Roadha Mihaaru
ކަންގަނާގެ "ތަލައިވީ" ގައި ވެސް ބަގިޔާޝްރީ

ކަންގަނާގެ "ތަލައިވީ" ގައި ވެސް ބަގިޔާޝްރީ

17 މެއި 2020

އަންނަ އަހަރު ރިލީޒްކުރާ ޕްރަބާސްގެ "ޖާން" ގެ ރޯލެއް ކުޅޭ ކުރީގެ ބަތަލާ ބަގިޔާޝްރީ ކަންގަނާ ރަނާވަތުގެ "ތަލައިވީ" އަށް ވެސް ސޮއިކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އަންނަ އަހަރު ރިލީޒްކުރާ ޕްރަބާސްގެ "ޖާން" ގެ ރޯލެއް ކުޅޭ ކުރީގެ ބަތަލާ ބަގިޔާޝްރީ ކަންގަނާ ރަނާވަތުގެ "ތަލައިވީ" އަށް ވެސް ސޮއިކޮށްފި އެވެ.

ސަލްމާން ޚާނާ އެކު 1989 ގެ "މޭނޭ ޕިޔާރު ކިޔާ" ކުޅެގެން މަޝްހޫރުވި ބަތަލާ ބުނީ އިންޑިއާގެ ޓަމިލް ނާޑޫ ސްޓޭޓްގެ ކުރީގެ ޗީފް މިނިސްޓަރު ޖަޔަލަލީތާގެ ރޯލް ކަންގަނާ ކުޅޭ ފިލްމުން އޭނާ ވަރަށް މުހިއްމު ރޯލަކުން ފެންނާނެ ކަމަށެވެ.

"އަހަންނާއި ކަންގަނާ އެކީގައި ފެންނަ ވަރަށް ގިނަ ސީންތައް ވެސް ފިލްމުގައި ހިމެނޭނޭ،" ބަގިޔާޝްރީ ބުންޏެވެ. "އަހަރެންގެ ކެރެކްޓާ އަކީ ފިލްމުގެ ޓާނިންޕޮއިންޓަކަށްވާނެ."

އޭނާ ބުނީ "ތަލައިވީ" އިން ފުރުސަތު ލިބުމަކީ ވަރަށް ބޮޑު ޝަރަފެއް ކަމަށެވެ. އަދި ޖަޔަލަލީތާ ކަހަލަ ވަރުގަދަ ޝަހުސިއްޔަތެއްގެ ވާހަކަ ކިޔައިދޭ ފިލްމެއްގެ އިތުރުން ކަންގަނާ ކަހަލަ ހުނަރުވެރި މޮޅު ބަތަލާއަކާ އެކު މަސައްކަތްކުރަން ފުރުސަތު ލިބުމަކީ ވެސް އުފަލެއް ކަމަށް ބުންޏެވެ.

"ކަންގަނާ އަކީ ވަރަށް މޮޅު ބަތަލާއެއް. އޭނަގެ ފަރާތުން އެންމެ ބޮޑަށް ފާހަގަކުރެވޭ ކަމަކީ ކެރެކްޓާ އަށް ވަރަށް ރަނގަޅަށް ތައްޔާރުވާކަން." ބަގިޔާޝްރީ ބުންޏެވެ.

އޭނާ ކިޔައިދިން ގޮތުގައި ކަންގަނާއާ އެންމެ ފުރަތަމަ ދިމާވީ އޭނާ ބޮލީވުޑަށް ނުކުތް އަހަރު ކަމަށްވާ 2006 ގަ އެވެ. އަދި އޭރުއްސުރެ ވެސް ކަންގަނާ ދަންނަ ކަމަށާއި "ތަލައިވީ" ގެ ސެޓުން ވެސް ދިމާވުމާ އެކު، ކަންގަނާ ވަރަށް އުފަލުން މަރުހަބާކީ ކަމަށް ބުންޏެވެ.

ކަންގަނާ ވެސް ވަނީ ބަގިޔާޝްރީއާ އެކު މަސައްކަތްކުރަން ލިބުމަކީ ވަރަށް ބޮޑު ފަހުރެއްގެ ގޮތުގައި ސިފަކޮށްފަ އެވެ. އަދި އެ ފުރުސަތު "ތަލައިވީ" އާ އެކު ފަހިވީތީ ފިލްމުގެ ޓީމަށް ޝުކުރުއަދާކުރާ ކަމަށް ބުންޏެވެ.

މި ފިލްމަކީ އޭއެލް ވިޖޭ ޑައިރެކްޓްކުރާ ފިލްމެކެވެ. "ތަލައިވީ" ހިންދީ، ތަމަޅަ އަދި ތެލެގޫ ބަހުން ގެނެސްދޭނެ އެވެ. ފިލްމުގެ ކާސްޓުންގެ ތެރޭގައި އަރުވިންދު ސުވާމީ އާއި ޕްރަކާޝް ރާޖާއި ޖިއްޝޫ ސެންގުޕްތާ އާއި ޕޫރްނާ އާއި މަދޫގެ އިތުރުން ސަމުތިރަކާނޒީ ހިމެނެ އެވެ.

"ތަލައިވީ" ސިނަމާތަކަށް ގެންނަން ތާވަލުކޮށްފައި އޮތީ އަންނަ މަހުގެ 26 ގައި ކަމަށް ވިޔަސް ކޮރޯނާވައިރަހާ އެކު އިންޑިއާގައި ލޮކްޑައުންކޮށް، ސިނަމާތައް ބަންދުކޮށްފައިވާތީ އެ ތާރީހުގައި ފިލްމު ރިލީޒްކުރާނެ ކަމަކަށް ނުބެލެވެ އެވެ. އަނެއްކޮޅުން ލޮކްޑައުނާ އެކު، ފިލްމުގެ ޝޫޓިން އަށް ބުރޫއަރައި މަސައްކަތް ވެސް އަދި ނުނިމި އެވެ.

ނަމަވެސް ފިލްމު ރިލީޒްކުރަން ނިންމި ތާރީހަށް އެއްވެސް ބަދަލެއް އައިކަން ފިލްމުގެ ޕްރޮޑިއުސަރުން އަދި އިއުލާނެއްނުކުރެ އެވެ.