Roadha Mihaaru
ސިޓީ ދޫކޮށްލަން ޖެހިދާނެކަމުގެ އިޝާރާތެއް ޑިބްރޭނާ ދީފި

ސިޓީ ދޫކޮށްލަން ޖެހިދާނެ ކަމުގެ އިޝާރާތެއް ޑިބްރޭނާ ދީފި

04 މެއި 2020

މެންޗެސްޓާ (މެއި 4) - ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީ އަށް އެ އަދަބުން ލުޔެއް ނުލިބިއްޖެނަމަ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

އައްޒާމް އަލިފުޅު އައްޒާމް އަލިފުޅު

މެންޗެސްޓާ (މެއި 4) - ޔޫރަޕްގެ މުބާރާތްތަކުން ކުރިއަށް އޮތް ދެ ސީޒަނަށް ސަސްޕެންޑްކޮށްފައިވާ މެންޗެސްޓާ ސިޓީ އަށް އެ އަދަބުން ލުޔެއް ނުލިބިއްޖެނަމަ މުސްތަގުބަލާ މެދު ގޮތެއް ނިންމަން ޖެހޭނެ ކަމަށް ސިޓީގެ ބެލްޖިއަމް މިޑްފީލްޑަރު ކެވިން ޑިބްރޭނާ ބުނެފި އެވެ.

މިދިޔަ ފެބްރުއަރީ މަހު ޔުއެފާ އިން، ކުރިއަށް އޮތް ދެ އަހަރަށް ޔޫރަޕްގެ މުބާރާތްތަކުގައި ނުކުޅެވޭ ގޮތަށް ސިޓީ ސަސްޕެންޑްކޮށް 30 މިލިއަން ޔޫރޯ އިން ޖޫރިމަނާކުރީ ފައިނޭންޝިއަލް ފެއާޕްލޭ (އެފްއެފްޕީ)ގެ އުސޫލުތަކާ ހިލާފުވެފައި ވާތީ އާއި ޔުއެފާ ކްލަބް ލައިސަންސިންގައި މަކަރު ހަދާފައި ވާތީ އެވެ.

ދެ އަހަރު ދުވަހު ޔޫރަޕްގައި ނުކުޅެވޭ ގޮތްވުމަކީ ސިޓީގައި ތިބި މަޝްހޫރު ގިނަ ކުޅުންތެރިންނަށް ލިބޭނެ ދެރަ އެކެވެ. އެހެންވެ އެ ކުޅުންތެރިން އެހެން ޓީމުތަކަށް ބަދަލުވުމުގެ ފުރުސަތު ބޮޑުކަމަށް ކުރިން ވެސް މީޑިއާގައި ވާހަކަ ދެކެވުނެވެ.

ބެލްޖިއަމްގެ ނޫހަކަށް ދިން އިންޓަވިއުއެއްގައި ޑިބްރޭނާ ބުނީ ސިޓީން އެ މައްސަލަ އެޕީލްކޮށް ކާމިޔާބުކުރާނެ ކަމުގެ ޔަގީންކަން ދީފައިވާ ކަމަށެވެ. އެކަމަކު އެ ގޮތަށް ކަންތައް ނުވެއްޖެނަމަ އެއީ ކުރިމަތިވާނެ އުނދަގޫ ހާލަތެއް ކަމަށް ޑިބްރޭނާ ބުންޏެވެ.

"ސިޓީގެ އެޕީލާ ބެހޭގޮތުން ގޮތެއް ނިމުނުހާ އަވަހަކަށް އަހަރެން ދެން ހުރި ކަންތައްތަކާ މެދު ވިސްނާނަން. ދެ އަހަރު ދުވަހަކީ ވަރަށް ގިނަ ދުވަސް. މިސާލަކަށް އެއް އަހަރުގެ ސަސްޕެންޝަނެއް ނަމަ އެއީ އުނދަގުލަކަށް ނުވެދާނެ. ކްލަބަށް އިތުބާރުކުރަން މި ވަގުތު މި ހުރީ ރަނގަޅު ވާނެ ކަމުގެ އުއްމީދުގައި،" ޑިބްރޭނާ ބުންޏެވެ.

ދާދިފަހުން ސްކައިސްޕޯޓްސް އަށް އިން އިންޓަވިއުއެއްގައި ޑިބްރޭނާ ވަނީ ފުޓްބޯޅަ ކެރިއަރުގައި އޭނަގެ ޓީމުގައި ތިއަރީ އޮންރީ ނޫނީ ކްރިސްޓިއާނޯ ރޮނާލްޑޯ ފަދަ ހުނަރުވެރި ގޯލާ ރަށްޓެހި ފޯވާޑެއް ހުރުމުގެ މުހިއްމުކަން ފާހަގަކޮށްފަ އެވެ. ޑިބްރޭނާ ހޯދަން މަސައްކަތްކުރާ ކްލަބްތަކުގެ ތެރޭގައި ރޮނާލްޑޯ މި ވަގުތު ކުޅެމުން އަންނަ ޔުވެންޓަސް ހިމެނެ އެވެ.

ކޮވިޑް-19 ފެތުރޭތީ މާޗް މަހު މެދުތެރެއިން ފެށިގެން އިނގިރޭސި ޕްރިމިއާ ލީގު އޮތީ މެދުކަނޑާލައިފަ އެވެ. އަންނަ މަހު އަލުން ލީގު ފަށަން މަސައްކަތްކުރަމުން އަންނައިރު ޑިބްރޭނާގެ އުއްމީދަކީ ވީ އެންމެ އަވަހަކަށް ފެށުމެވެ.

ޒުވާން އުމުރުގައި ގެންކުން ފުޓްބޯޅަ ކެރިއަރު ފަށައި ފަހުން ޗެލްސީ އަށް ބަދަލުވި ޑިބްރޭނާ ސިޓީއާ ގުޅުނީ ޖަރުމަނުގެ ވުލްފްސްބާގަށް ކުޅެފަ އެވެ. އުމުރުން 28 އަހަރުގެ ޑިބްރޭނާ އަކީ ޕެޕް ގާޑިއޯލާގެ ކޯޗުކަމުގައި ސިޓީން ހޯދަމުން އަންނަ ކާމިޔާބީގައި މުހިއްމު ރޯލެއް އަދާކުރާ ކުޅުންތެރިޔެކެވެ.