Roadha Mihaaru
ހަބުލްގެ އުމުރުން 30 އަހަރު، މި ހިތްގައިމު ފޮޓޯއިން

ހަބުލްގެ އުމުރުން 30 އަހަރު، މި ހިތްގައިމު ފޮޓޯއިން

25 އެޕްރީލް 2020

އަޖައިބެއް ފަދަ ހިތްގައިމު ފޮޓޯއަކާ އެކު، އެމެރިކާގެ ޖައްވީ ޓެލެސްކޯޕް، ހަބުލްގެ 30 ވަނަ އަހަރީ ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.

މޫސާ ލަތީފް މޫސާ ލަތީފް

އަޖައިބެއް ފަދަ ހިތްގައިމު ފޮޓޯއަކާ އެކު، އެމެރިކާގެ ޖައްވީ ޓެލެސްކޯޕް، ހަބުލްގެ 30 ވަނަ އަހަރީ ދުވަސް އިއްޔެ ފާހަގަކޮށްފި އެވެ.

ކާއިނާތުގެ ބޮޑެތި އެތައް އަޖައިބެއް ދައްކައިދޭ އެތައް ހާސް ފޮޓޯއެއް މިހާރު ވެސް ނަގާފައިވާ ހަބުލް އިން މިފަހަރު، އޭގެ އުފަންދުވަހު، އާންމުކުރީ މިލްކީ ވޭ ގެލެކްސީ ކައިރީގައި ތަރިތަކެއް އުފެދެމުން އަންނަ ސަރަހައްދެއްގެ ފޮޓޯއެކެވެ. އެ ސަރަހައްދު އޮތީ ދުނިޔެއާ 163،000 އަލި އަހަރު ދުރުގަ އެވެ.

މި ފޮޓޯއިން ސިފަކޮށްދޭ ކަނޑު އަޑީގެ މަންޒަރާ ހެދި ފަލަކީ އިލްމުވެރިން އެއަށް ދިން ވަނަމަކީ "ކޮސްމިކް ރީފް" އެވެ.

ފޮޓޯގައި ރަތް ކުލައިން ބޮޑުކޮށް އެ ފެންނަނީ އެތައް ތަރިއެއް އުފެދެމުން އަންނަ ސަރަހައްދެކެވެ. އެ ސަރަހައްދުގެ ބައެއް ތަރިތައް، އަހަރެމެންގެ އިރާ އަޅާބަލާއިރު، މާ ބިޔަވެފައި، ވަރުގަދަ އެވެ.

ފޮޓޯގެ ތިރީގައި ނޫ ކުލައިން އެ ފެންނަނީ، އިރާ އަޅާބަލާއިރު 200،000 ގުނައަށް ވުރެ އަލި ގަދަ ތަރިއަކުން އުފެދިފައި އޮތް ހިތްގައިމު މަންޒަރެކެވެ. އެ ނޫ ކުލަ ފެތުރިފައި ވަނީ، ސައިންސްވެރިން ބުނާ ގޮތުގައި، އެ ތަރިން ދޫކުރާ ގޭހުގެ ސަބަބުންނެވެ.

ހަބުލް ޓެލެސްކޯޕަކީ، ފަލަކީ އިލްމުވެރިންނަށް ނާސާ އިން ދިން ވަރަށް ބޮޑު ހަދިޔާއެކެވެ. އެ ޓެލެސްކޯޕް 1990 ގައި ޖައްވަށް ފޮނުވާލި އިރު، ޖެހުނު މައްސަލައަކާ ގުޅިގެން، ކާއިނާތުގެ ފޮޓޯތައް ފެނުނީ ފުސްކޮށެވެ. އެކަމަކު އެސްޓްރޮނޯޓުން ގޮސް، އެ މައްސަލަ ރަނގަޅުކުރި ފަހުން، ހަބުލް އިލްމީ ތާރީޚުގެ ތެރެއަށް ވަނީ، އޭގެ ކުރިން ފެނިފައި ނުވާ ފަދަ އަދި ކާއިނާތުގެ އެތައް ސިއްރަކާއި އަޖައިބެއް ތަފްސީލުކޮށްދިން ޓެލެސްކޯޕެއްގެ ގޮތުގަ އެވެ.

ބައެއް ސައިންސްވެރިން ބުނާ ގޮތުގައި މިއީ މިހާތަނަށް އުފެއްދި ސައިންސްގެ އެންމެ މުހިންމު އާލާތެވެ. އަދި ވެސް މި ޓެލެސްކޯޕް އެތައް އަހަރަކު ބޭނުންކުރެވޭނެ އެވެ.

ހަބުލް ސްޕޭސް ޓެލެސްކޯޕްގެ 25 ވަނަ އަހަރު އާންމުކުރި މި ފޮޓޯ އިން ފެންނަނީ ތަރިތަކުން ފުރިފައިވާ ސަރަހައްދެކެވެ.

ހަބުލް ސްޕޭސް ޓެލެސްކޯޕްގެ 25 ވަނަ އަހަރު އާންމުކުރި މި ފޮޓޯ އިން ފެންނަނީ ތަރިތަކުން ފުރިފައިވާ ސަރަހައްދެކެވެ.

