Roadha Mihaaru
ސާޖެއް ފެންނާނެ ކަމަށް ބެލެވެނީ ލުއިދިނުމުން: އަމީން

ސާޖެއް ދެން ފެންނާނެ ކަމަށް ބެލެވެނީ ލޮކްޑައުންއަށް ލުއިތަކެއް ދިނުމުން: އަމީން

23 މެއި 2020

ރާއްޖޭގައި ކޮވިޑް-19ގެ ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށް ކުރިން ލަފާކުރެވުނަސް މިހާރު އާއްމުކޮށް އެންމެ ގިނައިން ޕޮޒިޓިވްވާ އަދަދުތަކާ އެކު މި މަސް ނިމި، ސާޖެއް ފެންނާނެ ކަމަށް ބަލަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު އަދި އަހުމަދު ހަމްދޫން

ރާއްޖޭގައި ކޮވިޑް-19ގެ ޕީކަށް މި މަހުގެ 31 ގައި އަރާނެ ކަމަށް ކުރިން ލަފާކުރެވުނަސް މިހާރު އާއްމުކޮށް އެންމެ ގިނައިން ޕޮޒިޓިވްވާ އަދަދުތަކާ އެކު މި މަސް ނިމި، ސާޖެއް ފެންނާނެ ކަމަށް ބަލަނީ ލޮކްޑައުން އަށް ލުއިތަކެއް ދިނުން ކަމަށް ހެލްތު މިނިސްޓަރު އަބްދުﷲ އަމީން އިއްޔެ ވިދާޅުވެއްޖެ އެވެ.

ރާއްޖޭގައި ބަލި ފެތުރޭ މިންވަރު ދެނެގަތުމަށް ކުރިން ހެދި ޕްރޮޖެކްޝަންސްތަކުން ދެއްކި ގޮތުގައި ޕީކަށް އަރާ ދުވަހު، ބަލި ޖެހިފައި 6،000 މީހުން ތިބޭނެ އެވެ. އަދި އެދުވަހު އެކަނި ވެސް 400 މީހުން ޕޮޒިޓިވްވާނެ ކަމަށް ލަފާކުރުންތަކުން ދެއްކި އެވެ. އައިސީޔޫގައި 12 މީހުންނަށް އެ ދުވަހު ފަރުވާދޭން ޖެހުން އެކަށީގެންވާ އިރު އޭރު އައިސީޔޫގައި 101 މީހަކަށް ފަރުވާ ދެމުން އަންނާނެ ކަމަށް ވެސް އެ ލަފާކުރުންތަކުން ބުނެ އެވެ.

މިއީ ބަލިން ރައްކާތެރިވުމުގެ ފިޔަވަޅުތަކަށް މަދު ބަޔަކު އަމަލުކުރި ނަމަ ނުކުންނާނެ ނަތީޖާ އެވެ. އެކަމަކު ލޮކްޑައުންގައި އެޅި ފިޔަވަޅުތަކަށް 75 ޕަސެންޓް މީހުން އަމަލުކުރުމުން، ކުރިން ހީކުރި ގޮތަށް، މި މުއްދަތުގައި ސާޖެއް ނާންނާނެ ސިއްހީ ތަޖުރިބާކާރުން މިހާރު ގެންދަވަނީ ވިދާޅުވަމުންނެވެ.

މިދިޔަ އެޕްރީލް، 15 ގައި އިއުލާންކޮށް ދަންމަމުން އައި ލޮކްޑައުންގެ މުއްދަތު މި މަހުގެ 28 ގައި ހަމަވުމުން ލުއިތަކެއް ދޭން ސަރުކާރުން ނިންމީ އެހެންވެ އެވެ.

އެކަމަކު މިނިސްޓަރު އަމީން ވިދާޅުވީ ލޮކްޑައުން އަށް ލުޔެއް ދިނުމާ އެކު ސާޖެއް އައުން އެކަށީގެންވާ ކަމަށެވެ. އެއީ ގިނަ ދުވަސްތަކެއް ވަންދެން، ގޭގައި ބަންދުވެ ތިބުމަށް ފަހު ކޮންމެވެސް ވަރެއްގެ ލުޔެއް ދިނުމުން، މީހުން ބޭރު ތެެރެއަށް ވެސް ނުކުންނާނެތީ އެވެ. އެކަމަކު އެ ލުއި ދެނީ އެންމެން ބޭރު ތެރެއަށް ނުކުމެ އުޅެވޭ ގޮތަކަށް ނޫނެވެ. ލޮކްޑައުން އެއްކޮށް އުވައިލުމުގެ ބަދަލުގައި ލުއިތައް ދެމުން ގެންދާނީ ވަރަށް ބޮޑަށް ކޮންޓްރޯލް ކޮށްގެންނެވެ.

