Roadha Mihaaru
އެމްބާޕޭ އަށް ރެކޯޑެއް، ޕީއެސްޖީ އެއް ވަނަ އަށް

އެމްބާޕޭ އަށް ރެކޯޑެއް، ޕީއެސްޖީ އެއް ވަނަ އަށް

22 މާޗް 2021

ޕެރިސް (މާޗް 22) - ފްރެންޗް ލީގުގެ ތާރީހުގައި 100 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ގާއިމްކުރި މެޗުގައި ލިޔޯން 4-2 އިން ބަލިކޮށް ޕީއެސްޖީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ޕެރިސް (މާޗް 22) - ފްރެންޗް ލީގުގެ ތާރީހުގައި 100 ގޯލު ހަމަކުރި އެންމެ ޒުވާން ކުޅުންތެރިޔާގެ ރެކޯޑް ޕީއެސްޖީގެ ތަރި ކީލިއަން އެމްބާޕޭ ގާއިމްކުރި މެޗުގައި ލިޔޯން 4-2 އިން ބަލިކޮށް ޕީއެސްޖީ ލީގުގެ އެއް ވަނަ އަށް ޖެހިލައިފި އެވެ.

ލީގުގެ އެއް ވަނައިގައި ކުރިން އޮތް ލިލް ރޭ ކުޅުނު މެޗުން ނައިމްސް އަތުން ބަލިވުމުން ރޭގެ މެޗަށް ޕީއެސްޖީ އާއި ލިޔޯން ނުކުތްއިރު ކޮންމެ ޓީމެއް މޮޅުވި ނަމަވެސް އެއް ވަނަ އަށް އެރުމުގެ ދޮރު އޮތީ ހުޅުވިފަ އެވެ. ޕީއެސްޖީ އެއް ވަނަ އަށް އެރީ 30 މެޗުން 63 ޕޮއިންޓް ހަމަކޮށް ލަނޑުގެ ތަފާތުންނެވެ. ދެ ވަނައިގައި އޮތް ލިލް އަށް ވެސް ވަނީ 30 މެޗުން 63 ޕޮއިންޓް ލިބިފަ އެވެ. ތިން ވަނައިގައި ލިޔޯން އޮތީ 30 މެޗުން 60 ޕޮއިންޓާ އެކު އެވެ.

ލިޔޯން ދަނޑުގައި ރޭ ކުޅުނު މެޗުގައި ފުރަތަމަ ހަތަރު ގޯލު ޖެހީ ވެސް ޕީއެސްޖީންނެވެ. އެމްބާޕޭ އެ ޓީމަށް ލީޑުނަގައިދިނީ 15 ވަނަ މިނިޓްގަ އެވެ. ފުރަތަމަ ހާފު ނިމުމުގެ ކުރިން ޑަނީލޯ ޕެރޭރާ ވަނީ ޕީއެސްޖީގެ ދެ ވަނަ ގޯލު ޖަހައިފަ އެވެ. ދެ ވަނަ ހާފްގެ ކުޅުން ފެށިގެން ދެ މިނިޓް ތެރޭ އެންހެލް ޑި މާރިއާ ވަނީ ޕީއެސްޖީގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ. އޭގެ ހަތަރު މިނިޓް ފަހުން އެމްބާޕޭ ޕީއެސްޖީގެ ހަތަރު ވަނަ ގޯލު ޖެހި އެވެ.

ރޭގެ ދެ ގޯލާ އެކު އެމްބާޕޭ ރެކޯޑް ހެދީ އުމުރުން 22 އަހަރުގައި 100 ގޯލު ހަމަކޮށްގެންނެވެ. ކުރިން މި ރެކޯޑް އޮތީ 23 އަހަރުގައި 100 ގޯލު ޖެހި ސެއިން އެޓިއެންގެ ކުރީގެ ފޯވާޑް ހާވް ރެވޭލީ އަތުގަ އެވެ.

ކެނަލް ޕްލަސް އަށް ދިން އިންޓަވިއުއެއްގައި އެމްބާޕޭ ބުނީ މެޗަށް ނުކުތްއިރު ވެސް އޭނާގެ ސިކުނޑީގައި މި ރެކޯޑްގެ ކަންތައްތައް ހުރި ކަމަށާއި މި ފަދަ މުހިއްމު މެޗެއްގައި މި ރެކޯޑް ހާސިލްކުރެވި ޓީމުގެ އަސްލު މަގާމަށް ގެންގޮސްދެވުމުން ވަރަށް ބޮޑަށް ހިތްހަމަަޖެހޭ ކަމަށެވެ.

ޕީއެސްޖީ ކޮޅަށް ލިޔޯނުގެ ދެ ގޯލު ޖެހީ އިސްލާމް ސްލިމާނީ އާއި މެކްސްވެލް ކޯނެޓް އެވެ.