Roadha Mihaaru
"ސޯޝަލް ޑިންސްޓެންސް" ނެޓްފްލިކްސް އަށް

"ސޯޝަލް ޑިންސްޓެންސް" ނެޓްފްލިކްސް އަށް

30 އެޕްރީލް 2020

ކޮރޯނާވައިރަހާ އެކު އާންމުވި ޓްރެންޑެއް ކަމަށްވާ "ސޯޝަލް ޑިންސްޓެންސް" އަށް ބިނާކޮށް، ހަމަ އެ ނަމުގައި އެންތޮލޮޖީ ސީރީޒެއް ހަދަން ނެޓްފްލިކްސް ނިންމައިފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮރޯނާވައިރަހާ އެކު އާންމުވި ޓްރެންޑެއް ކަމަށްވާ "ސޯޝަލް ޑިންސްޓެންސް" އަށް ބިނާކޮށް، ހަމަ އެ ނަމުގައި އެންތޮލޮޖީ ސީރީޒެއް ހަދަން ނެޓްފްލިކްސް ނިންމައިފި އެވެ.

އިޖުތިމާއި ގައިދުރުކުރުން ނުވަތަ ސޯޝަލް ޑިސްޓެންސިން އަށް ބިނާކޮށް ހަދާ މި ސީރީޒްގެ ފަހަތުގައި އޮތީ ނެޓްފްލިކްސްގެ މަގުބޫލު ސީރީޒް "އޮރެންޖް އިޒް ދަ ނިއު ބްލެކް" ގެ ޓީމެވެ. މި ޕްރޮޖެކްޓާ ބެހޭ ގޮތުން ޓީމުން ނެރުނު ބަޔާނެއްގައި ބުނީ ދުނިޔޭގެ އެކި ހިސާބުތަކުގައި އިޖުތިމާއި ގައިދުރުކުރުން ކުރިއަށް ގެންދާ ގޮތް އެކި ފެންވަރުގައި ދައްކުވައިދޭނެ ކަމަށެވެ.

އެގޮތުން ފަރުދީ ގޮތުންނާއި މުޖުތަމައުއެއްގެ ގޮތުން އެކަން ޕްރެކްޓިސްކުރާ ގޮތާއި މިކަމުން ކުރިމަތިވާ ބަދަލުތައް ވެސް ސީރީޒްގައި ދައްކުވައިދޭނެ އެވެ.

ޑިއެގޯ ވިލާސްކޯ ޑައިރެކްޓްކުރާ "ސޯޝަލް ޑިންސްޓެންސް" ގެ މަސައްކަތްް ކުރިއަށް ގެންދަން ހަމަޖެހިފައި ވަނީ ވާޗުއަލްކޮށެވެ. އެގޮތުން މީގެ މަންޒަރުތައް ޝޫޓްކުރަން ނިންމާފައި ވަނީ ކާސްޓުން އެ ވަގުތަކު ތިބި ތަނެއްގައި ތިބެގެންނެވެ.

ޕްރޮޑިއުސަރު އަދި ރައިޓަރު ހިލަރީ ވެއިޒްމަން ގްރަހަމް ބުނިގޮތުގައި "ސޯޝަލް ޑިސްޓެންސް" ގެ މައިގަނޑު މަސައްކަތްތައް ކުރިއަށްދާނީ ސީދާ އޭނާގެ ސިޓިން ރޫމްގަ އެވެ. މީގެ އެކްޒެކެޓިވް ޕްރޮޑިއުސަރުންގެ ގޮތުގައި ގްރަހަމްގެ އިތުރުން ޖެންޖީ ކޯއަން، ޓާރާ ހާމަން އަދި ބްލެކް މެކޯމިކް ހިއްސާވެ އެވެ.

ގްރަހަމް ބުނީ ވަރަށް އަވަހަށް "ސޯޝަލް ޑިސްޓެންސް" ގެ ކާސްޓާއި ގެނެސްދޭނެ އިރަކާއި ގެނެސްދޭނެ އެޕިސޯޑްތަކުގެ އަދަދު ހާމަކުރާނެ ކަމަށެވެ.