އަމީން ވިދާޅުވީ ލޮކްޑައުން ލުއިކުރާ ވަގުތާއި ކޮވިޑް-19ގެ ބަލީގެ ފެނުން އާދަޔާ ޚިލާފަށް އިތުރުވުން އަންނާނީ އެކުއެކީގައި ކަމަށް ލަފާކުރެވޭ ކަމަށެވެ.

"އެކަން ނާންނަ ކަމަށް ވަނީ ނަމަ އޭގެ އުމުރު [ކޮވިޑް-19 ރާއްޖޭގައި ފެތުރޭ މިންވަރު] އިންތިހާއަށް ދިގުވާނެ. އެހެންވީމާ ސާޖްގެ ވަގުތާއި އީޒްގެ ވަގުތު [ލޮކްޑައުން ލުއިކުރުން] އެއްކޮށް ދިމާވީމާ ދެން ސިސްޓަމްގެ ތެރެއިން އަންނަ ޗެލެނެޖެސްތައް ފެންމަތިވެފައި އެ ޗެލެންޖެސްތަކާ އެކު މައްސަލަ ހައްލު ކުރަމުން ދާ ނަމަ މީގެ ތެރޭގައި ތިބެން ޖެހޭ މުއްދަތު ކުރުވާނެ،" އަމީން ވިދާޅުވި އެވެ.

އެހެންވެ އެކަމަށް އެންމެން ސަމާލުކަން ދިނުމަށް އަމީން ތަކުރާރުކޮށް އެދިވަޑައިގަތެވެ. އޭނާ ވިދާޅުވީ ލޮކްޑައުން ލުއިކުރުމުގެ މާނަ އަކީ ހުރިހާ އެންމެން މަގުތަކަށް ނުކުމެ ސައިކަލް ބުރު ޖެހުމާއި ޕާކްތަކަށް ދިއުން ނޫން ކަމަށެވެ.

ރާއްޖެ އިން ކޮވިޑް-19 ގެ ކޭސްތައް ފެނުމާ ގުޅޭ ގޮތުން ޑރ. ޝީނާ ހެއްދެވި ޕްރޮޖެކްޝަނެއްގެ ގްރާފް

ރާއްޖެ އިން ކޮވިޑް-19 ގެ ކޭސްތައް ފެނުމާ ގުޅޭ ގޮތުން ޑރ. ޝީނާ ހެއްދެވި ޕްރޮޖެކްޝަނެއްގެ ގްރާފް

ލޮކްޑައުން ލުއިކުރާ ހިސާބުން ދުވާލަކު ޕޮޒިޓިވްވާ ކޭސްތަކުގެ އަދަދު ބަލައި ހާލަތު ގާތުން މޮނިޓަކުރަން ވަނީ ނިންމައިފަ އެވެ. އަދި ބަލި ޖެހޭ މީހުންގެ އަދަދު ދުވަހުން ދުވަހަށް މައްޗަށް ގޮސް ސިއްހީ ނިޒާމަށް ބާރުބޮޑުވާ ހިސާބަށް ދާ ނަމަ އަލުން ލޮކްޑައުންއަކަށް ދާން ޖެހިދާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

މާލެ ސަރަހައްދު ލޮކްޑައުންކުރީ މާލެ އިން ޕޮޒިޓިވް އެކަކު ފެނުމުންނެވެ. އެޗްޕީއޭގެ ހިސާބުތަކުން ފެންނަ ގޮތުގައި މިހާތަނަށް 1،160 އަށް ވުރެން ގިނަ މީހުންނަށް ވަނީ ބަލި ޖެހިފަ އެވެ. ކޮންމެ ދުވަހަކު ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އުޅެނީ 30-40އާ ދެމެދުގަ އެވެ. މާލެ ތެރޭގައި ކޮވިޑް-19 ހަލުވިމިނުގައި ފެތުރިފައި އޮތްއިރު، ލޮކްޑައުންއަށް ލުޔެއް ދޭން އުޅޭތީ ބައެއް މީހުންގެ ކަންބޮޑުވުންތަކެއް އެބަހުއްޓެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ)ގައި ރޭ ބޭއްވި މީޑިއާ ބްރީފިންގައި ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް، އެ ކަންބޮޑުވުންތަކާ ގުޅިގެން ވިދާޅުވީ މި ކަހަލަ ބަލިމަޑުކަމަކާ އަޅާބަލާއިރު މާލެ އިން މިހާރު ފެންނަ ކޭސްތަކުގެ އަދަދު ގިނަ ނޫން ކަމަށެވެ.

