13 އޮކްޓޯބަރ 2016
ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން މިއަދު ނިންމުމާ އެކު، ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލި އަދި ކުޅިވަރުގެ ތަމްރީނުގެ ގިނަ ފުރުސަތުތައް ރާއްޖެ އަށް ބަންދުވެގެންދާނެ އެވެ.
ކޮމަންވެލްތުން ވަކިވާން ދިވެހި ސަރުކާރުން މިއަދު ނިންމުމާ އެކު، ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސްގައި ބައިވެރިވުމުގެ ފުރުސަތު ރާއްޖެ އަށް ގެއްލި އަދި ކުޅިވަރުގެ ތަމްރީނުގެ ގިނަ ފުރުސަތުތައް ރާއްޖެ އަށް ބަންދުވެގެންދާނެ އެވެ.
ދުނިޔޭގެ 53 ގައުމަކުން ބައިވެރިވާ މި ޖަމާއާތުގެ މެމްބަރު ގައުމުތަކުގެ މެދުގައި ކޮންމެ ހަތަރު އަހަރުން އެއް ބާއްވާ ކޮމަންވެލްތު ގޭމްސް އަކީ ދުނިޔޭގެ އެންމެ ބޮޑު އެއް ކުޅިވަރު ހަރަކާތެވެ. އަށާރަ ކުޅިވަރެއްގެ 261 އިވެންޓް އޮންނަ މި ގޭމްސްގައި ހަތަރު ހާހެއްހާ އެތުލީޓުން ބައިވެރިވެ އެވެ.
މޯލްޑިވްސް އޮލިމްޕިކް ކޮމިޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު މަރުޒޫގު (މަރޭ) ވިދާޅުވީ އޮލިމްޕިކް ގޭމްސް ނިމުމަށް ފަހު ކޮމަންވެލްތު ގޭމްސްއާ ދޭތެރޭ އޮންނަ ދެ އަހަރުގެ ތެރޭގައި އެތުލީޓުން ތަމްރީންކުރުމާއި ކޯޗުން ހަމަޖެއްސުން ފަދަ ކަންކަން ކުރަނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ އެހީގައި ކަމަށާއި އެ އެހީތައް ކެނޑިގެން ދިއުމަކީ ކުޅިވަރަށް ލިބޭ ބޮޑު ހީނަރުކަމެއް ކަމަށެވެ.
ރާއްޖެ އަށް 2018 ވަނަ އަހަރުގެ ނިޔަލަށް އެތުލީޓުން ތަމްރީން ކުރުމަށް އެހީތެރިކަން ލިބޭނީ ކޮމަންވެލްތު ގޭމްސް އާއި ކޮމަންވެލްތު ޔޫތު ގޭމްސް އަދި ޔޫތު އޮލިމްޕިކްސްގެ ބަޖެޓުގެ ތެރެއިންނެވެ. ކޮމަންވެލްތުން ވަކިވުމާ އެކު ކުރިއަށް އޮތް ދެ އަހަރަށް ލިބެން އޮތް އެހީގެ ތެރެއިން ތިން ބައިކުޅަ ދެ ބައި އެހީ ކެނޑިގެންދާނެ އެވެ.
"އޮލިމްޕިކްސްގެ ކުރީ ދެ އަހަރު އަބަދުވެސް އެތުލީޓުން ރާއްޖޭން ބޭރުގައި ތަމްރީންކޮށް ޓީމުތައް ރާއްޖޭން ބޭރަށް ކޭމްޕްތަކަށް ފޮނުވައި އަދި ކޯޗުން ހަމަޖައްސަނީ އޮލިމްޕިކް ކައުންސިލްގެ އެހީގައި. އޮލިމްޕިކްސް އަށް ފަހު ދެން އޮންނަ ދެ އަހަރު އެ ހުރިހާ އެހީތެރިކަމެއް ފޯރުކޮށްދޭނީ ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން. ދެން އަޅުގަނޑުމެންނަށް އެ އެހީތަކެއް ނުލިބޭނެ،" މަރުޒޫގު ވިދާޅުވި އެވެ.
