Roadha Mihaaru
ރައިވަރުގެ މައްސަލައިގައި މާފަށް އެދި ފިޔަވަޅު އަޅައިފި

ސިޔާސީ ރައިވަރުގެ މައްސަލައިގައި ޕީއެސްއެމް މާފަށް އެދި ފިޔަވަޅު އަޅައިފި

01 މެއި 2020

ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލާގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ދައުލަތުގެ މީޑިއާ، ޓީވީއެމުން އިއްޔެ ހަވީރު ގެނެސްދިން ކުޑަކުދިންގެ ޕްރޮގްރާމެއްގައި ކުޑަކުއްޖަކު ލައްވައި ކުރީގެ ދެ ރައީސަކަށް ފާޑުކިޔާފައިވާ ރައިވަރެއް ކިޔުއްވި މައްސަލާގައި އިހުމާލުވި ފަރާތްތަކާމެދު ފިޔަވަޅު އަޅާފައިވާ ކަމަށް ޕަބްލިކް ސާވިސް މީޑިއާ (ޕީއެސްއެމް) އިން މިއަދު ބުނެފި އެވެ.

"ކުޑަ މަސައްކަތެއް" ޕްރޮގްރާމުގައި އިއްޔެ ބައިވެރިވި ކުދިން ލައްވައި ތަފާތު ރައިވަރުތައް ކިޔުއްވިއިރު އޭގެ ތެރޭގައި ހިމެނުނު ސިޔާސީ ރައިވަރުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމާއި އެ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް އިހުތިރާމް ކުޑަވާ ވަނަމާ އެކު ޖުމްލަ ގޮތެއްގައި ބުނަނީ އެއްބޭފުޅަކު އަނެއް ބޭފުޅެއްގެ އަރިހުން މަކަރާއި ހީލަތް ދަސްކުރައްވައިގެން މަޖިލިސް މެމްބަރުން ގަނެގެން ކުރެއްވި ކަންތައްތަކުން ސަލާމަތްވެވެން ނެތް ކަމަށެވެ.

މި ރައިވަރުގެ މައްސަލަ ހޫނުވެ ފާޑުކިޔުން އަމާޒުވެފައި ވަނިކޮށް ޕީއެސްއެމުން މިއަދު ނެރުނު ބަޔާނުގައި ބުނީ އެ ކޮންޓެންޓަކީ، ދިވެހިރާއްޖޭގެ ބްރޯޑްކާސްޓްކުރުމުގެ ގާނޫނާއި، އެ ކުންފުނީގެ ބްރޯޑްކާސްޓްކުރުމުގެ ގަވާއިދުގެ އިތުރުން އާންމު އިޖްތިމާއީ މިންގަނޑާ ވެސް ހިލާފު ކޮންޓެންޓެއްކަން އެ ކުންފުނިން ގަބޫލުކުރާ ކަމަށެވެ. އެހެންވެ އެކަމަށްޓަކައި ވަނީ މާފަށް އެދިފަ އެވެ.

TVM in kudakudhin lavvaa siyaasee raivareh!

TVM in kudakudhin lavvaa siyaasee raivareh!

The most trusted news source in the Maldives

Mihaaru

ސިޔާސީ ރަވައިރު ކިޔުއްވި މައްސަލާގައި ފާޑު ކިޔުން

އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އަޅާފައިވާ ކަމަށް ވެސް ބަޔާނުގައި ބުނެފައިވެ އެވެ. ނަމަވެސް މިކަމުގެ ތަފްސީލެއް ނުދެ އެވެ.

ބަޔާނުގައި ބުނެފައިވަނީ ކޮވިޑް-19 ފެތުރޭތީ، ވީހާ ވެސް މަދު މުވައްޒަފުންތަކެއް ބޭނުންކޮށްގެން އެ ސްޓޭޝަންގެ މަސައްކަތް ކުރަމުންދާއިރު އެކަން ހިނގީ އުސޫލުތަކުގެ ބޭރުން ހިނގި ކަންތައްތަކެއް ސަބަބުން ކަމަށެވެ.

