Roadha Mihaaru
ކައިވެންޏަށް ރައްކާކުރި ފައިސާކޮޅު ފަގީރުންނަށް

ކައިވެންޏަށް ރައްކާކުރި ފައިސާކޮޅު ފަގީރުންނަށް

19 މެއި 2020

ކޮވިޑް-19 ގެ މި ވަގުތަކީ އެންމެންނަށް އެހީ ބޭނުންވެފައިވާ ވަގުތެކެވެ. ކިރިޔާ ވެސް މީހަކަށް އެހީއެއް ވެވެން އޮތް ނަމަ އެ ނަމޫނާ ދައްކާ މީހުން ވެސް މިހާރު ގިނަ އެވެ. އިންޑިއާގެ ޕޫނޭގައި ރިކްޝާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ޒުވާނާ އަކީ ވެސް ހަމަ މިފަދަ މީހެކެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ކޮވިޑް-19 ގެ މި ވަގުތަކީ އެންމެންނަށް އެހީ ބޭނުންވެފައިވާ ވަގުތެކެވެ. ކިރިޔާ ވެސް މީހަކަށް އެހީއެއް ވެވެން އޮތް ނަމަ އެ ނަމޫނާ ދައްކާ މީހުން ވެސް މިހާރު ގިނަ އެވެ. އިންޑިއާގެ ޕޫނޭގައި ރިކްޝާ ޑްރައިވަރެއްގެ ގޮތުގައި މަސައްކަތްކުރާ މި ޒުވާނާ އަކީ ވެސް ހަމަ މިފަދަ މީހެކެވެ.

އޭނާ ކައިވެންޏަށް ރައްކާކޮށްފައި އޮތް 200،000 ރުޕީސް އިން އަންނަނީ ހާލުގައި ޖެހިފައި ތިބި ފަގީރު މީހުންނަށް ކާނާ ފޯރުކޮށް ދެމުންނެވެ. ހާއްސަކޮށް މަގުމަތިވެފައިވާ މީހުންނަށެވެ.

އަކްޝޭ ކޮތާވާލޭ، 30، ކިޔައިދިން ގޮތުގައި އޭނާގެ ކައިވެންޏަށް ވުރެ މި ވަގުތު މުހިއްމީ އިންސާނިއްޔަތަށްޓަކައި އެހީވުމެވެ. އެހެންވެ ކައިވެނި ފަސްކޮށްފައި، އެކަމަށް ރައްކާކުރި ފައިސާ ހޭދަކުރަން ނިންމީ އެވެ.

"މަސައްކަތަށް އައިސްފައި އަމިއްލަ ވަޒަނަށް ދެވޭނެ ގޮތެއް ނެތި މަގުމަތިވެފައި ތިބި ނިކަމެތި އެތައް ބަޔަކާ ކޮންމެ ދުވަހަކު ވެސް އެބަދިމާވޭ. މިއީ ވަރަށް ހިތްދަތިވާ ކަމެއް. އެފަދަ މީހުން ވަންނާނެ ތަނެއް، ކައިބޮއި ހަދާނެ ގޮތެއް ބިކަވެފައި ތިބޭ ތަން ފެނުމަކީ ހިތަށް ކުޅަދާނާ ވަރުގެ ކަމަކަށް ނުވޭ،" އަކްޝޭ ބުންޏެވެ.

އެހެންވެ އޭނާ އަންނަނީ ރިކްޝާ ދަތުރުމަތީގައި މީސްމީހުންނަށް އެ ވަގުތަށް ބޭނުންވާ ކާބޯތަކެތި ފޯރުކޮށް ދެމުންނެވެ. އިންޑިއާގައި ލޮކްޑައުން އިއުލާންކުރި ފަހުން ކޮންމެ ދުވަހަކު ވެސް ވަކި 400 ވަރަކަށް މީހުންނަށް އަކްޝޭ އަންނަނީ އެހީ ދެމުންނެވެ.

މީގެ އިތުރުން އުމުރުން ދުވަސްވީ މީހުންނާއި މާބަނޑު މީހުން ކްލިނިކް ފަދަ ތަންތަނަށް ދާން ކުރާ ދަތުރުތަކުން އޭނާ އެއްވެސް އަގެއް ވެސް ނުނަގަ އެވެ.

އަކްޝޭ ކިޔައިދިން ގޮތުގައި ދިރިހުރިއްޔާ މަސައްކަތްކޮށްގެން އަދިވެސް އާމްދަނީ ހޯދޭނެ އެވެ. އެހެންވެ މި މަހުގެ 25 ގައި ކުރަން ނިންމާފައި އޮތް އަލަތު ކައިވެނި ފަސްކޮށް، އެކަމަށް ރައްކާކުރި ފައިސާކޮޅު ފަގީރުންގެ ހައްގުގައި ހޭދަކުރުން މާ އައުލާކަން ބޮޑު ކަމަށް ބުންޏެވެ.

"އެ ދެ ލައްކަ ރުޕީސް އަކީ ހަމަ އޮޓޯ ދުއްވައިގެން ލިބުނު ފައިސާ. އެހެންވެ އަހަރެން ދެކެނީ އަދިވެސް އަހަރެން ސަލާމަތުން ހުރިއްޔާ މަސައްކަތްކޮށްގެން ފައިސާ ރައްކާކުރެވޭނެ ކަމަށް،" އޭނާ ބުންޏެވެ. "ކައިވެނި ފަސްކުރަން ނިންމީ ލޯބިވެރިޔާއާ ވެސް މަޝްވަރާކޮށްފައި."

އަކްޝޭ ކާނާ ބަހަނީ.

އަކްޝޭ ކާނާ ބަހަނީ.

އަކްޝޭ ބުނީ ފަގީރުންނަށް ކާނާ ފޯރުކޮށް ދިނުމުގެ މަސައްކަތް މިހާރު ކުރަނީ އޭނާ ދިރިއުޅޭ މަލްދައްކާ ޗޯކްގައި އެކުވެރިންތަކެއް އެހީއާ އެކު ކައްކާނެ ތަނެއް ހަދައި، އެތަނަށް ބޭނުންވާ އެއްޗެހި ހޯދައި ކައްކައިގެންނެވެ.

"ކޮންމެ ދުވަހަކު ވެސް މިހާރު ކާނާ އެބަ ފޯރުކޮށްދެވޭ. އެހީ އަށް ބޭނުންވާ އެންމެންނާ ހަމައަށް ވެސް މި އެހީ ފޯރުކޮށް ދޭން މަސައްކަތްކުރަން،" އަކްޝޭ ބުންޏެވެ.

އޭނާ ބުނީ މި މަސައްކަތުގެ ތެރޭގައި ކޮރޯނާވައިރަހާ ބެހޭ ގޮތުން ހޭލުންތެރިކަން ވެސް އުފައްދާ ކަމަށެވެ. އެގޮތުން ރައްކާތެރިވުމުގެ ގޮތުން ކުރެވޭނެ ކަންކަމާ ބެހޭ މައުލޫމާތު ދެމުން އަންނަ ކަމަށް ބުންޏެވެ.