Roadha Mihaaru
ކޮރަޕްޝަން މައްސަލަތައް އަވަސް ކުރަން ހުށަހަޅަނީ

ކޮރަޕްޝަންގެ މައްސަލަތައް ބެލުން އަވަސްކޮށް، ފައިސާ އަނބުރާ ހޯދަން ހުށަހަޅަން ފާސްކޮށްފި

19 މެއި 2020

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް، މީގެ ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ފައިސާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

އަހުމަދު ސާއިލް އަލީ އަހުމަދު ސާއިލް އަލީ

ކޮވިޑް-19ގެ ސަބަބުން ކުރިމަތިވެފައިވާ މާލީ ދަތިކަމުން އަރައިގަތުމަށް، މީގެ ކުރިން ހިންގާފައިވާ ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު އަވަސްކޮށް، ފައިސާ އަނބުރާ ހޯދުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފި އެވެ.

ކޮވިޑް-19އާ ގުޅިގެން ގައުމީ ސަލާމަތަށް އިތުރު ނުރައްކަލެއް އޮތްތޯ ބެލުމަށާއި ޓޫރިޒަމް ސިނާއަތަށް ކޮށްފާނެ އަސަރު ދެނެގަތުމަށް ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓް ރައްޔިތުންގެ މަޖިލީހުން މިއަދު ވަނީ ފާސްކޮށްފަ އެވެ. ކޮރަޕްޝަންގެ ބޮޑެތި މައްސަލަތަކުގެ ތަހުގީގު އަވަސްކުރުމާއި އެ ކަންކަމާ ގުޅުން ހުރި ފައިސާތައް ހޯދަން ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން އެ ރިޕޯޓުގައި ވަނީ ހިމަނައިފަ އެވެ. ރިޕޯޓް މަޖިލީހުން ފާސްކުރީ ވޯޓްގައި ބައިވެރިވެވަޑައިގެންނެވި 64 މެމްބަރުންގެ އިއްތިފާގުންނެވެ.

މި ރިޕޯޓްގެ އިތުރުން އިއްޔެ މަޖިލީހުގައި ބަހުސްކުރި، ސަރުކާރު މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ ރިޕޯޓް ވެސް މިއަދު ފާސްކުރި އެވެ. އެ ރިޕޯޓު ފާސްކުރަން 65 މެމްބަރަކު ވޯޓު ދެއްވި އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީގެ ރިޕޯޓް މަޖިލީހަށް މިއަދު ހުށަހަޅުއްވަމުން އެ ކޮމެޓީގެ މުގައްރިރު، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު މުހައްމަދު އަސްލަމް ވިދާޅުވީ މިނިވަން މުއައްސަސާތަކާއެކު ފުލުހުން ކުރިއަށް ގެންދާ ޖޮއިންޓް އިންވެސްޓިގޭޝަންތައް، ސަރުކާރުގެ އޮފީސްތަކާއި މިނިވަން މުއައްސަސާތައް ބަންދުވެފައި ވުމުން މަޑުޖެހިފައިވާ ކަމަށެވެ.

އެހެންކަމުން އެ ކޮމިޓީން ހުށަހަޅާ ކަންތައްތަކުގެ ތެރޭގައި ވަނީ ދައުލަތުން ކޮށްފައިވާ ވައްކަންތަކާއި ހިޔާނާތްތަކުގެ މައްސަލަތައް އަވަހަށް ބަލައި އެ ފައިސާ ދައުލަތަށް ހޯދުމަށް ހުށަހެޅުމެވެ. އޭގެ ތެރޭގައި އެމްއެމްޕީއާރުސީގެ ހިޔާނާތް ފަދަ ބޮޑެތި މައްސަލަތަކަށް އިސްކަން ދިނުން ހިމެނެ އެވެ.

