Roadha Mihaaru
މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު

މިއީ ކާއިނާތުން އަހަރެމެންނަށް ވެލިފުކެއްގެ ސައިޒު

12 ޖުލައި 2022

މި ފެންނަނީ ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯ އެވެ. ނާސާ އިން ބުނި ގޮތުގައި މިއީ އިންސާނެއްގެ އަތުކޮޅަށް ވެލިފުކެއް ނަގައި އެޔަށް ބަލައިލުމުން ޖައްވު ތެރެއިން ފޮރުވޭހާ ކުޑަކުޑަ ޖާގަޔަކުން ފެންނަ މަންޒަރެވެ.

ނިއުމަތުﷲ އިދުރީސް ނިއުމަތުﷲ އިދުރީސް

މި ފެންނަނީ ނާސާއިން މިދިޔަ ޖެނުއަރީ މަހު ޖައްވަށް ފޮނުވާލި ޖޭމްސް ވެބް ސްޕޭސް ޓެލެސްކޯޕުން ނެގި ފުރަތަމަ ފޮޓޯތަކުގެ ތެރެއިން އެއް ފޮޓޯ އެވެ. ނާސާ އިން ބުނި ގޮތުގައި މިއީ އިންސާނެއްގެ އަތުކޮޅަށް ވެލިފުކެއް ނަގައި އެޔަށް ބަލައިލުމުން ޖައްވު ތެރެއިން ފޮރުވޭހާ ކުޑަކުޑަ ޖާގަޔަކުން ފެންނަ މަންޒަރެވެ.

މިއީ ގެލެކްސީތަކުގެ ތެރެއިން SMACS 0723 ގެ ނަން ދީފައިވާ ގެލެކްސީން ތަންކޮޅެކެވެ. ކާއިނާތުން މިހާތަނަށް ފެނިފައިނުވާ މި މަންޒަރު ފުރަތަމަ ފަހަރަށް އާންމުކޮށް ދައްކާލީ އެމެރިކާގެ ވައިޓް ހައުސްގައި ބޭއްވި ހާއްސަ އިވެންޓެއްގައި ރައީސް ޖޯ ބައިޑެން އެވެ.

"މިއީ މިހާތަނަށް ކާއިނާތުގެ އެންމެ ފުނުން ނެގި ފޮޓޯ،" ނާސާގެ އެޑްމިނިސްޓްރޭޓަ ބިލް ނެލްސަން ވިދާޅުވި އެވެ.

ގާތްގަނޑަކަށް 4.6 ބިލިއަން އަހަރު ކުރިން އުފެދުނު ކަމަށް ބެލެވޭ މި ގެލެކްސީތަކާއި ތަރިތަކުގެ ތެރޭ މީގެ ކުރިން ދުވަހަކު ވެސް އެއްވެސް ގޮތަކަށް ފެނިފައިނުވާ އެއްޗެހި ވެސް ހިމެނެ އެވެ. މިއީ 7،600 ލައިޓް އިޔާ ނުވަތަ 7،600 އަހަރުން އަލި ދަތުރުކުރާ ދުރުމުގައި އޮތް ހިސާބެކެވެ.

"ކާއިނާތަށް ބަލާއިރު މިއީ ބިންމަތީގައި ހުރެ އިންސާނެއްގެ އަތުކޮޅަށް ދަމާލައިގެން ހުރެ ވެލިފުކަކަށް ބެލުމުން ފޮރުވޭހާ ތަންކޮޅެއް،" ފޮޓޯގެ ތަފްސީލް ދެމުން ނާސާއިން ނެރުނު ބަޔާނުގައި ބުނެފައިވެ އެވެ.

ވެބްސް ޓެލެސްކޯޕްގެ ނިއަ-އިންފްރާރެޑް ކެމެރާއިން، 12.5 ގަޑިއިރުން، މުޅިން ތަފާތު ވޭވްލެންތެއްގައި ނެގި މި ފޮޓޯ މީގެ ކުރިން ބޭނުންކުރި ހަބްލް ޓެލެސްކޯޕުން ނަގާ ނަމަ ނެގޭނީ އެތައް ހަފްތާއަކުންނެވެ.

