Roadha Mihaaru
ތެލުގެ އަގު ދަށްވެ ގަންނަ ފަރާތްތަކަށް ފައިސާ ދެނީ

ތެލުގެ އަގު ދަށްވެ ގަންނަ ފަރާތްތަކަށް ފައިސާ ދޭ ހާލަތަށް

21 އެޕްރީލް 2020

ދުނިޔޭގައި ތެލުގެ އަގު ފުރަތަމަ ފަހަރަށް މައިނަސްވެ ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ދޭން ޖެހޭ ހާލަތަށް ވެއްޓިއްޖެ އެވެ.

އިދުހާމް ނައީމް އިދުހާމް ނައީމް

ދުނިޔޭގައި ތެލުގެ އަގު ފުރަތަމަ ފަހަރަށް މައިނަސްވެ ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފައިސާ ދޭން ޖެހޭ ހާލަތަށް ވެއްޓިއްޖެ އެވެ.

ތެލުގެ އަގު މައިނަސްއަށް އިއްޔެ ވެއްޓުމަކީ މިހާތަނަށް ތެލުގެ އަގު އެވަރަށް ދަށްވި ފުރަތަމަ ފަހަރެވެ. އިއްޔެ ތެލުގެ އަގަށް ބަލާއިރު އެމެރިކާގެ މާކެޓުގައި ތެލުގެ އަގު ވަނީ ފީފާއެއް މައިނަސް 37.63 ޑޮލަރު (580ރ.) އަށް ވެއްޓިފަ އެވެ. އެއިން ދައްކައި ދެނީ ތެޔޮ އުފައްދާ ކުންފުނިތަކުން ތެޔޮ ގަންނަ ފަރާތްތަކަށް ފީފާއަކަށް 37.63 ޑޮލަރު ދައްކަން ތައްޔާރަށް ތިބި ކަމެވެ.

އެކަމަކު މިއަދު އަނެއްކާ ފީފާއެއްގެ އަގު ވަނީ 1.10 ޑޮލަރަށް އުފުލިފަ އެވެ.

ތެލުގެ އަގަށް މިހާ ބޮޑު ބަދަލެއް އައުމުގެ އެންމެ ބޮޑު އެއް ސަބަބަކީ ކޮވިޑް-19 ގެ ސަބަބުން ދުނިޔޭގެ ދަތުރުފަތުރާއި ފެކްޓަރީތައް ހުއްޓުމެވެ. މީގެ ސަބަބުން ތެޔޮ ގަންނަ މީހުންގެ އަދަދު މަދުވެ ރައްކާ ކުރަން ޖެހޭ އަދަދު ވަނީ އިތުރުވެފަ އެވެ.

މުޅި ދުނިޔޭގެ ހުރިހާ ސްޓޯރޭޖުތަކެއްގައި ރައްކާކުރެވޭ ކަމަށް ލަފާކޮށްފައިވަނީ 6.8 ބިލިއަން ފީފާގެ ތެލެވެ. މިހާރު ވެސް އޭގެ 60 ޕަސެންޓު ފުރިފައިވާއިރު ކުރިއަށް އޮތް މަސްތަކުގައި އުފައްދާ ތެޔޮ ރައްކާކުރާނެ ޖާގަ ނުހުންނާނެ ކަމަށް ތެޔޮ އުފައްދާ ކުންފުނިތަކުން އަންނަނީ ބުނަމުންނެވެ.

އެމެރިކާގައި ތެޔޮ ފީފާއެއްގެ އަގު މައިނަސްއަށް ވެއްޓުމުގެ އިތުރުން ތެޔޮ އުފައްދާ ގިނަ ގައުމުތަކުގައި ތެޔޮ ފީފާއެއްގެ އަގު ވެސް ވަނީ ސުމަކަށް ވެއްޓުނެވެ. މިއާ އެކު ތެލަކީ އަގެއް ނެތް އެއްޗެއްގެ ގޮތުގައި އިރުގަނޑެއް ވަންދެން އޮތެވެ. އަދި ދުނިޔެ މިހާރު އޮތް ހާލަތަށް ކުރިއަށް އޮތް މަސްތަކުގައި ބަދަލު ނާންނަ ނަމަ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު މައްޗަށް ނުގޮސް ހުންނާނެ ކަމަށް ތަޖުރިބާ ކާރުން ބުނެ އެވެ.

ކޮވިޑް-19އާ ގުޅިގެން ތެލުގެ އަގު ދަށްވާނެ ކަމަށް ގިނަ ތަޖުރިބާކާރުން ކުރިން ލަފާކުރި ނަމަވެސް މިއީ ލަފާކުރި ވަރަށް ވުރެ ވެސް ދަށް އަދަދުތަކެކެވެ. އޯޕެކްގެ ގައުމުތަކުން ވަނީ ތެލުގެ އަގު ދަށްވާނެ ކަމަށް ލަފާކޮށް ތެޔޮ އުފައްދާ މިންވަރު މަދުކުރަން މިދިޔަ މަހު އެއްބަސްވެފަ އެވެ.

މި އެއްބަސްވުމާ އެކު އޯޕެކް އަދި އޯޕެކް ޕްލަސްގެ ގައުމުތައް ކަމަށްވާ (ރަޝިޔާ އާއި އޯޕެކްގައި ނުހިމެނޭ ގައުމުތައް) މެދުގައި މިހާރު އެއްބަސްވެފައި ވަނީ ތެޔޮ އުފައްދާ މިންވަރު 10 ޕަސެންޓް މަދުކުރުމަށެވެ. މިއީ ތެޔޮ އުފައްދާ މިންވަރު އެހާ ބޮޑު ތަނުން މަދުކުރި ވެސް ފުރަތަމަ ފަހަރެވެ.

އެކަމަކު ބައެއް ތަޖުރިބާކާރުން ބުނާ ގޮތުގައި އެއީ ތެލުގެ އަގު އަރުވަން ބަލާ ނަމަ އަދިވެސް މަދު މިންވަރެކެވެ.

ތެލުގެ އަގު ބޮޑަށް ވެއްޓުނީ ސައުދީ އަރަބިއާ އާއި ރަޝިޔާއާ ދެމެދު އުފެދުނު ދެބަސްވުމުގަ އެވެ. ކޮވިޑް-19 އާ ގުޅިގެން އިގުތިސާދަށް ލޮޅުން އެރި ފުރަތަމަކޮޅު، ތެޔޮ އުފައްދާ މިންވަރު ދަށްކުރަން، ދުނިޔޭގައި އެންމެ ގިނައިން ތެޔޮ އުފައްދާ ސައުދީ އާއި ސައުދީއާ ވާދަކުރާ ރަޝިޔާއިން އެއްބަހެއް ނުވި އެވެ. އެހެންކަމުން ގިނަ ދުވަސްތަކެއް ދިޔައީ، ދެ ގައުމުން ވެސް އެންމެ މަތީ މިންވަރުގައި ތެޔޮ އުފައްދަމުންނެވެ.