Roadha Mihaaru
ބަގިޔާޝްރީ ފެންނާނީ ކަންގަނާގެ މަންމަގެ ރޯލުން

ބަގިޔާޝްރީ ފެންނާނީ ކަންގަނާ ރަނާވަތުގެ މަންމަގެ ރޯލުން

15 ޖުލައި 2020

ބަތަލާ ކަންގަނާ ރަނާވަތު، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމު "ތަލައިވީ" ގައި ކުރީގެ ބަތަލާ ބަގިޔާޝްރީ ކުޅެނީ ކަންގަނާގެ މަންމަގެ ރޯލުކަން ކަށަވަރުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބަތަލާ ކަންގަނާ ރަނާވަތު، ޖަޔަލަލީތާގެ ރޯލް ކުޅޭ ފިލްމު "ތަލައިވީ" ގައި ކުރީގެ ބަތަލާ ބަގިޔާޝްރީ ކުޅެނީ ކަންގަނާގެ މަންމަގެ ރޯލުކަން ކަށަވަރުވެއްޖެ އެވެ.

ހިންދީ ސިނަމާގެ އައިކޮނިކް ފިލްމެއް ކަމަށްވާ "މޭނާ ޕިޔާރު ކިޔާ" ގެ ބަތަލާ އެ ފިލްމަށް ސޮއިކުރިކަން މިދިޔަ މެއި މަހުގެ ތެރޭގައި ކަށަވަރުކޮށް ދިން ނަމަވެސް އޭރު އޭނާ އަށް ފިލްމުން ލިބުނީ ކޮން ރޯލެއް ކަމަށް ބުނެފައެއް ނުވެ އެވެ.

ނަމަވެސް "ތަލައިވީ" ގައި ބަގިޔާޝްރީ ފެނިގެންދާނީ ޖަޔަލަލީތާގެ މަންމަ ސަންދިއާގެ ރޯލުންކަން މިހާރު ވަނީ ޔަގީންވެފަ އެވެ. އަދި އެކަން ފިލްމުގެ ވިކިޕީޑިއާ ޕޭޖްގައި ވެސް ހިއްސާކޮށްފައިވެ އެވެ.

ބަގިޔާޝްރީ ބުނިގޮތުގައި "ތަލައިވީ" ގައި އޭނާ ފެންނަ ކެރެކްޓާ އަކީ ފިލްމުގެ ވާހަކައިގެ ވަރަށް މުހިއްމު ކެރެކްޓާއަކަށްވެފައި އެ ރޯލް ލިބުމަކީ ވަރަށް ބޮޑު ޝަރަފެއްވެ. އަދި ކަންގަނާ ފަދަ ހުނަރުވެރި ބަތަލާއަކާ އެކު މަސައްކަތްކުރަން ލިބުމަކީ ވެސް ވަރަށް ބޮޑު އުފަލެއް ކަމަށް 51 އަހަރުގެ ބަތަލާ ބުންޏެވެ.

އޭއެލް ވިޖޭ ޑައިރެކްޓްކުރާ "ތަލައިވީ" ގައި ކިޔައިދޭނީ ޓަމިލް ނާޑޫ ސްޓޭޓްގެ ޗީފް މިނިސްޓަރުކަން ހަ ދައުރަކަށް އަދާކުރެއްވި ޖަޔަލަލީތާ ފިލްމީ ތަރިއަކުން ވަރުގަދަ ސިޔާސީ ޝަހުސިއްޔަތަކަށް ބަދަލުވެގެން ދިޔަ ގޮތާއި ކެރިއަރުގައި އޭނާ ކުރިމަތިލެއްވި މުހިއްމު ހާދިސާތަކެވެ. ޖަޔަލަލީތާ އަވަހާރަވީ 2016 ގަ އެވެ.

"ތަލައިވީ" ގެ ކާސްޓުންގެ ތެރޭގައި އަރުވިންދު ސްވާމީ އާއި ޕްރަކާޝް ރާޖާއި ޖިއްޝޫ ސެންގުޕްތާ އާއި މަދޫ އާއި ޕޫރްނާ ފަދަ ތަރިން ހިމެނެ އެވެ. ފިލްމުގައި ޖަޔަލަލީތާގެ އެންމެ އަރިސް މީހުންގެ ތެރޭގައި ހިމެނުނު ސަސީކަލާގެ ރޯލުން ފެނިގެންދާނީ ޕޫރްނާ އެވެ.

"ތަލައިވީ" އަކީ ކުރިން މިދިޔަ ޖޫން މަހުގެ 26 ގައި ރިލީޒްކުރަން އޮތް ފިލްމެކެވެ. އެކަމަކު ކޮވިޑް-19އާ އެކު އިންޑިއާ އަށް ކުރިމަތި ލޮކްޑައުން އެކު ފިލްމުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ނަމަވެސް ބާކީ ހުރި މަސައްކަތްތައް ނިންމުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުންނެވެ. އެކަމަކު ފިލްމު އަޅުވާނެ ތާރީހެއް އަދި އިއުލާނެއްނުކުރެ އެވެ.

"ތަލައިވީ" ގެ ރޯލަކަށް ބަގިޔާޝްރީ ފެނިގެންދާ އިރު، ޕްރަބާސްގެ "ރާދޭ ޝާމް" ގެ ރޯލަކުން ވެސް އޭނާ ފެނިގެންދާނެ އެވެ. އެއީ އަންނަ އަހަރު ރިލީޒްކުރާ ފިލްމެކެވެ.