ރާއްޖޭން ކޮމަންވެލްތުން މިއަދު ވަކިވީ، ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުގެ ބައްދަލުވުމެއް މި ހަފުތާގައި ބާއްވައި އަންނަ އަހަރުގެ ޕްރޮގްރާމްތައް ހަދައި ބަޖެޓް ކަނޑައަޅާފައިވަނިކޮށެވެ. އެ ބައްދަލުވުމުގައި ރާއްޖެ އަށް ކަނޑައެޅި އެހީތަކުގެ ތެރޭގައި ނެޓްބޯޅައަށް ކޯޗުން ހަމަޖެއްސުމާއި ގޭމްސްގައި އަލަށް ހިމަނާފައިވާ ބީޗް ވޮލީބޯޅަ ޓްރެއިނިން ދިނުމުގެ އިތުރުން ބެޑްމިންޓަނަށް އެހީ ދިނުން ހިމެނެ އެވެ.
"އަޅުގަނޑުމެން މި އަހަރުގެ އޮލިމްޕިކްސް އަށް ފަހު ވެސް ވަރަށް ގިނަ އެތުލީޓުންގެ ތަމްރީންތައް އެބަ ކުރިއަށް ގެންދަން އަންނަ އަހަރު ކޮމަންވެލްތުން ބަޖެޓް ލިބޭނެތީ އޭގެ ތެރޭގައި ހިމަނައިގެން. ފެތުންތެރިޔާ ނިޝްވާންގެ ސްކޮލަޝިޕް ވެސް ދެން އަޅުގަނޑުމެން ކުރިއަށް ގެންދާ ގޮތަށް އޮތީ ކޮމަންވެލްތުގެ އެހީގައި. އެކަމަކު މި ނިންމުމާ އެކު އަޅުގަނޑުމެންނަށް އެ ބަޖެޓެއް ނުލިބޭނެ،" މަރުޒޫގު ވިދާޅުވި އެވެ.
ގޭމްސް މެދުވެރިކޮށް ދޭ އެހީތަކުގެ އިތުރުން ކޮމަންވެލްތު ގޭމްސް ފެޑެރޭޝަނުން އެހެނިގެން ގޮތްގޮތުން ވެސް ރާއްޖޭގެ ކުޅިވަރަށް އެހީތެރިކަން ފޯރުކޮށްދެ އެވެ. ކޮމަންވެލްތު ގޭމްސް އަކީ ދިވެހި އެތުލީޓުންނަށް އޮލިމްޕިކްސްގެ ކުރިން ދުނިޔޭގެ މަތީ ފަންތީގެ އެތުލީޓުންނާ ވާދަކޮށް ތަޖުރިބާ ހޯދައި އަދި ރާއްޖޭގެ ނިސްބަތުން ކާމިޔާބީ ހޯދުމަށް ލިބޭ ޕްލެޓްފޯމެކެވެ.
އޮލިމްޕިކް ކޮމިޓީން މިހާރު ވެސް ވަނީ 2018 ވަނަ އަހަރު އޮސްޓްރޭލިއާގެ ގޯލްޑް ކޯސްޓުގައި ބާއްވާ ކޮމަންވެލްތު ގޭމްސް އިން ކާމިޔާބީ ހޯދުމަށް ޓާގެޓްކޮށް ޕްލޭންތައް ހަދައި ބައެއް އެތުލީޓުން ތަމްރީންތަކަށް ފޮނުވައިފަ އެވެ. އަދި އެ ކޮމިޓީން އަލަށް ތަމްރީންތަކަށް ފޮނުވަން މަސައްކަތްކުރާ ގިނަ އެތުލީޓުންގެ އެއް އަމާޒަކީ ވެސް އެ ގޭމްސް އެވެ.
ކުޅިވަރު ޕްރޮޖެކްޓަށް ސީޖީއެފުން އެހީދޭނެކަމުގެ އިޝާރާތް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
ކޮމަންވެލްތު ގޭމްސް: ދިވެހި ޓީމު ބާމިންހަމަށް
ކޮމަންވެލްތު ގޭމްސް އިން ރާއްޖެއަށް އަލުން ފުރުސަތުދީފި
ކޮމަންވެލްތުން ވަކިވުމުން އެތުލީޓުން މާޔޫސްވެފައި
"ޓޫރިޒަމް ކުރިއަރުވާނީ ތިމާވެށި ރައްކާތެރިކޮށްގެން"
ކޮމަންވެލްތު ގޭމްސް އިން ބެޑްމިންޓަން އުނިކޮށްފި
ތަރައްގީގައި ޕްރައިވެޓް ސެކްޓާގެ ބައިވެރިވުން މުހިންމު
ކޮމަންވެލްތު ބައްދަލުވުމަށް ނައިބު ރައީސް ސަމޯއާގައި
ސިޑްސްއަށް ދޭ އެހީތެރިކަން ފުޅާކުރުމަށް ބާރުއަޅުއްވައިފި