ސަލާމަތީ ހިދުމަތްތަކާ ބެހޭ ކޮމިޓީން އެކުލަވައިލި ރިޕޯޓްގައި 84 ކަމެއް ވަނީ ފާހަގަކޮށްފަ އެވެ. އޭގެ ތެރޭގައި މި ދުވަސްވަރު ސަލާމަތީ ބާރުތަކުގެ ގިނަ ބައެއް ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާތީ ދަނޑިވަޅުގެ ބޭނުން ނަހަމަ ގޮތުގައި ހިފައި އެކި ކުށްތައް ކުރަން މަސައްކަތް ކުރަމުން ދާކަން ރިޕޯޓްގައި ބުނެފައި ވެ އެވެ.

ރިޕޯޓްގައި ފާހަގަކޮށްފައިވާ މުހިންމު ބައެއް ކަންކަން.

- މާލޭގައި ވަންނާނެ ތަނެއް ނެތި ގިނަ ބަޔަކު މަގުމަތީގައި އުޅޭއިރު އޭގެ ތެރޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ވެސް ހިމެނޭ.

- ރޯގާ އިން ފުލުހުން ރައްކާތެރިވުމަށް އެކަށީގެންވާ ވަރަށް ޕްރޮޓެކްޓިވް އިކްއިޕްމެންޓް ފުލުހުންގެ އިދާރާގައި ނެތްކަން.

- ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ފުލުހުން، އެހެން ފުލުހުންނާއެކު އެއް ބެރެކްސްއެއްގައި ދިރިއުޅެން ޖެހިފައިވުން.

- ކޮވިޑް-19އާ ގުޅިގެން ހިންގާ އޮޕަރޭޝަންގައި ފުލުހުންގެ ގިނަ ބަޔަކު ޝާމިލް ވަމުން އަންނާތީ، ކުށް ކުރާ މީހުން މި ހާލަތުގައި ބޮޑެތި ކުށްތައް ހިންގުމަށް ރާވައި މަސައްކަތް ކުރާކަން.

- މި ދުވަސްވަރު ކަނޑުމަގުންނާއި އެހެނިހެން ގޮތްގޮތުން ރާއްޖެ އަށް ގިނަ އަދަދެއްގެ މަސްތުވާތަކެތި އެތެރެ ކުރަން މަސައްކަތް ކުރާކަން.

- ކޮވިޑް-19ގެ މި ހާލަތް ދިމާވިއިރު ބޮޑެތި ކުށްވެރިންތަކެއް ޖަލުން ދޫވެފައިވާއިރު، އެފަދަ މީހުން ބައިވެރިވެގެން ބޮޑެތި ވައްކަންތަކާއި ފޭރުންތައް ރާވައި، މިއީ އެ ކަމަށް ލިބިފައިވާ ފުރުސަތެއްގެ ގޮތުގައި ބަލައިގެން ކުށް ހިންގަން މަސައްކަތް ކުރާކަން.

- ޖަލުތަކުގެ ތެރޭގައި އެކިއެކި ހަމަނުޖެހުންތައް ހިންގައި މަސްލަހަތު ގެއްލުވައިލުމަށް ފަހު، މި ހާލަތުގެ ނާޖާއިޒު ފައިދާ ނަގައިގެން ޖަލުން މިނިވަން ވުމަށް ނުވަތަ ގެއަށް ބަދަލުވާން މަސައްކަތް ކުރަމުން ދާކަން.

- ކޮވިޑް-19 އަށް ހުރިހާ އިދާރާއަކުން ސަމާލުކަން ދީފައިވާ ދަނޑިވަޅެއްގައި ހަރުކަށި ފިކުރުގެ ފަރާތްތަކުން ދީފާނެ ހަމަލާތައް ދުރާލައި ދެނެގަނެވި އެ ކަންކަމަށް ރެސްޕޮންޑް ކުރުމަށް ސިފައިން ވަނީ ތައްޔާރުވެފައިކަން.

- ހަރުކަށި ފިކުރާ ދެކޮޅަށް އަޅަމުން ދާ ފިޔަވަޅުތަކާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުންނާއި ވަކި ގޮތަކަށް ކަންކަން ކުރުވަން މަޖުބޫރު ކުރުމުގެ ގޮތުން ހަރުކަށި ފިކުރުތަކުގެ މީހުން ރާވައިގެން ނުރައްކާތެރި ޖިނާއީ ކުށްކުރުން އިތުރުވެފައި ވާތީ ފުލުހުންނާއި ސިފައިން ގުޅިގެން އެންޓެރިން ސެކިއުރިޓީ އެންހޭސްމެންޓް ޕްލޭނެއް އެކުލަވާލައި ތަންފީޒު ކުރުމުގެ މަސައްކަތް މިހާރު އަންނަނީ ކުރަމުން ކަން.