ހަބުލް ދެމެހެއްޓުމުގެ މަސައްކަތް އެމެރިކާގެ ޖައްވީ އިދާރާ ނާސާއިން މިހާރު ކުރިއަށް ގެންދަނީ ޔޫރަޕިއަން ސްޕޭސް އެޖެންސީއާ ގުޅިގެންނެވެ. ނާސާ އިން ބުނާ ގޮތުގައި ޓެލެސްކޯޕް މަސައްކަތްކުރާހާ ހިނދަކު، މަޝްރޫއު ނިމުމަކަށް ނާންނާނެ އެވެ. ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި ކުރިއަށް އޮތް 10 އަހަރު ވެސް ހަބުލް ބޭނުންކުރެވޭނެ އެވެ.

މިހާތަނަށް ޝާއިއުކުރި ސައިންސްގެ ހޯދުންތަކުގެ 1،000 ކަރުދާސް ބިނާކޮށްފައި ވަނީ ހަބުލް މެދުވެރިކޮށް ލިބިގަތް މައުލޫމާތުތަކުގެ މައްޗަށެވެ. އެހެންކަމުން މިއީ އެއް އާލާތަކަށް ބަލާ ނަމަ ވަރަށް ބޮޑު ހާސިލްވުމެކެވެ.

މުހިންމު އެތައް ހޯދުމެއް، ކުރިން ނޭނގޭ އެތައް ކަމެއް

ޖައްވަށް ހަބުލް ފޮނުވުމުގެ ކުރިން ކާއިނާތުގެ އުމުރަކީ 10 ބިލިއަން އަހަރު ކަމެއް ނުވަތަ 20 ބިލިއަން އަހަރު ކަމެއް ލަފާކުރާކަށް ނޭނގެ އެވެ. އެކަމަކު ހަބުލް އިން ނެގި މާ ދުރުގެ ތަރިތަކެއް ދިރާސާކުރުމުން ސައިންސްވެރިން މިހާރު ލަފާކުރަނީ ކާއިނާތު އުމުރަކީ 13.8 ބިލިއަން އަހަރު ކަމެވެ.

ހަބުލް މެދުވެރިކޮށް ކުރި ދިރާސާތަކުން ޔަގީންކޮށްދިން އަނެއް ކަމަކީ، ކާއިނާތު ބޮޑުވަމުން ދާ މިންވަރެވެ. އެ ހޯދުމަށް ނޯބެލް އިނާމު ވެސް ލިބިފައިވެ އެވެ.

ގެލެކްސީތަކުގެ މެދުގައި ބިޔަ ބްލެކް ހޯލްތައް އުފެދިފައި ވާކަން ވެސް ޔަގީންކޮށްދިނީ ހަބުލް ބޭނުންކޮށްގެން ސައިންސްވެރިން ކުރި ދިރާސާތަކުންނެވެ.

ހަބުލް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ މި ފޮޓޯ އިން އެ ފެންނަނީ ގޮވާފައިވާ ތަރިއެއް ގޮވައިގެން އުފެދިފައި އޮތް ގޭހުގެ ބިޔަވެގެންވާ ރާޅުބާންޏެއް

ހަބުލް ސްޕޭސް ޓެލެސްކޯޕުން ނަގާފައިވާ މި ފޮޓޯ އިން އެ ފެންނަނީ ގޮވާފައިވާ ތަރިއެއް ގޮވައިގެން އުފެދިފައި އޮތް ގޭހުގެ ބިޔަވެގެންވާ ރާޅުބާންޏެއް

ޖައްވަށް ހަބުލް ފޮނުވާލުމުގެ ކުރިން، ކާއިނާތުގެ އެހެން ހިސާބުތަކުން އެއްވެސް ޕްލެނެޓެއްގެ ނިޝާނެއް ސައިންސްވެރިންނަށް ހޯދިފައެއް ނުވެ އެވެ. އެކަމަކު ހަބުލް ބޭނުންކޮށްގެން ލިބުނު މައުލޫމާތުތަކުން މިހާރު އެނގިފައިވާ ހަގީގަތަކީ އެހެން ބައެއް ތަރިތަކުގެ ވަށައިގެން ވެސް ޕްލެނެޓްތައް ދައުރުވަމުން އަންނަ ކަމެވެ. އެކަން ދެނެގަންނަނީ އެ ތަރިތަކުގެ ބެބުޅުމަށް އަންނަ ބަދަލުތަކަށް ވެސް ބަލައިގެންނެވެ.

ނާސާއިން މިހަރު ތައްޔާރުވަމުން އަންނަނީ ހަބުލްއަށް ވުރެ މާ އެޑްވާންސް އަދި މާ ބޮޑު ޖައްވީ ޓެލެސްކޯޕެއް ފޮނުވާލާށެވެ. ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕް (ޖޭޑަބްލިޔުއެސްޓީ) ޖައްވަށް ގެންދާނީ އަންނަ އަހަރު އެވެ. އެކަމަކު މި ބިޔަ ޓެލެސްކޯޕްގެ ސަބަބުން ހަބުލްގެ ބޭނުމެއް ނުކެނޑޭނެ އެވެ. އޭގެ ބަދަލުގައި، ކާއިނާތުގެ ސިއްރުތައް ދެނެގަތުމުގެ ބައެއް މަސައްކަތްކުރާނީ ދެ ޓެލެސްކޯޕް ވެސް ބޭނުންކޮށްގެން ކަަމަށް، ސައިންސްވެރިން ބުނެ އެވެ.