ކޮމަންވެލްތު ގޭމްސް 2030 ވަނަ އަހަރު އިންޑިއާގެ އަހުމަދުއާބާދުގައި ބާއްވަން ނިންމައިފި އެވެ.
ކޮމަންވެލްތު ގޭމްސް 2030 ވަނަ އަހަރު އިންޑިއާގެ އަހުމަދުއާބާދުގައި ބާއްވަން ނިންމައިފި އެވެ.
ކޮމަންވެލްތު ގޭމްސް ފެޑެރޭޝަން (ސީޖީއެފް) ގެ އެގްޒެކެޓިވް ކޮމިޓީގެ ހުށަހެޅުމާ އެއްގޮތަށް މި ނިންމުން ނިންމީ ސްކޮޓްލެންޑުގެ ގްލާސްގޯގައި ބޭއްވި ޖެނެރަލް އެސެމްބްލީގަ އެވެ. އަހުމަދުއާބާދުގެ އިތުރަށް ގޭމްސް ބާއްވަން ބިޑުކުރީ ނައިޖީރިއާގެ ވެރިރަށް އަބޫޖާ އިންނެވެ. އެކަމަކު އެގްޒެކެޓިވް ކޮމިޓީން ބުރަވީ އަހުމަދުއާބާދަށެވެ.
އިންޑިއާގެ ކޮމަންވެލްތު ގޭމްސް އެސޯސިއޭޝަނުގެ ރައީސް ޑރ. ޕީޓީ އުޝާ ވިދާޅުވީ ސީޖީއެފް އިން އެ ގައުމަށް ކުރި އިތުބާރާ މެދު ފަހުރުވެރިވާ ކަމަށެވެ.
އިންޑިއާގައި ބާއްވާ ގޭމްސްގައި ކޮމަންވެލްތު ގޭމްސް ބާއްވަން ފެށިތާ 100 އަހަރު ފުރުމުގެ މުނާސަބާ ވެސް ފާހަގަކުރާނެ އެވެ.
އިންޑިއާގެ ހުޅަނގު ފަރާތު އައްސޭރިފަށުގައި އޮންނަ ގުޖުރާތު ސްޓޭޓުގެ ވެރިރަށް އަހުމަދުއާބާދުގައި މިހާރު އެ ގައުމުގައި އެންމެ ބޮޑަށް ތަރައްގީވަމުން އަންނަ އެއް ސިޓީ އެވެ. ގޭމްސް ބާއްވާނީ އެ ސިޓީގައި އަލަށް ބިނާކޮށްފައިވާ ނަރެންދުރާ މޯދީ ސްޓޭޑިއަމުގަ އެވެ. ޖުމްލަ 132،000 މީހުންނަށް ވަދެވޭ މި ސްޓޭޑިއަމަކީ ދުނިޔޭގެ އެންމެ ބޮޑު ކްރިކެޓް ދަނޑު ވެސް މެ އެވެ.
މިއީ އިންޑިއާގައި ކޮމަންވެލްތު ގޭމްސް ބާއްވާ ދެ ވަނަ ފަހަރެވެ. މީގެ ކުރިން ބޭއްވީ 2010 ގައި ވެރިރަށް ނިއު ދިއްލީގަ އެވެ.
އިނގިރޭސީން އިސްތިއުމާރުކުރި ގިނަ ގައުމުތަކެއް ހިމެނޭ ބައިނަލްއަގްވާމީ ޖަމިއްޔާއެއް ކަމަށްވާ ކޮމަންވެލްތު ގޭމްސްގެ ކުރިމަގާ މެދު މިދިޔަ އަހަރު ސުވާލު އުފެދުނެވެ. އެއީ އަންނަ އަހަރުގެ ގޭމްސް ބޭއްވުމުގެ ފުރުސަތު އޮސްޓްރޭލިއާގެ ވިކްޓޯރިއާ އިން ދޫކޮށްލުމުންނެވެ. ބާއްވަން ކުރަން ޖެހޭ ހޭދަ ބޮޑުކަމަށް ބުނެ ވިކްޓޯރިއާ އިން ފަހަތަށް ޖެހުމުން ގޭމްސް ހޯސްޓްކުރާނެ ގައުމެއް ހޯދުންވީ އުނދަގޫ ކަމަކަށެވެ. އެންމެ ފަހުން އެކަމަށް އެއްބަސްވީ ގްލާސްގޯ އިންނެވެ.
އިންޑިއާ އިން 2030 ގެ ފުރުސަތު ހޯދި އެންމެ ބޮޑު ސަބަބަކީ ކުރިމަގުގައި އޮލިމްޕިކް ގޭމްސް ބާއްވަން ކުރާ އުއްމީދެވެ. އެގޮތުން މި ގޭމްސް ކާމިޔާބުކަމާ އެކު ބޭއްވިއްޖެ ނަމަ 2036 ގެ އޮލިމްޕިކްސްގެ ބިޑު އިންޑިއާ އަށް ކާމިޔާބުވުމުގެ ފުރުސަތު ބޮޑު ކަމަށް އެ ގައުމުން ދެކެ އެވެ.
ކޮމަންވެލްތު ގޭމްސް އިން ބެޑްމިންޓަން އުނިކޮށްފި
ކުޅިވަރު ޕްރޮޖެކްޓަށް ސީޖީއެފުން އެހީދޭނެކަމުގެ އިޝާރާތް
ސީޖީއެފްގެ ބޮޑު ބައްދަލުވުމެއް ރާއްޖޭގައި ފަށައިފި
2026 ގެ ކޮމޮންވެލްތު ގޭމްސް ނުބޭއްވިދާނެ
ސޮލިޑާރިޓީ ގޭމްސްގެ ކުއާޓާ ފައިނަލަށް ރަފާ ދަތުރުކޮށްފި
އަންހެން ޓީމުން ރިލޭގެ ރެކޯޑް މުގުރާލައިފި
ހުސައިން ސީޖީގައި، ސިނާން އާއި އަފްސަހް ސާފުގައި
ކޮމަންވެލްތު ގޭމްސްގައި ފެތުމުގެ ގައުމީ ރެކޯޑްތަކެއް
ޒަމާންވީ 100 މީޓަރުގެ ރެކޯޑް ހިމްނާ މުގުރާލައިފި
ކޮމަންވެލްތު ގޭމްސް ބަލާލުމަށް ދިރާގު ޓީވީ