Roadha Mihaaru
ޕީއެސްޖީ އަށް ތަށި ދީފި، ލިޔޯނުން ކޯޓަށް ދަނީ

ޕީއެސްޖީ އަށް ތަށި ދީފި، ލިޔޯނުން ކޯޓަށް ދަނީ

01 މެއި 2020

ޕެރިސް (މެއި 1) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކޮށް ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމުން އެކަމާ ހިތްހަމަނުޖެހި ލިޔޯނުން ކޯޓުގައި މައްސަލަ ޖައްސަން ނިންމައިފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

ޕެރިސް (މެއި 1) - ފްރާންސްގެ ފުޓްބޯޅަ ސީޒަން ކެންސަލްކޮށް ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ދިނުމުން އެކަމާ ހިތްހަމަނުޖެހި ލިޔޯނުން ކޯޓުގައި މައްސަލަ ޖައްސަން ނިންމައިފި އެވެ.

ފްރާންސްގެ ބޮޑު ވަޒީރު އެޑޮއާޑް ފިލިޕޭގެ ސަރުކާރުން މީގެ ދެ ދުވަސް ކުރިން ކަނޑައެޅީ ސެޕްޓެމްބަރު މަހުގެ ކުރިން މީހުން އެއްވެ އުޅޭ ގޮތަށް ކުރިއަށްގެންދާ އެއްވެސް ހަރަކާތެއް ނުބޭއްވޭ ގޮތަށެވެ. އަދި މީގެ ތެރޭގައި ސަޕޯޓަރުން ނުވައްދައި ފުޓްބޯޅަ މެޗެއް ވެސް ކުރިއަށް ނުގެންދެވޭނެކަން ވަނީ އަންގައިފަ އެވެ. އެއާ އެކު ލީގު ކެންސަލްކުރަން ޖެހުނީ އެވެ.

ދި ފްރެންޗް ލީގު (އެލްއެފްޕީ) އިން ބޭއްވި މަޝްވަރާ ބައްދަލުވުންތަކަށް ފަހު ނިންމީ 12 ޕޮއިންޓާ އެކު ލީގުގެ އެއް ވަނައިގައި އޮތް ޕީއެސްޖީ އަށް ތަށި ދޭށެވެ. މާޗް މަހު ފްރާންސް ލީގު މެދުކަނޑާލިއިރު ގިނަ ޓިމުތައް އޮތީ 28 މެޗު ކުޅެފަ އެވެ. ޕީއެސްޖީ އެއް ވަނައިގައި އޮތީ އެއް މެޗު މަދުން ކުޅެގެންނެވެ.

އެލްއެފްޕީން ލީގު ޗެމްޕިއަންކަން ޕީއެސްޖީ އަށް ދޭން ނިންމީ މެޗަކަށް އެވްރެޖްކޮށް ޖެހޭ ޕޮއިންޓަށް ބަލައިގެންނެވެ. އެ ގޮތުން ޕީއެސްޖީ އަށް ކުރި ލިބެނީ 2.52 ޕޮއިންޓުންނެވެ. މިއީ ފާއިތުވި އަށް އަހަރުގެ ތެރޭގައި ޕީއެސްޖީން ލީގު ކާމިޔާބުކުރި ހަތް ވަނަ ފަހަރެވެ.

ދެ ވަނައިގައި އޮތް މާސޭ އަށް ލިބެނީ އެވްރެޖްކޮށް މެޗަކަށް 2 ޕޮއިންޓެވެ. ޗެލްސީ އާއި ޕޯޓޯގެ ކުރީގެ ކޯޗު އަންދްރޭ ވިލަސް ބޮއަސްގެ އިރުޝާދުގެ ދަށުން ކުޅޭ މާސޭ އަށް އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގުން ސީދާ ޖާގައެއް ލިބޭނެ އެވެ.