ކޮމިޓީން ވަނީ ފާހަގަ ކުރެވުނު ކަންތައްތަކުގެ މައްޗަށް ބަލައި ނުވަ ކަމެއް ކަމާ ބެހޭ ފަރާތްތަކަށް ހުށަހަޅަން ނިންމައިފަ އެވެ. އޭގެ ތެރޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރާ ކޮމިޝަނާއި ކޮރަޕްޝަން ތަހުގީގު ކުރާ ކޮމިޝަންގެ އިތުރުން ބޮޑެތި މައްސަލަތަކުގެ ތަހުގީގުތައް އެޗްޕީއޭން ކަނޑައަޅާފައިވާ އުސޫލުތަކުގެ މަތިން މެދުކެނޑުމެއް ނެތި ކުރިއަށް ގެންދިއުމަށް ހުށަހަޅަން ނިންމި އެވެ.

އޭގެ އިތުރުން ޕޮލިސް ކަސްޓޮޑީ އާއި ޖަލުތަކުގައި އެއްވެސް ފަރާތަކުން ރާވައިގެން ހަމަނުޖެހުން ނަގައިލުމުގެ ފުރުސަތު ނުދެވޭ ގޮތަށް ހަރުދަނާ ފިޔަވަޅުތަކެއް ގާއިމް ކުރުމަށާއި ކުރިއަށް ވުރެ ހާއްސަ އިންތިޒާމެއްގެ ތެރެއިން އެ ތަންތަން ބެލެހެއްޓުމަށް އެންގުމަށް ވެސް ކޮމިޓިން ވަނީ ނިންމައިފަ އެވެ.

ކޮމިޓީން ހުށަހަޅަން ފާސްކުރި ބައެއް ކަންކަން

- މަގުމަތި ވެފައިވާ މީހުންނާއި އެކަށީގެންނުވާ ކުދި ޖާގައިގައި ދިރިއުޅެން ޖެހުމުގެ ސަބަބުން އަސާސީ ކަންކަން ހަމަޖެހިފައި ނުވާ މީހުންނަށް ދައުލަތުން ވަގުތީ ހިޔާތަކެއް ހޯދައިދިނުމަށް ހުށަހެޅުން.

- ކޮވިޑް-19 އަށް ހާއްސަ ކޮށްފައިވާ ސަލާމަތީ ބާރުތަކުގެ މުވައްޒަފުން އެހެން މުވައްޒަފުންނާއެކު އުޅޭއިރު ރައްކާތެރިވުމަށް އެޗްޕީއޭ އިން ކަނޑައަޅާފައިވާ އުސޫލާ އެއްގޮތަށް ކަންކަން ކުރުން. ރައްކާތެރިވުމަށް ބޭނުންވާ ސާމާނު ސަލާމަތީ ބާރުތަކަށް ބޭނުންވާ ވަރަށް ހޯދައި ދިނުމަށް ހުށަހެޅުން.

- މި ދަނޑިވަޅުގައި ދީނީ ހަރުކަށި ފަރާތްތަކުން ދީފާނެ ހަމަލާ ދެނެގަނެ، ކުރިއްސުރެ ފާހަގަ ވެފައިވާ މީހުންނަށް ފާރަލައި އެ ކަންކަމަށް ރެސްޕޮންޑް ކުރާނެ ގޮތްތައް ސިފައިންނާއި ފުލުހުން ގުޅިގެން މަސައްކަތް ކުރުން

ކޮވިޑް-19ގެ މި ދަނޑިވަޅުގައި ބޮޑެތި ކުށްތަކެއް ކުރަން ރާވަމުން ދަނިކޮށް އެ ކަންކަން ހުއްޓުވާފައިވާ ކަމަށް ފުލުހުން ވެސް މީގެ ކުރިން ވަނީ ބުނެފަ އެވެ.