އަމީން ވިދާޅުވީ، ލޮކްޑައުން ލުއިކުރާ ވަގުތާއި ކޮވިޑް-19 ގެ ބަލީގެ ފެނުން އާދަޔާ ޚިލާފަށް އިތުރުވުން އަންނާނީ އެކުއެކީގައި ކަމަށެވެ.

ގައުމެއްގެ ތެރޭގައި ބައްޔެއް ފެތުރިގެން ދިއުމުން އެ ބަލި ވާނީ އެންޑެމިކް (އާއްމުކޮށް ފެންނަ) ބައްޔަކަށް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން ކޮވިޑް-19 ވެސް ކުރިއަށް އޮތް އަހަރުތަކުގައި އާއްމުކޮށް ފެންނަ މިންވަރެއް އުފެދިގެން ދިއުމަކީ، އޭނާ ވިދާޅުވި ގޮތުގައި، އެކަށީގެންވާ ކަމެކެވެ. މާލޭގެ އާބާދީ އަށް ބަލާއިރު މިހާރު ފެންނަ އަދަދަކީ މަތީ އަދަދެއް ނޫން ކަަމަށް ވެސް ވިދާޅުވި އެވެ.

"އަޅުގަނޑުމެން އެންމެން އެދޭނީ [މިސާލަކަށް] ފަސް ކޭސް އަށް ވުރެން އިތުރަށް ދުވާލަކު ނުފެނުން. އެކަމަކު 30-40 އަކީ ދަށް. އަޅުގަނޑަށް ވަރަށް ޔަގީން މި ބަލީގައި ބޭސްލައިން އުޅޭނީ 30-50އާ ދެމެދުގައި ކަމަށް،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

ތޮއްޖެހިފައި އޮތް މާލެ ލޮކްޑައުންކޮށް އެއް މަސް ދުވަހުގެ ތަޖުރިބާ އަށް ބަލާއިރު ވެސް އަމީން ވިދާޅުވި ގޮތުގައި އާއްމުންނަށް ލުޔެއް ދޭން ޖެހެ އެވެ. އޭނާ ދެން ފާހަގަކުރެއްވީ ބޭރުގެ އެކި ގައުމުތަކުގައި ވެސް ކޮވިޑް-19 އިން ރައްކާތެރިވާން އެޅި ފިޔަވަޅުތަކުގައި ލުއިދެމުން އަންނަ ކަމެވެ.

އަމީން ވިދާޅުވީ ރާއްޖޭގައި ވެސް ފިޔަވަޅުތައް އަޅަނީ އެކަމުގެ މަތީގައި ދެމިތިބޭ ގޮތަކަށް ނޫން ކަމަށެވެ. ގޮތް ނޭނގޭ މި ބަލީގައި ފިޔަވަޅު އަޅަނީ އޭރަކު އެ އަންނަ ހާލަތަކަށް ރިއާޔަތްކޮށްގެން ކަމަށް ވިދާޅުވި އެވެ.

"މިހާރު އަޅުގަނޑުމެންގެ އަތުގައި ހުރި ތަފާސްހިސާބަށް އަދި ފަންނަނީ ގޮތުން ބަލާއިރު ވެސް އެއީ ކުރެވިދާނެ ކަމެއް. އެކަމަކު މި ލުއިތަކުގެ ސަބަބުން ހާލަތު ގޯސް ނުވާނެ ކަމަށް ވިސްނުމަކީ ވެސް ގޯހެއް،" އަމީން ވިދާޅުވި އެވެ.

ބަލީގެ ހާލަތު ބަލައި، ރައްކާތެރިވާން ކުރަމުން އަންނަ މަސައްކަތްތަކުގެ ތެރޭގައި ހިމަނައިގެން މި ލުއިތައް ދޭން ނިންމައި މަސައްކަތް ފަށާފައި ވަނީ، މިނިސްޓަރު ވިދާޅުވި ގޮތުގައި، ހެލްތު މިނިސްޓަރު ނުވަތަ ސަރުކާރުގެ އެހެން ވަޒީރުންތަކެއް އެކަނި ނިންމައިގެން ނޫނެވެ. ނުވަތަ އެހެން އެއްވެސް ބައެއްގެ ފިއްތުންތަކަކާ ހެދިއެއް ވެސް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހްއާ ހަމައިން ފެށިގެން މުޅި ސަރުކާރާއި ސިއްހީ ދާއިރާގެ ބޭފުޅުން މިކަމުގައި ދެމިތިބެ، ސިއްހީ ދާއިރާގެ ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދަށް ނިންމުންތަކުގައި ބަރޯސާވާ ކަމަށް ވިދާޅުވި އެވެ.

