Roadha Mihaaru
ވެސްޓް ޕާކް ތޮށިގަނޑަށް ދޯންޏެއް އަރައިފި

ވެސްޓް ޕާކް ތޮށިގަނޑުގެ މައްޗަށް ދޯންޏެއް އަރައި ފުނޑުފުނޑުވެއްޖެ

15 މެއި 2020

ކ. ކާށިދޫން މާލެ އަށް ދަތުރުކުރި ދޯންޏެއް، ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް މިއަދު އަރައިފި އެވެ.

ލަމްޔާ އަބްދުﷲ ލަމްޔާ އަބްދުﷲ

ކ. ކާށިދޫން މާލެ އަށް ދަތުރުކުރި ދޯންޏެއް، ވެސްޓް ޕާކް ސަރަހައްދުގެ ތޮށިގަނޑު މައްޗަށް މިއަދު އަރައިފި އެވެ.

ހުޅަނގު މޫސުމުގެ ވިއްސާރައާ އެކު، މާލެ ސަރަހައްދަށް ކަނޑުގަދަވެ، އާދަޔާ ޚިލާފަށް ބާރަށް ވައިޖެމުން ދަނިކޮށް ހިނގި މި ހާދިސާގައި ތޮށިގަނޑު މައްޗަށް އެރީ "މިނިވަރު" ނަމަކަށް ކިޔާ ދޯންޏެކެވެ. އެމްއެންޑީއެފުން ބުނީ، އެ ދޯނި "ރާޅާ ތަޅައިތަޅައި ހަލާކުވެއްޖެ" ކަމަށެވެ. އެއެމްއެންޑީއެފުން އާންމުކުރި ވީޑިއޯ އިން ވެސް އެ ފެންނަނީ ދޯނި ފުނޑުފުނޑުވެ، ރާޅާ ތަޅަތަޅައި އޮތް ތަނެވެ.

އެމްއެންޑީއެފުން ބުނީ، ތޮށިގަނޑު މައްޗަށް ދޯނި އެރިކަމުގެ މައުލޫމާތު ލިބުނީ މެންދުރު އެކެއް ޖަހާކަންހާއިރު ކަމަށެވެ. އެ ދޯނީގައި ހަތަރު މީހަކު ދަތުރުކުރި ކަމަށާއި ނަމަވެސް އެ މީހުން ސަލާމަތުން މިހާރު ވަނީ އެއްގަމަށް އަރާފައި ކަމަށް ބުންޏެވެ.

އެމްއެންޑީއެފް އިން މިއަދު ކުރި ޓްވީޓެއް

އެމްއެންޑީއެފުން ބުނިގޮތުގައި، އެ ދޯނި ތޮށިގަނޑު މައްޗަށް އެރީ އިންޖީނު ހުއްޓުމުންނެވެ.

ދޯނީގައި ހުރީ ކާށިދޫން މާލެ ގެނައި ތަކެތި ކަމަށް އެމްއެންޑީއެފުން ބުނެ އެވެ. މޭވާ އާއި ކެއުމަށް ބޭނުކުރާ ބައެއް ބާވަތްތައް ދޯނިން ކަނޑަށް ދޫވެފައިވާ މަންޒަރު ބައެއް ފޮޓޯތަކުން ފެނެ އެވެ.

އެމްއެންޑީއެފުން ބުނީ، މި ދޯނިން ގިނަ އަދަދެއްގެ ތަކެތި އޮޔާދާތީ، އެ ސަރަހައްދުން ދަތުރުކުރާ އުޅަނދުތަކުން އެ ކަމަށް ސަމާލުވާން އެދޭ ކަމަށެވެ.

މިއީ، މޫސުން ގޯސްވެ، ވައިބާރު ވާ ދުވަސްވަރެއް ކަމަށް ވުމުން ކަނޑުދަތުރުކުރުމުގައި ހާއްސަ ސަމާލުކަމެއް ދިނުމަށް މޫސުމާ ބެހޭ އިދާރާ އިން އެދެ އެވެ. ކުރިއަށް އޮތް ހަތަރު ވަރަކަށް ދުވަސްވަރު ރާއްޖެ އަށް ވައި ގަދަ ވާނެ ކަމަށް އެތަނުން މިއަދު ބުންޏެވެ.

ރޭ ފަތިހު މާލެ އަށް ގަދަވަޔާ އެކު ބޯކޮށް ވާރޭވެހި، ބައެއް ސަރަހައްދުތަކުގައި ހުރި ގަސްތައް ވެއްޓި ގެތަކުގެ ފުރާޅަށް ގެއްލުންތަކެއް ވެސް ވަނީ ލިބިފަ އެވެ.