Roadha Mihaaru
ކުދިންގެ ކިޔުންތެރިކަމަށް ގޫގުލްގެ "ރީޑް އެލޯންގް"

ކުދިންގެ ކިޔުންތެރިކަމަށް ގޫގުލްގެ "ރީޑް އެލޯންގް"

10 މެއި 2020

ކުދިންގެ ކިޔުންތެރިކަމުގެ ހުނަރު ތަރައްގީކޮށް، ކުރިއަރުވަން އެހީވުމުގެ ގޮތުން ގޫގުލް އިން "ރީޑް އެލޯންގް" ގަ ނަމުގައި ހިލޭ ޑައުންލޯޑްކުރެވޭ އެޕެއް ލޯންޗްކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކުދިންގެ ކިޔުންތެރިކަމުގެ ހުނަރު ތަރައްގީކޮށް، ކުރިއަރުވަން އެހީވުމުގެ ގޮތުން ގޫގުލް އިން "ރީޑް އެލޯންގް" ގަ ނަމުގައި ހިލޭ ޑައުންލޯޑްކުރެވޭ އެޕެއް ލޯންޗްކޮށްފި އެވެ.

މި އެޕަކީ އެ ކުންފުނިން އިނގިރޭސި އާއި ހިންދީ ބަހުރުވަ ހިމަނައިގެން މިދިޔަ އަހަރު އިންޑިއާގައި ތައާރަފުކުރި އެޕް "ބޯލޯ" ގެ އަޕްޑޭޓެޑް ވާޝަނެކެވެ.

ފަސް އަހަރުން މަތީގެ ކުދިންނަށް ހާއްސަކޮށްގެން "ރީޑް އެލޯންގް" ގެ ނަމުގައި އިތުރު ފީޗާތަކާ އެކު އެޕް ދޫކޮށްލި އިރު، މިހާރު ޖުމްލަ ނުވަ ބަހުރުވައެއް އެކުލެވޭނެ އެވެ. އެންޑްރޮއިޑްގެ އަހުލުވެރިންނަށް މި ވަގުތު ބޭނުންކުރެވޭ ގޮތަށް ދޫކޮށްލި އެޕް 180 ގައުމެއްގައި ބޭނުންކުރެވޭނެ އެވެ.

ގޫގުލް އިން ބުނިގޮތުގައި "ރީޑް އެލޯންގް" ތައްޔާރުކޮށްފައި ވަނީ ސްޕީޗް ރިކޮގްނިޝަނާއި ޓެކްސްޓް-ޓް ސްޕީޗް ވެސް ހިމެނޭ ގޮތަށެވެ. އަދި ކުދިން ކިޔާ އިރު، އުނދަގޫކަމެއް ނުވަތަ ލަފުޒުތައް ކިޔަންވާ ގޮތް ނޫން ގޮތްގޮތަށް ކިޔާ ނަމަ "ދިޔާ" ކިޔާ ކުޑަ އަންހެން ކުއްޖަކު އެސިސްޓަންޓެއްގެ ގޮތުގައި ބައިވެރިވާނެ އެވެ. އެގޮތުން ބާރަށް ކިޔާ އިރު، ދިމާވާ މައްސަލަތަކާއި ކުދިން އެއްވެސް އެހީތެރިކަމެއް ބޭނުންވާ ނަމަ އެކަމަކަށް "ދިޔާ" އެހީވެދޭނެ އެވެ.

"ރީޑް އެލޯންގް" ފަރުމާކޮށްފައި ވަނީ ކުދިކުދި ގޭމްތައް ވެސް ކުޅެވޭ ގޮތަށާއި ކުދިން ހޯދާ ކުރިއެރުންތަކަށް އިނާމު ވެސް ހޯދޭ ގޮތަށެވެ. ގޫގުލް އިން ބުނީ މި އެޕަކީ ކުދިން ބޭނުންކުރަން ވަރަށް ރައްކާތެރި އަދި ބޭނުންކުރަން ވައިފައި ނުވަތަ އިންޓަނެޓް ޑޭޓާ ވެސް ބޭނުންވާނެ އެއްޗެއް ނޫން ކަމަށެވެ.

އެހެންވެ އެޕް ޑައުންލޯޑްކުރުމަށް ފަހު ހިލޭ ބޭނުންކުރެވޭނެ އެވެ. އަދި މީގެ ތެރެއިން 500 އަށް ވުރެ ފޮތް ކުދިންނަށް ކިޔައިލެވޭނެ އެވެ.

"ރީޑް އެލޯންގް" ގައި މިހާރު ހުރި ބަހުރުވަތަކަކީ އިނގިރޭސި އާއި ހިންދީގެ އިތުރުން ސްޕެނިޝް، ޕޯޗްގީޒް، މަރާޓީ، އުރުދޫ، ތަމަޅަ، ތެލެގޫ އަދި ބެންގާލީ އެވެ.