަމަ ފަހަރަށް ނެރެއް ކަނޑައި ބޭނުންކުރަން ފަށައިފި އެވެ.

މުހައްމަދު ޔާމީން މުހައްމަދު ޔާމީން

މާލޭގެ ދެކުނު ފަރާތުގައި ފުރަތަމަ ފަހަރަށް ނެރެއް ކަނޑައި ބޭނުންކުރަން ފަށައިފި އެވެ.

ޓްރެކް ދަނޑު ކުރިމަތިން ފަޅުތެރޭގައި ހެދި މި ނެރު ކެނޑީ ކުރިން މާލޭގެ ދެކުނުގައި ލާފައި އޮތް ގެރިގަލުގެ ތޮއްޓަށް ބޮޑެތި ބަދަލުތަކެއް ގެނެސްފަ އެވެ. މާލޭގެ ހުޅަނގު ދެކުނު ބަނދަރުން ފެށިގެން ހުޅަނގު ފަރާތުގެ ބޮޑު ސަރަހައްދެއް ވެސް ހިމެނޭ ގޮތަށް އިންޑްސްޓަރިއަލް ވިލެޖް ހެދުމުގެ މަސައްކަތް މިހާރު ދަނީ ކުރިއަށެވެ. އާ ނެރަކީ ސީދާ ދެކުނު ފަރާތުން އުޅަނދުތަކަށް ވަދެވޭ ގޮތަށް ތައްޔާރުކުރި ތަނެކެވެ.

މާލޭގެ ދެކުނު ފަރާތުގައި ކެނޑި ނެރު: މިތަން މިދިއަ ހަފުތާގައި ވަނީ ބޭނުންކުރަން ފަށާފައި

މާލޭގެ ދެކުނު ފަރާތުގައި ކެނޑި ނެރު: މިތަން މިދިއަ ހަފުތާގައި ވަނީ ބޭނުންކުރަން ފަށާފައި

ހައުސިން މިނިސްޓްރީގެ އޮފިޝަލަކު މިއަދު ވިދާޅުވީ އާ ނެރު މިދިޔަ ހަފްތާގައި ބޭނުންކުރަން ފަށާފައިވާ ކަމަށެވެ.

"އުޅަނދުފަހަރު މީގެ ކުރިން ދަތުރުކުރާ ދިމާލަކުން މިހާރު ނުދެވޭނެ، އެ ތަން ވާނީ ބަންދުކޮށްފައި. އެހެންވެ އުޅަނދުފަހަރު ވަންނަން ފަސޭހައަކަށް ނެރެއް ކެނޑީ،" ކަޅުތުއްކަލާ ކޮށީގެ ކުރިމަތިން ބަނދަރުގެ ބޮޑު ބައެއް ބަންދުކޮށްފައި އޮތް އޮތުމަށް އިޝާރަތްކުރައްވައި އޮފިޝަލް ވިދާޅުވި އެވެ.

މީގެ ކުރިން އެ ސަރަހައްދަށް އުޅަނދުފަހަރު ވަދެ ނުކުންނަނީ ވިލިމާލެ ފެރީ ޓާމިނަލް ކައިރިން ކަނޑާފައިވާ މައި ނެރުންނެވެ. އިންޑަސްޓްރިއަަލް ވިލެޖް ހަދާ ނިމުމުން އެ ނެރުން ވަދެގެން ދެކުނު ފަރާތަކަށް ނުދެވޭނެ އެވެ. އެހެންކަމުން ދެކުނު ފަރާތުން އުޅަނދުތައް ވަންނަން ނެރެއް ހަދަން ކުރިން ވެސް އޮތީ ނިންމައިފަ އެވެ.

ދެކުނު ފަރާތުގައި ނެރު ކަނޑާފައި އޮތް ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި

ދެކުނު ފަރާތުގައި ނެރު ކަނޑާފައި އޮތް ސަރަހައްދުގައި އުޅަނދުފަހަރު އަޅާފައި

ދެކުނު ފަރާތުގައި އަޅާފައި ހުރި ބައެއް ލޯންޗުފަހަރުގެ ކެޕްޓަނުންނާއި ފަޅުވެރިން މިއަދު ބުނީ އެ ސަރަހައްދުގައި ނެރެއް ކެނޑުމަކީ ލިބުނު ފަސޭހައެއް ކަމަށެވެ. ނަމަވެސް އެ ސަރަހައްދުގައި އުޅަނދުފަހަރު އަޅަން އޮތް ޖާގަ ކުޑަކަމުން ބޮޑެތި ދަތިތަކެއް ކުރިމަތިވާ ކަމަށް އެ މީހުން ބުނެ އެވެ.

މާލޭގެ ދެކުނު ފަރާތަކީ މާލެ ހިއްކުމުގެ ކުރިން ފުއްޓަރު ފަރާތެވެ. މާލެ ހިއްކައި، އެ ފަރާތުގައި ޖަޕާން ސަރުކާރުގެ ހިލޭ އެހީގެ ދަށުން ގެރިގަލުގެ ބޮޑު ތޮއްޓެއް ލީ 1987 ގައި މާލެ އަށް ބޮޑު ރާޅު އަރައި ލިބުނު ގެއްލުންތަކަށް ފަހު އެވެ. އަދި މިހާރު ވެސް ކަނޑު ގަދަ ދުވަސްކޮޅު އެ ފަރާތުގައި ބޮޑެތި ރާޅު އުފެދެ އެވެ. އެކަމަކު އާ ނެރު ކަނޑަން އެ ތޮށިގަނޑު ވަނީ ކުރިއަށް ވުރެ ދުރަށް ޖައްސާފަ އެވެ.

މާލޭގެ ހުޅަނގު ދެކުނު ފަރާތުގައި އެމްޓީސީސީއާ ހަވާލުކޮށްގެން އިންޑަސްޓްރިއަލް ވިލެޖެއް ހަދަނީ މާލެ ތެރޭގައި ކުރަމުން އަންނަ ސިނާއީ ބައެއް މަސައްކަތްތައް ބަދަލުކުރުމަށެވެ. ސަރުކާރުގެ ބަޖެޓުން މި މަޝްރޫއު އަށް 159 މިލިއަން ރުފިޔާ ހަރަދު ކުރެ އެވެ.