Roadha Mihaaru
ޕޮޒިޓިވް 40 ޕަސެންޓް ކުދިންގެ ބަލީގެ އަލާމާތެއް ނެތް

ކޮވިޑް-19 ޖެހުނު 40 ޕަސެންޓް ކުދިންގެ ކިބައިން ބަލީގެ އަލާމާތެއް ނުފެނޭ

02 މެއި 2020

ކޮރޯނާ ވައިރަހަށް ރެޔާ ހަމަ އަށް ރާއްޖޭން 15 ކުޑަކުއްޖަކު ޕޮޒިޓިވް ވެފައި ވާއިރު އެ ކުދިންގެ ތެރެއިން 40 ޕަސެންޓް ކުދިންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އަނެއް 40 ޕަސެންޓު ކުދިން ހުން އަންނަ ކަމަށް އައިޖީއެމްއެޗުުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

އާމިނަތު ޝިފްލީން އާމިނަތު ޝިފްލީން

ކޮރޯނާ ވައިރަހަށް ރެޔާ ހަމަ އަށް ރާއްޖޭން 15 ކުޑަކުއްޖަކު ޕޮޒިޓިވް ވެފައި ވާއިރު އެ ކުދިންގެ ތެރެއިން 40 ޕަސެންޓް ކުދިންގެ ކިބައިން ބަލީގެ އެއްވެސް އަލާމާތެއް ނުފެންނަ ކަމަށާއި އަނެއް 40 ޕަސެންޓު ކުދިން ހުން އަންނަ ކަމަށް އައިޖީއެމްއެޗުުގެ ކުޑަކުދިންގެ ޑޮކްޓަރު އަހުމަދު ފައިސަލް ވިދާޅުވެއްޖެ އެވެ.

މިހާތަނަށް ރާއްޖޭން 480 އަށް ވުރެ ގިނަ މީހުން ޕޮޒިޓިވް ވެފައިވާއިރު، މާލެ ތެރެއިން އެންމެ ފުރަތަމަ ބަލި ޖެހުނު މީހުންގެ ތެރޭގައި ވެސް ކުޑަކުދިން ހިމެނެ އެވެ.

ފައިސަލް ވިދާޅުވީ ޕޮޒިޓިވް 15 ކުޑަކުދިންގެ ހާލު ވެސް ގޯސް ނޫން ކަމަށެވެ.

ފައިސަލް ވިދާޅުވި ގޮތުގައި ނުރައްކާތެރި އެ ބަލި ޖެހުނު ކުދިންގެ 40 ޕަސެންޓް އަންނަނީ ހުމެވެ. އަދި ހަމަ 40 ޕަސެންޓް ކުދިންގެ ފަރާތުން އެއްވެސް އަލާމާތެއް ނުފެނި އެބަހުރި ކަމަށް ވެސް ވިދާޅުވި އެވެ. ޑޮކްޓަރު ވިދާޅުވީ 20 ޕަސެންޓް ކުދިން ކެއްސާ ކަމަށާއި 13 ޕަސެންޓް ކުދިން ކަރުގައި ރިއްސާ ކަމަށް ފާހަގަކުރެވިފައިވާ ކަމަށެވެ. އަދި އެއް ކުޑަކުއްޖަކަށް، ރަހަ ނުލުމާއި ވަސް ނުދުވުމުގެ މައްސަލަ ވެސް ކުރިމަތިވެފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"އެންމެންގެ ހާލު ވެސް ރަނގަޅު،" ކުޑަކުދިންގެ ޑޮކްޓަރު ވިދާޅުވި އެވެ.

މާލެ ތެރެއިން ކޮރޯނާ ވައިރަހަށް މީހަކު ޕޮޒިޓިވްކަން ފުރަތަމަ އެނގުނީ މިދިޔަ މަހުގެ 15 ވަނަ ދުވަހު އެވެ. ޖެހިގެން އައި ދުވަހު އެ ބައްޔަށް ޕޮޒިޓިވްވި މީހުންގެ ތެރޭގައި ދެ އަހަރުގެ ކުޑަކުއްޖަކު ވެސް ހިމެނެ އެވެ.

މާލެ ތެރެއިން ބަލިމަޑުކަން ފެނުނު ފަހުން ކޮންމެ ދުވަހަކު ވެސް އަންނަނީ ގިނަ ބަޔަކު އެ ބައްޔަށް ޕޮޒިޓިވްވަމުންނެވެ. އެގޮތުން މިހާތަނަށް 491 މީހަކަށް ބަލި ޖެހިގެން ރިޕޯޓުކޮށްފައި ވެ އެވެ. އޭގެ ތެރޭގައި ގިނައީ ބަންގްލަދޭޝްގެ މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ އުމުރުފުރަ އަށް ބަލާއިރު އެންމެ ގިނައީ 31 އަހަރާއި 40 އަހަރާ ދެމެދުގެ މީހުންނެވެ. ދެން އެންމެ ގިނައީ 21 އަހަރާއި 30 އަހަރާ ދެމެދުގެ މީހުންނެވެ. ބަލި ޖެހިފައިވާ މީހުންގެ ތެރެއިން 422 އަކީ ފިރިހެނުންނެވެ. އަންހެނުންގެ އަދަދަކީ 69 އެވެ.