"ރައީސް ފެށުނީއްސުރެ ވިދާޅުވަމުން ގެންދެވީ ސިއްހީ މާހިރުންގެ ލަފާގެ މަތިންނޭ މި ކަންކަން ކުރާނީ. އެހެންވީމާ ސިއްހީ މާހިރުންގެ ލަފާ މީގައި އެންމެ ބޮޑު ލަފައެއްގެ ގޮތުގައި މި އޮތީ. އެއާ އެކު، އިގްތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ނުވަތަ މީހުންގެ ލައިވްލިހުޑަށް އަންނަ އިމްޕެކްޓްތަކަށް ބަލާފައި ނިންމުންތައް ނިންމަމުން ދަނީ،" މިނިސްޓަރު ވިދާޅުވި އެވެ.

"މި ކަހަލަ ކަންތައްތަކުގައި ސިޔާސީ މަންފާ ހޯދުމުގެ ފުރުސަތު ވަރަށް ބޮޑުވާނެ. ހަގީގަތުގައި ދުނިޔޭގެ ހުރިހާ ގައުމެއްގައި ވެސް ކްރައިސިސްއެއް، ކާރިސާއެއް، މުސީބާތެއް، ތޫފާނެއް އަރައިގެން އުޅޭ ވަގުތުކޮޅަކީ ދިމަދިމާލުން އިނގިލި ދިއްކޮށް، ސިޔާސީ މަންފާ ހޯދަން ރަނގަޅު ވަގުތަކަށް ވާނީ. ބައެއް ފަހަރު ނިންމުމެއް ނިންމަން އުޅޭ ކަމުގެ މައުލޫމާތު ލިބުނީމާ އޭގެ ކުރިން ވެސް އެ ވާހަކަ ދެއްކިދާނެ. އޭގެ ކްރެޑިޓް ނަގަން ވެސް މީހަކު މަސައްކަތް ކޮށްފާނެ."

ބަލި ޖެހިފައިވޭތޯ ބަލަން މީހެއްގެ ސާމްޕަލް ނަގަނީ.-

ބަލި ޖެހިފައިވޭތޯ ބަލަން މީހެއްގެ ސާމްޕަލް ނަގަނީ.-

އަމީން ވިދާޅުވީ ރާއްޖޭގައި އާދަޔާޚިލާފަށް މިހާރު މީހުން މަރުނުވުން ނުވަތަ ހޮސްޕިޓަލްތަކަށް އަދި ބާރުބޮޑުނުވުމަކީ ކޮވިޑުގެ ކަންތައް ނިމުން ނޫން ކަމަށެވެ.

ލޮކްޑައުން ލުއިކުރަނީ، ސާޖެއް އައި ނަމަވެސް ފަރުވާދެވޭނެ ކަމުގެ ޔަގީންކަމާ އެކުގައި ކަމަށް ވިދާޅުވި އެވެ. މާލެ އިން ފުރަތަމަ ކޭސް ފެނުނު އިރު ފަރުވާ އަށް ގާއިމްކުރެވިފައި ހުރި އެނދުތަކާ އަޅާބަލާއިރު މިހާރު އެނދުތަކުގެ އަދަދު މާލެ އާއި އަތޮޅުތަކުގައި ވެސް އިތުރުވާނެ ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑުމެންނަށް 300 އެނދު މިވީ މުއްދަތުގެ ތެރޭގައި ކްރިޓިކަލް ފަރުވާ އަށް އިތުރު ކުރެވިއްޖެ. ކޮންޓެކްޓް ޓްރޭސިންގައި ގާބިލްކަން އިތުރު ކުރެވިއްޖެ. ކަރަންޓީނާއި އައިސޮލޭޝަން ފެސިލިޓީތައް ގާއިމްކުރެވިއްޖެ. އެހެންވެ އަޅުގަނޑުމެންނަށް ކޮންމެވެސް ވަރެއްގެ ލުޔެއް މިކަމުގައި ދެވޭނެ،" މިނިސްޓަރު ވިދާޅުވި އެވެ.

އޭގެ އިތުރުން އުތުރާއި ދެކުނުގައި ކޮވިޑް-19 އަށް ޓެސްޓު ކުރުމުގެ ގާބިލްކަން މި މަހުގެ ނިޔަލަށް އިތުރު ކުރާނެ އެވެ.

މިނިސްޓަރު ވިދާޅުވި ގޮތުގައި ލޮކްޑައުން ލުއިކުރިޔަސް އާއްމު ހާލަތަށް އެހާ އަވަހަށް އަދި އެނބުރިއެއް ނުދެވޭނެ އެވެ.