Roadha Mihaaru
ލޮކްޑައުން ދަންމާލީ ކްލަސްޓާތަކުގެ ކޮންޓެކްޓް ގިނަވުމުން

ލޮކްޑައުންގެ މުއްދަތު އިތުރުކުރީ ކްލަސްޓާތަކުގެ ކޮންޓެކްޓް ގިނަވުމުން: މަބްރޫކް

01 މެއި 2020

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން ދިގު ދައްމައލަން ނިންމީ ކްލަސްޓާތަކުގެ ކޮންޓެކްޓްތައް ގިނަވުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރުމަށްޓަކައި އަޅަމުން އަންނަ ފިޔަވަޅުތަކުގެ ތެރެއިން މާލެ ސަރަހައްދުގެ ލޮކްޑައުން ދިގު ދައްމައލަން ނިންމީ ކްލަސްޓާތަކުގެ ކޮންޓެކްޓްތައް ގިނަވުމުން ކަމަށް ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ގެ ތަރުޖަމާން މުހައްމަދު މަބްރޫކް އަޒީޒް މިރޭ ވިދާޅުވެއްޖެ އެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މާލެ އާއި ވިިލިމާލެ އާއި ހުޅުމާލެ ފުރަތަމަ ލޮކްޑައުން ކުރީ މި މަހުގެ 15 ން ފެށިގެން 24 ގަޑިއިރަށެވެ. ނަމަވެސް އެ މުއްދަތު ހަމަވުމާ އެކު، މި މަހުގެ 17 ން ފެށިގެން އިތުރު 14 ދުވަހަށް ލޮކްޑައުން ދަންމައިލި އެވެ. އަދި އެ މުއްދަތު ހަމަވުމުން މިހާރު ހަމަޖައްސާފައިވާ ގޮތުން ލޮކްޑައުންގެ އެންމެ ފަހުގެ މުއްދަތު ހަމަވާނީ އަންނަ މަހު 14 ވަނަ ދުވަހަށެވެ.

ކޮވިޑް-19 ގެ މައުލޫމާތު ދިނުމަށް ސަރުކާރުން ކަނޑައަޅާފައިވާ ތަރުޖަމާން މަބްރޫކް މިރޭގެ މީޑިއާ ބްރީފިންގައި ވިދާޅުވީ، ހާލަތު ބަދަލުވަމުން އަންނަ ގޮތަށް ބަލާއިރު، މި ވަގުތަށް އެންމެ މުހިއްމު ކަމަކީ ކްލަސްޓާތަކުގެ ކޮންޓެކްޓްތައް ހޯދުން ކަމަށާއި ލޮކްޑައުން އަނެއްކާ ވެސް އިތުރުކުރީ އެ ބޭނުމަށް ކަމަށެވެ.

"މާލޭގެ ކޮންޑިޝަން ހަމަޔަކަށް އެޅެން ވެސް އޮތީ އެ ކްލަސްޓާތައް ހަމަޔަކަށް އެޅިގެން. އެހެންވެ، ބިދޭސީން ތޮއްޖެހިގެން އުޅޭ ތަންތަނާ މެދު އެބަ ގޮތެއް ނިމޭ،" މަބްރޫކް ވިދާޅުވި އެވެ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

މިރޭގެ މީޑިއާ ބްރީފިންގައި މަބްރޫކް، ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެއްވަނީ.

އެޗްޕީއޭ އިން މީގެ ކުރިން ބުނި ގޮތުގައި ބައެއް ކްލަސްޓާތަކުގެ ކޮންޓްކެޓްތައް ކުރިން ހީކުރި ވަރަށް ވުރެ އިތުރެވެ. އެ ގޮތުން ބިދޭސީން އުޅޭ ސަރަހައްދުތަކާ ގުޅޭ ކްލަސްޓާތަކުގެ ތެރެއިން މި ބައްޔަށް ޕޮޒިޓިވްވާ މީހުންގެ އަދަދު އިތުރުވާނެކަން ފާހަގަކުރި އެވެ. އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވިދާޅުވީ ކްލަސްޓާތަކުގެ ކޮންޓެކްޓް ގިނަވި ނަމަވެސް ކޮންޓްރޯލް ގެއްލޭ ހިސާބަށް އަދި ނުދާ ކަމަށެވެ.

"މިހާރު އަޅުގަނޑުމެންނަށް މި ފެންނަ ޕޮޒިޓިވް ކޭސްތަކަށް ބަލާއިރު ދެންނެވޭނީ މިއީ ކުރިން ވެސް މިހެން ވެދާނެ ކަމަށް ގަބޫލު ކުރެވުނު ގޮތް. އެހެންވީމާ އަދި ކޮންޓްރޯލެއް ނުގެއްލޭ،" އަފްޒަލް ވިދާޅުވި އެވެ.

މިހާތަނަށް ފާހަގަކުރެވިފައިވާ ކްލާސްތަކުގެ ތެރެއިން އެންމެ ބޮޑީ މާލޭގެ ބާޒާރުމައްޗާއި ކުދިކުދި ތަންތަނުގައި ތޮއްޖެހިގެން ދިރިއުޅޭ ބިދޭސީންގެ ކްލަސްޓާ އެވެ.

މިދިޔަ މަހު ރާއްޖޭން ކޮވިޑް-19 އަށް ފުރަތަމަ ފަހަރަށް މީހަކު ޕޮޒިޓިވްވި ފަހުން މިއަދަކީ ރާއްޖޭން އެންމެ ގިނަ އަދަދެއްގެ ބަޔަކާ މި ބަލި ޖެހުނު ދުވަހެވެ. އެ ގޮތުން މިއަދު އެކަނި ވެސް ރާއްޖޭން 119 މީހުން ވަނީ މި ބައްޔަށް ޕޮޒިޓިވްވެފަ އެވެ. މިއާ އެކު ރާއްޖޭން މި ބަލި ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 399 އަށް އަރައިފަ އެވެ.

ލޮކްޑައުންގެ މުއްދަތު އިތުރުކޮށްފައިވާއިރު، ސަރުކާރުން މިއަދު ވަނީ މުޅި ރާއްޖެ އަށް އިއުލާނުކޮށްފައިވާ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އަންނަ މަހުގެ ނިޔަލަށް އިތުރުކޮށްފަ އެވެ. އެންމެ ފުރަތަމަ ސިއްހީ ކުއްލި ނުރައްކަލުގެ ހާލަތު އިއުލާނުކުރީ މިދިޔަ މަހު 12 ވަނަ ދުވަހު އެވެ.