Roadha Mihaaru
އަޖުމަ ބަލައިލަން ދޮންކެޔޮ ޕާނެއް ފިހަމާ

އަޖުމަ ބަލައިލަން ދޮންކެޔޮ ޕާނެއް ފިހަމާ

22 އެޕްރީލް 2020

މި ދުވަސްކޮޅު ގޭގައި ތިބެން ޖެހުމަކީ އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ބޭނުން ކުރެވޭނެ ދުވަސްކޮޅެކެވެ. މިއީ އެއްގޮތަކުން ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ. ސަބަބަކީ އަމިއްލަ އަށް ކައްކާލައިގެން ވީހާ ވެސް ތާޒާކޮށް ކާން ފުރުސަތު ލިބުމެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

މި ދުވަސްކޮޅު ގޭގައި ތިބެން ޖެހުމަކީ އެކި ވައްތަރުގެ ކާނާ ތައްޔާރުކޮށްގެން ބޭނުން ކުރެވޭނެ ދުވަސްކޮޅެކެވެ. މިއީ އެއްގޮތަކުން ވަރަށް ރަނގަޅު ކަމަކަށް ވާނެ އެވެ. ސަބަބަކީ އަމިއްލަ އަށް ކައްކާލައިގެން ވީހާ ވެސް ތާޒާކޮށް ކާން ފުރުސަތު ލިބުމެވެ.

ކެފޭ/ރެސްޓޯރަންޓްތަކުގެ ކެއުންތައް ނުވަތަ ބަންދުކޮށްފައި ހުންނަ ތައްޔާރީ ކެއުންތަކަށް ވުރެ މި ގޮތް ހުރިހާ ގޮތަކުން ވެސް މާ ރަނގަޅު ވާނެ އެވެ. ހަރަދު ކުޑަވެފައި ސިއްހަތަށް ވެސް މާ ރަނގަޅުވާނެ އެވެ. އެގޮތުން ސިއްހީ ގޮތުން އެންމެ ފައިދާ ހުރި ކާނާތަކަށް އިސްކަން ދިނުން ވަރަށް މުހިއްމެވެ. ކުރިއަށް އޮތީ ރޯދަ މަސް ކަމަށްވުމާ އެކު ކުރިން ތަޖުރިބާނުކުރާ ރެސިޕީއެއް ހޯދާލައިގެން މި ދުވަސްކޮޅު ބޭނުންކުރެވިދާނެ އެވެ.

އެގޮތުން ބަނާނާ ބްރެޑް ނުވަތަ ދޮންކެޔޮ ޕާނަކީ ހަމަ ވަރަށް ރަނގަޅު ހޮވުމަކަށް ވާނެ އެވެ. މިއީ އަނގަޔަށް މީރު އަދި ހެނދުނާއި ހަވީރުގެ ސަޔަށް ވެސް ރަނގަޅު އެއްޗަކަށް ވާނެ އެވެ. އެހެންވެ ދޮންކެޔޮ ޕާނެއް ތައްޔާރުކޮށްލަމާ ހިނގާށެވެ.

* ބޭނުންވާ ތަކެތި:

1 ޖޯޑު ދޮންކެޔޮ (ހެޔޮވަރު ވަރުގެ ތިން ވަކުން ފުދޭނެ/ޗަސްކޮށްފައި)

½1 ޖޯޑު ހަކުރު

¾ ތެޔޮ (ބޭނުން ނަމަ ބަޓަރު ވެސް ބޭނުންކުރެވޭ)

4 ބިސް

96 ގްރާމް އިންސްޓަންޓް ވެނީލާ ކަސްޓަޑް (ޕުޑިން)

½2 ޖޯޑު ފުށް

1 ސައިސަމުނާ ލޮނު

2 ސައިސަމުސާ ބޭކިން ޕައުޑަރު

* ތައްޔާރުކުރާނެ ގޮތް:

އެންމެ ފުރަތަމަ އަވަން 175 ޑިގްރީގައި ހޫނުކޮށްލާށެވެ. އެއަށް ފަހު ޕާން ފިހަން ބޭނުންކުރާ ޓްރޭގައި ތެޔޮ ނޫނީ ބަޓަރު އުނގުޅާފައި ބަހައްޓާށެވެ. އެއަށް ފަހު ޕާނަށް ބޭނުންވާ ހުރިހާ އެއްޗެއް ހެޔޮވަރު ތައްޓަކަށް އަޅާފައި މިކްސްކުރާށެވެ. ފުށްގަނޑު ތައްޔާރުކުރާ ކަހަލަ މެޝިނެއް ހުރި ނަމަ އެއިން މިކަން ކޮށްލަން މާ ފަސޭހަވާނެ އެވެ.

ހުރިހާ އެއްޗެއް ރަނގަޅަށް މިކްސްކޮށް، ފުށްގަނޑު ރަނގަޅަށް ތައްޔާރުކޮށްލެވުމުން ޓްރޭގެ ތެރޭގައި ބޭއްވުމަށް ފަހު 55 މިނިޓްވަންދެން ފިހެލާށެވެ.

މި ޕާން ތައްޔާރުކުރާ އިރު، ރަހަ އިތުރަށް މީރުކޮށްލަން ބޭނުން ނަމަ ހިކި މޭބިސްކަދުރު ނުވަތަ ނަޓްސް ވެސް ކުދިކޮށް ކޮށާފައި ފުށްގަނޑަށް އިތުރުކޮށްލެވިދާނެ އެވެ.