ލީގު ޗެމްޕިއްކަން ޕީއެސްޖީ އަށް ލިބުނު ނަމަވެސް އެ ޓީމަށް ދެ ތަށި ވަނީ ގެއްލިފަ އެވެ. އެއީ ލީގު ކަޕާއި ފްރެންޗް ކަޕް އެވެ. އެ ދެ ފައިނަލުގައި ޕީއެސްޖީ ކުޅެން އޮތީ ސެއިން އެޓިއެން އާއި ލިޔޯންއާ އެވެ. އެ ދެ މެޗު ކުޅުނު ނަމަ ލިޔޯނާއި ސެއިން އެޓިއެން އަށް ޔޫރޮޕާ ލީގުން ޖާގަ ލިބޭނެ އެވެ. އެކަމަކު މި ފަހަރު ލީގުގެ ހަތް ވަނައިގައި ނިންމި ލިޔޯނަށް މިހާރު ވަނީ އަންނަ ސީޒަނުގައި ޔޫރަޕްގެ ދޮރު ބަންދުވެފަ އެވެ.

އެލްއެފްޕީގެ ނިންމުމާ އެކު ލިޔޯނަށް ވަނީ ގިނަ އަހަރުތަކަކަށް ފަހު ޔޫރަޕްގެ މުބާރާތްތަކުން ފުރުސަތު ގެއްލިފަ އެވެ. އެ ޓީމުން ވަނީ އެލްއެފްޕީގެ ނިންމުމާ އެކު ސީޒަން ފުރިހަމަނުކުރެވި ޔޫރަޕްގެ ޖާގައެއް ނުލިބުމުން އެ ޓީމަށް ކުރިމަތިވި މާލީ ގެއްލުމުގެ ބަދަލު ހޯދަން ކޯޓަށް ދާން ނިންމައިފަ އެވެ.

"ލިޔޯން އަތުގައި އެބައޮތް މި ލިބުނު ގެއްލުމުގެ ބަދަލު ހޯދަަން އެޕީލް ކުރުމުގެ ބާރު. އަހަރެމެން މި ތިބީ އެ ގޮތަށް ކުރިއަށްދާން،" ލިޔޯނުން ނެރުނު ބަޔާނެއްގައި ބުނެފައިވެ އެވެ.

ލިޔޯނުގެ ރައީސް ޖިއަން-މިކޭލް އައުލަސް ފްރާންސްގެ ނޫހަކަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ އަންނަ ސީޒަނުގެ ޗެމްޕިއަންސް ލީގާއި ޔޫރޮޕާ ލީގުން ކުރެ އެއްވެސް މުބާރާތަކުން ލިޔޯނަށް ފުރުސަތު ނުލިބިއްޖެނަމަ މާލީ ގޮތުން އެ ޓީމަށް ބޮޑު ގެއްލުމަކަށް ކުރިމަތިވާނެ ކަމަށެވެ. އެ ގޮތަށް ދިމާވީ ސީޒަން ފުރިހަމަނުކުރުމުން ކަމަށްވާއިރު އޭގެ ސަބަބުތައް ހޯދަން އެ ކްލަބުން ބޭނުންވާނެކަމަށް އައުލަސް ވިދާޅުވި އެވެ.

ނެދަލެންޑްސް އިން ވަނީ އެ ގައުމުގެ ސަރުކާރުން ސެޕްޓެމްބަރުގެ ކުރިން ކުޅިވަރު ހަރަކާތެއް ނުބޭއްވޭނެކަން އެންގުމާ އެކު ޗެމްޕިއަނެއް ކަނޑަނާޅާ ގޮތަށް ލީގު ކެންސަލްކޮށްފަ އެވެ. ލީގު ކެންސަލްކުރިއިރު އެއް ވަނައިގައި އޮތް އަޔަކްސް އާއި އޭޒެޑް އަލްކްމާރް އޮތީ ޕޮއިންޓުގެ ގޮތުން އެއްވަރުވެފަ އެވެ. ބެލްޖިއަމުން ވަނީ ލީގު ކެންސަލްކޮށް ކްލަބް ބްރޫޖަށް ތަށި ދޭން ނިންމައިފަ އެވެ. އަދި ވަރަށް އަވަހަށް އެ ނިންމުން ފާސްކުރަން ކްލަބްތަކުގެ ވޯޓެއް ނަގާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ.