Roadha Mihaaru
ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި

ކައިވެނީގެ ހަފުލާއަކަށް ޝްރަދާގެ އާއިލާ ރާއްޖޭގައި

01 މާޗް 2021

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރާއި އާއިލާގެ ގިނަ ބަޔަކާއި އޭނާގެ ރައްޓެހިންތަކެއް ވަރަށް ހާއްސަ ހަފުލާއަކަށް ރާއްޖެ އަތުވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

ބޮލީވުޑްގެ މަޝްހޫރު ބަތަލާ ޝްރަދާ ކަޕޫރާއި އާއިލާގެ ގިނަ ބަޔަކާއި އޭނާގެ ރައްޓެހިންތަކެއް ވަރަށް ހާއްސަ ހަފުލާއަކަށް ރާއްޖެ އަތުވެއްޖެ އެވެ.

އެ މީހުން އިއްޔެ ރާއްޖެ އައީ މިދިޔަ މަހުގެ ކުރީކޮޅު ކޯޓުގައި ކައިވެނިކުރި ޝްރަދާގެ ދެބެއިންގެ ދެ ދަރި އެކްޓަރު ޕްރިޔާންކް ޝަރުމާ އާއި ޝަޒާ މޮރާނީގެ ކައިވެނީ ކުލަގަދަކޮށް ފާހަގަކުރުމުގެ ގޮތުންނެވެ. ކައިވެނީގެ ހަފުލާގެ ރަސްމީ ފޮޓޯގްރާފަރަކީ ޝްރަދާ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ކަމަށް އަޑު އަރާފައިވާ ސެލެބްރިޓީ ފޮޓޯގްރާފަރު ރޯހަން ޝްރެސްތާ އެވެ.

މިދިޔަ އަހަރުގެ ކުރީކޮޅު ރިލީޒްކުރި "ސަބް ކުޝަލް މަންގަލް" އިން ބޮލީވުޑަށް ނުކުތް އެކްޓަރު ޕްރިޔާންކް އަކީ ކުރީގެ މަޝްހޫރު ބަތަލާ ޕަދުމިނީ ކޯލަޕޫރީގެ ދަރިއެކެވެ. ޕަދުމިނީ އަކީ ޝްރަދާގެ މަންމަ ޝިވާންގީ ކަޕޫރްގެ ކޮއްކޮ އެވެ.

ޕްރިޔާންކް ކައިވެނީގެ ހަފުލާ ރާއްޖޭގައި ފާހަގަކުރަން އައިސް އެ މީހުން ތިބެނީ އޯޒެން ލައިފް މާދޫގަ އެވެ. އެތަނުގައި ނަގާފައިވާ ބައެއް ފޮޓޯތައް ޕްރިޔާންކް އާއި ޝްރަދާގެ ބޭބެ/އެކްޓަރު ސިދާންރު ކަޕޫރްގެ އިންސްޓްގަރާމްގައި ވެސް ޕޯސްޓްކޮށްފައިވެ އެވެ.

ޕްރިޔަންކްގެ އަންހެނުން ޝަޒާ މޮރާނީ އަކީ ޕްރޮޑިއުސަރު ކަރީމް މޮރަނީގެ ދަރިއެކެވެ. ޝަޒާ އަކީ ބަތަލާ ޒޯއާ މޮރާނީގެ ކޮއްކޮ އެވެ.

ބޮލީވުޑްގައި މިހާރު ތިބި އެންމެ ކާމިޔާބު ޒުވާން ބަތަލާއިންގެ ތެރޭގައި ހިމެނޭ ޝްރަދާ، ކަޒިންގެ ކައިވެނީގެ ހަފުލާ ފާހަގަކުރަން އަލަަށް ރާއްޖެ އައީ ޑައިރެކްޓަރު ލަވް ރަންޖަންގެ އާ ފިލްމުގެ ޝޫޓިންގައި ވެސް އުޅެމުންނެވެ. ނަން އަދި އިއުލާންނުކުރާ އެ ފިލްމުގެ ބަތަލަކީ ރަންބީރް ކަޕޫރެވެ.

އެކްޓަރު ޝަކްތީ ކަޕޫރްގެ ދަރިފުޅުގެ ކުރިއަށް ހުރި ޕްރޮޖެކްޓްތަކުގެ ތެރެއިން އެންމެ ފާހަގަކޮށްލެވޭ އެކައްޗަކީ "ނާގިން" ޓްރިލޮޖީ އެވެ. ޝްރަދާ އަކީ "އާޝިގީ 2" އާއި "އޭކް ވިލަން" "ބާގީ" އާއި "ސްޓްރީޓް ޑާންދާ" ފަދަ ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ ބަތަލާއެކެވެ.

އޭނާގެ ބޭބެ ސިދާންތު އަކީ މި މަހުގެ 19 ގައި ރިލީޒްކުރާ ޖޯން އަބްރަހަމާއި އިމްރާން ހާޝިމީގެ "މުމްބާއީ ސާގާ" އިން ފެންނާނެ ތަރިއެކެވެ.