"މިކަން ހިނގައިދިޔައީ އަޅުގަނޑުމެންގެ އޮޕަރޭޝަން ކެޕޭސިޓީ ދަށްކުރެވިފައިވާ ވަގުތެއްގައިކަން ތިޔަ އެންމެ ބޭފުޅުންގެ މައުލޫމާތަށްޓަކައި ހިއްސާ ކުރަމެވެ.،" ބަޔާނުގައިވެ އެވެ.

ލޮކްޑައުންގެ މި ހާލަތުގައި ޕީއެސްއެމްގެ ޗެނަލްތަކުން ގެނެސްދޭ އެކި ޕްރޮގްރާމުތަކުގެ ގިނަ މަސައްކަތްތައް ކުރަނީ ގޭގަ އެވެ. ޕްރޮގްރާމްތަކުގެ ރެކޯޑިން އާއި ޕްރެޒެންޓިން އަދި ޕޯސްޓް ޕްރޮޑަކްޝަންގެ ގިނަ މަސައްކަތްތައް ވެސް ކުރަނީ ގޭގަ އެވެ.

ބަޔާނުގައި ބުނެފައިވަނީ ޕީއެސްއެމް ހިންގުމާއި، މިހާރުގެ މެނޭޖްމަންޓުން ހަވާލުވުމަށް ފަހު އެންމެ ބޮޑު އިސްކަމެއް ދީފައިވާނީ، ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ހަމަހަމަކަމާއެކު ޚަބަރާއި މައުލޫމާތު ފޯރުކޮށްދިނުމަށާއި، ވޭތުވެދިޔަ ކައިރި މާޒީގައި އެކި ސަބަބުތަކާހުރެ ހީނަރުވެފައިވާ ތަސައްވުރު ރަނގަޅު ކުރުމަށް ކަމަށެވެ. އޭގެ ނަތީޖާއެއްގެ ގޮތުން ސްޓޭކްހޯލްޑަރުންނާއި އާންމުން ވެސް އެ ބަދަލު ބަލައިގެންފައިވާކަމަށް ބަޔާނުގައި ބުނެފައިވެ އެވެ.

ނަމަވެސް އަނެއްކާ ވެސް މިވަނީ ތަސައްވުރަށް އިތުރު "ލޮޅުމެއް" އައިސްފައި ކަމަށް ގަބޫލުކުރާ ކަމަށް ބަޔާނުގައިވެ އެވެ. އަދި ނަމޫނާ ދައުލަތުގެ މީޑިއާއެއްގެ ގޮތުގައި ދެކޭ ތަސައްވުރު ހަގީގަތަކަށް ހެދުމަށް ކުރަންޖެހޭ މަސައްކަތް ކުރިއަށް ވުރެ ބޮޑުވެ، ގޮންޖެހުން އިތުރުވެވެފައިވާ ކަމަށް ވެސް ބުނެފައިވެ އެވެ.

"ކަން އެހެން އޮތްކަމުގައި ވިޔަސް، މިއަދުވެސް، އަދި ކުރިއަށް އޮތްތަނުގައި ވެސް ޕަބްލިކް ސާވިސް މީޑިއާއިން މަސައްކަތްކުރަމުން ގެންދާނީ ނަމޫނާ ދައުލަތުގެ މިޑިއާއެއް ގޮތުގައި އާންމުންގެ އިތުބާރާއެކު ޚިދުމަތް ފޯރުކޮށްދިނުމުގެ އަމާޒަށެވެ." ބަޔާނުގައި ވެ އެވެ.

ކުޑަކުއްޖަކު ލައްވައި ސިޔާސީ ރައިވަރެއް ކިޔުއްވި މައްސަލާގައި ގިނަ ބަޔަކު އަންނަނީ ޕީއެސްއެމަށް ފާޑު ކިޔަމުންނެވެ. އޭގެ ތެރޭގައި އިދިކޮޅު ކޯލިޝަންގެ މަޖިލިސް މެމްބަރުން ވެސް ހިމެނެ އެވެ. އެކަން ބަލައިދިނުމަށް ބްރޮޑްކާސްޓިން ކޮމިޝަނަށް ވެސް ބައެއް މީހުން ވަނީ ގޮވާލާފައިވެ އެވެ.