Roadha Mihaaru
މާލެ އަރަން 185 މީހަކަށް ހުއްދަ ދިނިން: ޕޮލިސް

މާލެ އަރަން މިހާތަނަށް 185 މީހަކަށް ހުއްދަ ދިނިން: ޕޮލިސް

26 އެޕްރީލް 2020

މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހުން ފެށިގެން މިހާތަނަށް މާލެ އައުމުގެ ހުއްދަ ދެނީ ވަކި ކަންތައްތަކެއް ބެލުމަށް ފަހު ކަމަށާއި މިހާތަނަށް 108 އަށް ވުރެ ގިނަ މީހުންނަށް އެ ހުއްދަ ދިން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

މުއިއްޒު އިބްރާހިމް މުއިއްޒު އިބްރާހިމް

މާލެ ސަރަހައްދު ލޮކްޑައުންކުރި ދުވަހުން ފެށިގެން މިހާތަނަށް މާލެ އައުމުގެ ހުއްދަ ދެނީ ވަކި ކަންތައްތަކެއް ބެލުމަށް ފަހު ކަމަށާއި މިހާތަނަށް 108 އަށް ވުރެ ގިނަ މީހުންނަށް އެ ހުއްދަ ދިން ކަމަށް ފުލުހުން މިރޭ ބުނެފި އެވެ.

ކޮވިޑް-19 އަށް މާލެއިން ބަޔަކު ޕޮޒިޓިވްވުމުން މާލެ ސަރަހައްދު ލޮކްޑައުންކުރީ މި މަހުގެ 15 ވަނަ ދުވަހެވެ. އެކަމަކު ރައްޔިތުންގެ މަޖިލީހުގެ ތިމަރަފުށީ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒް މިއަދު މާލެ ވަޑައިގެންނެވުމުން ސޯޝަލް މީޑިއާގައި ވަރަށް ބޮޑަށް ފާޑުކިޔުން އަމާޒުވި އެވެ. ރިޔާޒްގެ އިތުރުން ތ. ތިމަރަފުށިން އިތުރު ބަޔަކު ވެސް މިއަދު މާލެ އަ އެވެ.

ނޭޝަނަލް އިމަޖެންސީި އޮޕަރޭޝަން ސެންޓަރުން މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެސިސްޓެންޓް ކޮމިޝަނާ އޮފް ޕޮލިސް އިސްމާއިލް ނަވީން ވިދާޅުވީ މާލެ ސަރަހައްދަށް އެރުމުގެ ހުއްދަ ދެނީ އެ މީހަކީ ކަރަންޓީން ކޮށްފައިވާ ނުވަތަ މޮނީޓަރިންގެ ހާލަތުގައި އޮތް ރަށަކުން އަންނަ މީހެއް ނޫން ކަން ކަށަވަރު ކުރުމަށް ފަހު ކަމަށެވެ. ވޭތުވެދިޔަ ހަތަރު ދުވަހު 185 މީހަކަށް މާލެ އެރުމުގެ ހުއްދަ ދީފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

"މާލެއަށް 185 މީހުން އައިސްފައިވާނެ. ރިސޯޓްތަކުންނާއި ސަފާރީތަކުންނާއި އަދި ބައެއް ރަށްރަށުން ވެސް އައިސްފައި ހުންނާނެ. ސަބަބަކީ އެ ރަށްރަށަކީ ކަރަންޓީން ފުރިހަމަވެގެން ނުވަތަ ކަރަންޓީނެއް ނެތް ނުވަތަ އައިސޮލޭޝަންގައި ނެތް ރަށްރަށް." ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވި ގޮތުގައި މާލެ އަޔަސް، އެ މީހަކު މާލޭގައި ހުންނަ ގެއަކީ ކަރަންޓީން ކުރެވިފައި ހުރި އައިސޮލޭޝަންގައި ހުރި ތަނެއްގަައި ނޫން ކަން ފުލުހުން ކަށަވަރު ކުރާނެ އެވެ. އަދި މާލެ އައުމުގެ ހުއްދައަށް އެދޭ މީހާގެ މައުލޫމާތު ވެސް ކޮންޓެކްޓް ޓްރޭސިންގެ ތެރެއިން ފުލުހުން ބަލާނެ ކަމަށާއި އެކަންކަން ބެލުމަށް ވަގުތުތަކެއް ނަގާފާނެ ކަމަށް ނަވީން ވިދާޅުވި އެވެ.

"މި ހުރިހާ ކަމެއް ބަލާތީވެ އަޅުގަނޑުމެންނަށް މި އަންނަ ހުރިހާ މެއިލްއަކަށް އެއްފަހަރާ ޖަވާބެއް ނުދެވޭ. ފަހަރަކު މެއިލްއަކަށް ޖަވާބު ދެމުން މިދަނީ." ނަވީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މާލެ ސަރަހައްދުގައި ޒަރޫރީ ބޭނުންތަކަށްޓަކައި ބޭރަށް ނިކުތުމަށް 23،000 އަށް ވުރެ ގިނަ މީހުންނަށް މިހާރު ހުއްދަ ދީފައިވާ ކަމަށެވެ. އަދި މިހާރު ދޫކުރަމުން ދަނީ ކޮންމެ ހަފުތާއަކު ވެސް ދެ ދުވަހެއްގެ ވަކި ގަޑިއެއްގައި ނިކުމެވޭ ގޮތަށް އޮންނަ އެންމެ ފާހެއް ކަމަށާއި އަދި އެގޮތަށް ހަމަޖެއްސީ ވެސް އާންމުންނަށް ފަސޭހަކޮށް ދިނުމުގެ ގޮތުން ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ފާހުގައި އޮންނަ ވަގުތު ބަދަލު ކުރަން ބޭނުންވާ ނަމަ، އެކަމަށް އެދެވޭނެ ކަމަށް ވެސް ނަވީން ވިދާޅުވި އެވެ.

ނަވީން ވިދާޅުވި ގޮތުގައި ބޭރަށް ނިކުތުމުގެ ހުއްދަ ދިނުމުގައި 26 ޒޯނަށް މާލެ ބަހާލާފައި އޮތްއިރު، އެ ހުއްދަ ދެނީ ކޮންމެ ޒޯނެއްގައި 65 މީހުންނަށް ވުރެ ގިނައިން އެއް ވަގުތެއްގައި މަގުމައްޗަށް ނުނިކުމެވޭ ގޮތަށެވެ. އަދި ކޮވިޑް-19 އާ ގުޅިގެން ހާލަތު ބަދަލުވަމުން އަންނާތީ ހުއްދަ ދިނުމުގެ ކުރިން ފުލުހުން ބަލާ ކަންކަން ވެސް ބަދަލުވަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

ލޮކްޑައުންއާ ޚިލާފްވެގެން މިއަދު އެކަނި ވެސް 122 މީހުން ޖޫރިމަނާ ކުރި އެވެ. މީގެއިތުރުން ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެގެން ނުވަ މީހަކު ހައްޔަރުކުރި ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.