Roadha Mihaaru
މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

މަނަދޫ ކޭސް: ޕޮޒިޓިވް، ނެގެޓިވް، ޕޮޒިޓިވް

06 މެއި 2020

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެ ވަނަ ޓެސްޓު ނެގެޓިވް ވުމުން ކުރި ތިން ވަނަ ޓެސްޓުން އޭނާ އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ ކަމަށް މިރޭ ބުނެފި އެވެ.

ޝުރުފާ މުހައްމަދު ޝުރުފާ މުހައްމަދު

ނ. މަނަދޫން ކޮވިޑް-19 އަށް ޕޮޒިޓިވްވި މީހާގެ ދެ ވަނަ ޓެސްޓު ނެގެޓިވް ވުމުން ކުރި ތިން ވަނަ ޓެސްޓުން އޭނާ އަނެއްކާ ވެސް ޕޮޒިޓިވް ވެއްޖެ ކަމަށް މިރޭ ބުނެފި އެވެ.

ނެޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން މީގެ ކުރިން ޕްރެސް ބްރީފިންގައި އެޗްޕީއޭގެ އެޕިޑެމިއޮލޮޖިސްޓް ޑރ. އިބްރާހީމް އަފްޒަލް ވަނީ މަނަދޫން ޕޮޒިޓިވްވި މީހާ ނެގެޓިވްވެފައިވާ ކަމަށް ވިދާޅުވެފަ އެވެ. ނަމަވެސް މިރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި އެ ސެންޓަރުގެ ތަރުޖަމާން މަބްރޫކް އަޒީޒް ވިދާޅުވީ އެ މީހާ އަނެއްކާ ޕޮޒިޓިވް ވެފައިވާ ކަމަށެވެ.

މިއީ ބަނޑުގައި ރިއްސާތީ މަނަދޫ ހޮސްޕިޓަލުން ފަރުވާ ދިނުމަށް ފަހު ވެސް ހާލު ބޮޑުވެގެން މާލެ ގެނައި މީހެކެވެ. އޭނާ ކޮވިޑް-19 އަށް ޕޮޒިޓިވްކަން ފުރަތަމަ އެނގުނީ މި މަހުގެ 1 ވަނަ ދުވަހު އެވެ.

މަބްރޫކް "މިހާރު" އަށް ވިދާޅުވީ އެ މީހާ އައިޖީއެމްއެޗަށް ދެއްކި އިރު ޓެސްޓު ހެދީ ކޮވިޑް-19ގެ އަލާމާތެއް ހުރެގެން ނޫން ކަމަށާއި އިމަޖެންސީ އަށް ގެންދާ އެންމެން ޓެސްޓު ހަދާ ގޮތަށް މިހާރު ނިންމާފައި އޮތުމުން ޓެސްޓް ހެދީ ކަމަށެވެ.

އެ މީހާގެ ޕޮޒިޓިވް ނަތީޖާ ލިބުނީ ފަރުވާ ދިނުމަށް ފަހު ދޫކޮށްލި ފަހުންނެވެ. އެހެންވެ، ނަތީޖާ ޕޮޒިޓިވް ވުމުން އޭނާ ގެންދިޔައީ އެޗްއައިއެޗްގެ އައިސޮލޭޝަން ފެސިލިޓީއަށް ކަމަށް މަބްރޫކް ވިދާޅުވި އެވެ. އަދި އެތަނުގައި ބަހައްޓާފައި ވަނިކޮށް އަނެއްކާ ވެސް ބަނޑުގައި ރިއްސާތީ ހޮސްޕިޓަލަށް ގެންދިޔައީ އެވެ. އެކަމަކު، ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވާ މީހެއް ކަމަށް ވާތީ އޭނާ ފަހުން ބަދަލުކުރީ މަބްރޫކް ވިދާޅުވި ގޮތުގައި ދަރުމަވަންތަ ހޮސްޕިޓަލަށެވެ.

އެ މީހާގެ ދެ ވަނަ ޓެސްޓު ހެދީ ދަރުމަވަންތަ ހޮސްޕިޓަލުގައި އެޑްމިޓް ކުރުމުގެ ކުރިން ޓެސްޓު ހެދުމަށް އޮންނަ އުސޫލުގެ ތެރެއިން ކަމަށް މަބްރޫކް ވިދާޅުވި އެވެ. އެ ޓެސްޓުގެ ނަތީޖާ ނެގެޓިވް ކަމަށާއި އެކަމަކު ދެ ޓެސްޓެއް ދެ ގޮތަކަށް ދެއްކުމުން ނަތީޖާ ޔަގީން ކުރުމަށް ތިން ވަނަ ޓެސްޓެއް ހެދީ ކަމަށް ވިދާޅުވި އެވެ. އަނެއްކާ ޕޮޒިޓިވް ކަމަށް ދެއްކީ ތިން ވަނަ ޓެސްޓެވެ.

އެހެންވެ މަނަދޫ މީހާ މިހާރު ބަލާފައިވަނީ ޕޮޒިޓިވް ކޭސްއެއްގެ ގޮތުގަ އެވެ. މި ކޭސްއާ ގުޅިގެން މަނަދޫން މިހާތަނަށް ވަނީ 15 ސިއްހީ އެހީތެރިއަކު އައިސޮލޭޓްކޮށްފަ އެވެ. އަދި އެ ރަށް ވަނީ މޮނިޓަރިންގެ ހާލަތުގަ އެވެ.

ކޮވިޑް-19 އަށް ރާއްޖޭން 573 މީހަކު ޕޮޒިޓިވް ވެފައި ވާއިރު މާލެ ފިޔަވައި މި ބަލީގެ މީހުން ފެނިފައިވަނީ މަނަދޫގެ އިތުރުން ހއ. އުލިގަމާއި އެ އަތޮޅު ތަކަންދު އާއި ށ. ނަރުދޫ އާއި ކ. ތުލުސްދޫންނެވެ.