އަލަށް ނެގި ފޮޓޯތަކުން އެއް ފޮޓޯ، ހާއްސަ ރަސްމިއްޔާތެއްގައި އާންމުކޮށްފައި ވާއިރު މިއަދުގެ ވަގުތެއްގައި މީގެ އިތުރު ފޮޓޯތައް ދައްކާލާނެ އެވެ.

ޖޭމްސް ވެބް ޓެލެސްކޯޕްގެ މަސައްކަތް

ކާއިނާތުގައި އެންމެ ފުރަތަމަ ފިޔަޖަހަން ފަށައި އަލިކަން ފޯރުކޮށްދޭން ފެށި ކަމަށް ބެލެވޭ ތަރިތައް ހޯދައި އޭގެ މައުލޫމާތު އެއްކުރުމުގެ ބޮޑު މިޝަނަށް ތައްޔާރުކުރި 10 ބިލިއަން ޑޮލަރުގެ ޓެލެސްކޯޕް ޖައްވުގެ އޯބިޓަށް ފޮނުވާލުމުގެ ދަތުރު ފެށީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު އެވެ. މިހާރު ޖައްވީ ފޮޓޯތައް ނަގަން ބޭނުންކުރާ ހަބްލް ޓެލެސްކޯޕަށް ވުރެ 100 ގުނަ ބާރުގަދަ ޖޭމްސް ވެބް ޓެލެސްކޯޕް އޭގެ މަސައްކަތް ފަށާފައި މި ވަނީ ދުނިޔެއާ 1.5 މިލިއަން ކިލޯމީޓަރު ދުރުގަ އެވެ.

ސައިންސްވެރިން ގަބޫލުކުރާ ގޮތުގައި މި ކާއިނާތުގެ އެންމެ ފުރަތަމަ ތަރިތައް އުފެދުނީ މީގެ 13.7 ބިލިއަން އަހަރު ކުރިންނެވެ. އެއީ 13.5 ބިލިއަން އަހަރު ކުރިން އައި ބިގް ބޭންގަށް ފަހުގަ އެވެ. އެއީ ބިގް ބޭންގްގެ ފަހުން އެއްވެސް އަލިކަމެއް ނެތި އޮތް "ޑާކް އޭޖް" އަށް ފަހުގަ އެވެ. ގެލެކްސީތައް އުފެދެން ފެށުނު ކަމަށް ބެލެވެނީ 13 ބިލިއަން އަހަރު ކުރިންނެވެ.

ޖޭމްސް ވެބް ބޭނުންކޮށްގެން ހޯދަން ބޭނުންވާ އެންމެ މުހިންމު ކަމަކީ ޑާކް އޭޖަށް ފަހު އުފެދުނު، އެންމެ ފުރަތަމަ ތަރިތަކެވެ.

ދުނިޔެއާ 150 މިލިއަން ކިލޯމީޓަރު ދުރުގައިވާ އިރުން ދުނިޔެއަށް އަލިކަން އަންނަން އަށް މިނެޓް ހޭދަވެ އެވެ. މާނަ އަކީ އިރުގެ އަލިކަން ގެއްލިއްޖެ ނަމަ އެކަން އަހަރެމެންނަށް އެނގެން ވެސް އަށް މިނެޓް ހޭދަވުމެވެ. އަހަރެމެންގެ ސޯލާ ސިސްޓަމުން ބޭރުގައިވާ އަހަރެމެންނާ އެންމެ ކައިރި ތަރިން ދުނިޔެއާ ހަމައަށް އަލިކަން އަންނަން ގާތްގަނޑަކަށް ހަތަރު އަހަރު ހޭދަވެ އެވެ. އެންމެ ފުރަތަމަ އުފެދުނު ތަރިތަކުން ދުނިޔެއަށް އަލިކަން ފޯރަން އެތައް ބިލިއަން އަހަރެއް ހޭދަވާނެ އެވެ. ޖޭމްސް ވެބް ޓެލެސްކޯޕުން މި ތަރިތައް ހޯދަން މަސައްކަތްކުރާނެ އެވެ. އެކަމަކު މި ޓެލެސްކޯޕަށް ވެސް އެ ތަރިތައް ފެންނާނީ ރަތްކުލައިގެ ތިކިތަކެއް ގޮތަށެވެ.