ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
27 އެޕްރީލް 2020
ރާއްޖެއިން މިހާތަނަށް ކޮވިޑް 19 އަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ސިފައިންގެ ފަސް މީހަކު ވެސް ހިމެނޭ ކަމަށް އެމްއެންޑީއެފުން މިއަދު ބުނެފި އެވެ.
ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރުގައި މިއަދު ބޭއްވި މީޑިއާ ބްރީފިންއެއްގައި ކާނަލް ހުސައިން އަލީ ވިދާޅުވީ ސިފައިންގެ ފަސް މީހަކު ބައްޔަށް ޕޮޒިޓިވް ވުމުން އެ ފަސްމީހުންނާ ގުޅުން ހުރި ސިފައިން ކަރަންޓީނު ކޮށްފައިވާ ކަމަށެވެ. އެކަމަކު ކަރަންޓީނުކުރި ސިފައިންގެ އަދަދެއް، ސިފައިންގެ ސަލާމަތާއި ރައްކާތެރިކަމަށް ޓަކައި އަމަލުކުރާ އުސޫލުގެ ދަށުން، އޭނާ ވިދާޅެއް ނުވެ އެވެ.
"އިރާދަކުރެއްވިއްޔާ ކަރަންޓީނަށް ދާ ސިފައިން އެ މީހުންގެ މުއްދަތު ހަމަކޮށްފައި އަނެއްކާ ވެސް އަންނާނީ ހަމަ މި މަސައްކަތުގެ ތެރެއަށް،" އޭނާ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ސިފައިން ވެސް ބައްޔަށް ޕޮޒިޓިވް ވުމުން އެ މީހުން ވެސް ދާނީ ހަމަ ކަމާ ބެހޭ ފަރާތްތަކުން އެކަމަށް ހަމަޖައްސާފައިވާ އިންތިޒާމްތަކުގެ ތެރެއަށް ކަމަށެވެ. އޭގެ މާނައަކީ އެޗްޕީއޭއިން އަންގާ ގޮތެއްގެ މަތިން ސިފައިން ވެސް ކަރަންޓީނަށް ދާނެ ކަމެވެ. މިއީ ކުރިމަތިވާނެ ހާލަތެއްކަން އެނގޭ ކަމަށާއި ސިފައިންގެ ލީޑަޝިޕް އޮތީ އެކަމަށް ތައްޔާރުވެފައި ކަމަށް ވެސް އޭނާ ހުސައިން ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ތެރޭގައި ފޯސް ޕްރޮޓެކްޝަން ޕްލޭނެއް އެބަ އޮތް. އެސްއޯޕީތަކެއް އެބަހުރި. ސްޓޭންޑާޑްސްތަކެއް އެބަހުރި އެކުލަވައިލެވިފައި،" އޭނާ ވިދާޅުވި އެވެ.
ހުސެއިން ވިދާޅުވި ގޮތުގައި ސިފައިން ގެ މަރުކަރުޒަތަައް ރައްކާތެރިކުރަން ވެސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށެވެ.
މިއަދުގެ މެންދުރުގެ މީޑިއާ ބްރީފިންގައި ކާނަލް ހުސައިން އަލީ ނޫސްވެރިއެއްގެ ސުވާލަކަށް ޖަވާބު ދެއްވަނީ.
ހުސައިން އަލީ ވިދާޅުވީ ކޮވިޑް-19 ފެތުރޭތީ ރާއްޖޭގައި މިހާރު އޮތް ނާޒުކު ހާލަތުގައި ސިފައިން ވަރަށް ގިނަ ދިމަ ދިމާލުގައި މަސައްކަތްކުރަމުން އަންނަ ކަމަށެވެ. އެކަމުގައި ޔުނިފޯމް އެޅި މީހުންގެ ތެރެއިން އެންމެ ސީނިއާ މީހުންނާ ހިސާބުން ފެށިގެން އެންމެން ވެސް ބައިވެރިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އަޅުގަނޑުމެން ޔުނީފޯމް އެޅި މީހުންގެ ތެރެއިން އެންމެ ސީނިއާ، އާދެ އަޅުގަނޑުމެންގެ އިއްޒަތްތެރި ޗީފް އޮފް ޑިފެންސް ފޯސް [މޭޖާ ޖެނެރަލް އަބްދުﷲ ޝަމާލް] އާ އި ހަަމައިން ވެސް، ހުރިހާ ސިފައިން މިހާރު ގެއަށް ނުގޮސް މަސައްކަތްކުރާތާ މިހާރު ތިން ހަފްތާއަށް ވުރެ ގިނަ ދުވަސް ވެއްޖެ،" އޭނާ ވިދާޅުވި އެވެ.
ކޮވިޑް-19 ފެތުރޭތީ ކުރާ މަސައްކަތްތަކުގެ ތެރެއިން ސިފައިން ކުރަމުން އަންނަ މުހިއްމު އެއް މަސައްކަތަކީ ކަރަންޓީން ފެސިލިޓީތައް މެނޭޖްކުރުމާއި އާ ފެސިލިޓީތައް ގާއިމް ކުރުމެވެ. އެގޮތުން ފަރުކޮޅުފުށި އައިސޮލޭޝަން ފެސިލިޓީ ގާއިމްކުރުމުގައި ވެސް ސިފައިން ބޮޑެތި މަސައްކަތްތަކެއް ކުރި އެވެ. ހުސައިން ވިދާޅުވި ގޮތުގައި މިހާރު ކުރަމުން އަންނަ އެފަދަ އެއް މަސައްކަތަކީ ވެލިދޫ އައިސޮލޭޝަން އަދި ކަރަންޓީނު ފެސިލިޓީ ގާއިމް ކުރުމެވެ.
"އިރާދަކުރެއްވިއްޔާ ކުރިއަށް އޮތް ދެ ދުދުވަހުގެ ތެރޭގައި އެ ތަނުގެ ކެޕޭސިޓީ ވަރަށް ބޮޑަށް ފުޅާވެގެންދާނެ،" އޭނާ ވިދާޅުވި އެވެ.
މިއަދު މަރުވީ ކޭކޭގައި މަސައްކަތް ކުރާ މީހެއް
ގިރިފުށީގައި 35 މީހަކަށް ކޮވިޑް ޖެހިއްޖެ
ސަލާމަތީ ބާރުތަކުގެ ކޭސްތައް ހާމަނުކުރަން ވިސްނަނީ
24 ގަޑިއިރުގެ ތެރޭގައި 319 މީހަކު ޖޫރިމަނާކޮށްފި
ކޮވިޑްގައި ސިފައިންގެ ކުރީގެ އޮފިސަރަކު އަވަހަރާވެއްޖެ
ފަރުވާކުޑަ ނުކުރޭ، ޕީކެއް އަތުވެދާނެ: ނަޒްލާ
ކޮވިޑް ޖެހުނު ދެ މީހަކު ވެންޓިލޭޓަރަށް ލައިފި
"ހާލަތަށް އަންނަ ބަދަލު ހަފުތާއަކު އެއްފަހަރު ބަލަން"
ގުޅުމެއް ނެތް ކޭސްތައް އެބަ ގިނަވޭ: އެޗްޕީއޭ
"ދުބާއީ ކުންފުނިން އުޅެނީ ވެންޓިލޭޓަރު ނުލިބިގެން"