Roadha Mihaaru
ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ

ނާސާގެ މަޝްހޫރު އެސްޓްރޮނޯޓެއް ރާއްޖެ އަންނަނީ

02 އޮކްޓޯބަރ 2022

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ބުނެފި އެވެ.

އިފްރާޒް އަލީ އިފްރާޒް އަލީ

ނާސާގެ ކުރީގެ މަޝްހޫރު އެސްޓްރޮނޯޓް ހެއިޑީމެރީ ސްޓެފަނީޝަން ޕައިޕާ މި ހަފުތާގައި ރާއްޖެ އަންނާނެ ކަމަށް ރާއްޖޭގައި ހުންނަ އެމެރިކަން ސެންޓަރުން ބުނެފި އެވެ.

އެމެރިކަން ސެންޓަރުން ކުރި ޓުވީޓެއްގައި ބުނީ އެ ދަތުރުގައި ޕައިޕާއާ ބައްދަލުކުރަން ބޭނުންވާ މީހުންނަށް ފުރުސަތު ދިނުމުގެ ގޮތުން އަންނަ ހޮނިހިރު ދުވަހު ހާއްސަ އިވެންޓެއް ބާއްވާނެ ކަމަށެވެ.

ގައުމީ ދާރުލްއާސާރުގައި އޮންނަ އެ އިވެންޓްގައި ބައިވެރިވާން ބޭނުންވާ މީހުންނަށް މިހާރު ވަނީ އެ ފުރުސަތު ހުޅުވާލައިފަ އެވެ. ގޫގުލް ފޯމް މެދުވެރިކޮށް އަންނަ ހުކުރު ދުވަހުގެ ނިޔަލަށް ނަން ނޯޓް ކުރެވޭނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

އެއީ އެމެރިކަން ސެންޓަރާއި ގައުމީ ކުތުބުހާނާ އަދި ގައުމީ ތަރިކައާ ބެހޭ މަރުކަޒު ގުޅިގެން ބާއްވާ އިވެންޓެކެވެ.

"އަޅުގަނޑުމެން ބޮޑަށް މި ފުރުސަތު ދޭން ބޭނުންވަނީ މި ދާއިރާ އަށް ޝައުގުވެރިކަން ހުރި ޒުވާނުންނާއި ކުޑަކުދިންނަށް،" ގައުމީ ތަރިކައާ ބެހޭ މަރުކަޒުގެ އޮފިޝަލަކު ވިދާޅުވި އެވެ.

ޕައިޕާ ރާއްޖެއަށް ކުރައްވާ ދަތުރުގައި ގައުމީ ޔުނިވާސިޓީގައި ހާއްސަ ލެކްޗާއެއް ދޭ ގޮތަށް ވެސް ހަމަޖެހިފައިވެ އެވެ.

މިހާރު އުމުރުން 59 އަހަރު ޕައިޕާ ވަނީ އެމެރިކާގެ ނޭވީގައި ވެސް މަސައްކަތްކޮށްފަ އެވެ.

އެސްޓްރޮނޯޓެއްގެ ގޮތުގައި ޕައިޕާ ނާސާގައި މަސައްކަތްކުރީ 1996 އިން ފެށިގެންނެވެ. އޭނާގެ ކެރިއަރުގައި ވަނީ ދެ ސްޕޭސް މިޝަންއެއްގައި ބައިވެރިވެފަ އެވެ. އެއީ 2006 ވަނަ އަހަރާއި 2008 ވަނަ އަހަރު އިންޓަނޭޝަނަލް ސްޕޭސް ސްޓޭޝަނަށް ކުރި ދަތުރުތަކެވެ. އެ ދަތުރުތަކުގައި އޭނާ ފަސް ސްޕޭސްވޯކްސް ފުރިހަމަކޮށްފަ އެވެ.

ރިޓަޔާކޮށް، އޭނާ ނާސާއިން ވަކިވީ 2009 ވަނަ އަހަރު އެވެ.