Roadha Mihaaru
"ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ"

ބޯޓުތަކަށް ރަނގަޅު އަގެއްގައި ތެޔޮ ފޯރުކޮށްދެވޭނެ: ވިޓޯލް

21 ސެޕްޓެމްބަރ 2024

ރާއްޖެއާ ކައިރި އެހެން ސަރަހައްދުތަކަށް ވުރެ ރަނގަޅު އަގެއްގައި، ބޯޓުތަކަށް ރާއްޖެއިން ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެސްޓީއޯއާ އެކު ބަންކަރިން ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ރިޝާބް ބާލް ވިދާޅުވެއްޖެ އެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖެއާ ކައިރި އެހެން ސަރަހައްދުތަކަށް ވުރެ ރަނގަޅު އަގެއްގައި، ބޯޓުތަކަށް ރާއްޖެއިން ތެޔޮ ފޯރުކޮށްދެވޭނެ ކަމުގެ ޔަގީންކަން އެބަ އޮތް ކަމަށް އެސްޓީއޯއާ އެކު ބަންކަރިން ހިދުމަތް ދިނުމުގައި ބައިވެރިވާ ވިޓޯލްގެ މެނޭޖިން ޑިރެކްޓަރު ކެޕްޓަން ރިޝާބް ބާލް ވިދާޅުވެއްޖެ އެވެ.

އިހަވަންދިއްޕޮޅު ޒޯންގައި އޮފްޝޯ ބަންކަރިންގެ ހިދުމަތް އެމްޕީއެލް އިން ވިޓޯލްއާ ގުޅިގެން ދޭއިރު، ބަންކަރިން ހިދުމަތުގެ ދަށުން ބޯޓްތަކަށް ބޭނުންވާ ތެޔޮ ފޯރުކޮށްދިނުމުގެ މަސައްކަތް ކުރާނީ ސީދާ އެސްޓީއޯއިންނެވެ.

ބަންކަރިންގެ ހިދުމަތް ފަށަން މިދިޔަ ބުރާސްފަތިދުވަހު ހއ. ހޯރަފުށީގައި ބޭއްވި ރަސްމިއްޔާތަށް ފަހު "މިހާރު" އަށް ދެއްވި ހާއްސަ އިންޓަވިއުގައި ރިޝާބު ވިދާޅުވީ، ރާއްޖެއާ ކައިރި ބަންކަރިން ހިދުމަތްދޭ ތަންތަނުގައި އަހަރުގެ އެކި ހިސާބުތަކުގައި ތެލުގެ އަގުގައި ބޮޑެތި ފަރަގު ތަކެއް އެބަހުރި ކަމަށެވެ. އެހެން ނަމަވެސް، ރާއްޖެއިން އެއް ރޭންޖެއްގައި ތެލުގެ އަގު، އަހަރުގެ ކޮންމެ ހިސާބެއްގައި ވެސް ހިފެހެއްޓިފައި ހުރުމަކީ، އަގުގެ ގޮތުން ރާއްޖެއަށް ނެގޭނެ ފައިދާއެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ބޯޓުތަކުގެ އޯނަރުންނާއި ބަންކާ ހިދުމަތް ހޯދާ ފަރާތްތަކުގެ ނެޓްވޯކާ ވިޓޯލްގެ ރަނގަޅު ގުޅުމެއް އެބަ އޮތް. އަޅުގަނޑުމެންގެ ތަޖުރިބާއާ އެކު މިއީ ރާއްޖޭގައި ކާމިޔާބު ވިޔަފާރިއަކަށް ހެދޭނެ. މި މަސައްކަތް ކުރަނީ ހިދުމަތް ހޯދާ ފަރާތްތަކުން އިތުރު ކުރެވޭތޯ،" އޭނާ ވިދާޅުވި އެވެ.

ބަންކަރިން ހިދުމަތް ދޭން ދެ ބޯޓު ކައިރި ކުރަނީ. އެސްޓީއޯއިން މި ހިދުމަތް ދެނީ ދެ ބޯޓެއް ބޭނުންކޮށްގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ބަންކަރިން ހިދުމަތް ދޭން ދެ ބޯޓު ކައިރި ކުރަނީ. އެސްޓީއޯއިން މި ހިދުމަތް ދެނީ ދެ ބޯޓެއް ބޭނުންކޮށްގެން. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ވިޓޯލް އިން މިހާރު ވެސް އަންނަނީ ސިންގަޕޫރާއި ޔޫއޭއީ އާއި މޮރިޝަސްގައި ވެސް ބަންކަރިންގެ ހިދުމަތް ދެމުންނެވެ.

އޭނާ ވިދާޅުވީ، ބަންކަރިން ހިދުމަތަކީ ވަރަށް ފުޅާ ހިދުމަތެއް ކަމަށާއި، އެކަމުން ހަގީގީ ނަފާ ހޯދޭނީ ގިނަ ދުވަހު އެ މަސައްކަތުގައި ތިބެ، ކަސްޓަމަރުންގެ އިތުބާރު ހޯދިގެން ކަމަށެވެ.

އޭނާ ވިދާޅުވި ގޮތުގައި ވިޓޯލް އަކީ މިހާރު ވެސް އެ ސަރަހައްދުން ދަތުރު ކުރާ އެތައް ބޯޓަކާ ގުޅުން އޮތް، ދުނިޔޭގެ ގިނަ ބޯޓު ފަހަރަށް އެނގޭ ކުންފުންޏެކެވެ. އެކަމުގެ ފައިދާ ރާއްޖެއަށް ލިބި، ރާއްޖެއިން އެ ހިދުމަތް ފުޅާ ކުރާނެ ކަމުގެ އުންމީދު ވަރަށް ބޮޑު ކަމަށް އޭނާ ވިދާޅުވި އެވެ.

ތެޔޮ އެޅުމަށް ބޭނުންވާ ހޮޅި ގުޅާލަނީ. މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ވަނީ އޮފްޝޯ ބަންކަރިން ހިދުމަތް ދޭން ފަށާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ތެޔޮ އެޅުމަށް ބޭނުންވާ ހޮޅި ގުޅާލަނީ. މިދިޔަ ބުރާސްފަތި ދުވަހު އެސްޓީއޯއިން ވަނީ އޮފްޝޯ ބަންކަރިން ހިދުމަތް ދޭން ފަށާފައި. -- ފޮޓޯ: ނިޝާން އަލީ | މިހާރު

ރިޝާބު ވިދާޅުވީ، ރާއްޖެ ގުދުރަތީ ގޮތުން އޮންނަ ސަރަހައްދަކީ އެތައް ބޯޓެއް ދަތުރުކުރާ ސަރަހައްދަކަށްވުމުން އޭގެ ފައިދާ ވެސް ރާއްޖެއަށް ހޯދޭނެ އެވެ. ރާއްޖެ އޮންނަ އަށް ޑިގްރީ ސަރަހައްދުން 300 އެއްހާ ބޯޓު ދަތުރު ކުރެ އެވެ. އޭގެ އެއް ޕަސެންޓު ރާއްޖެއަށް ހޯދިއްޖެ ނަމަ، އެ ވިޔަފާރިން 400 މިލިއަން ޑޮލަރުގެ އާމްދަނީ އެއް ލިބޭނެ ކަމަށް ސަރުކާރުން އަންދާޒާކުރެ އެވެ.