Roadha Mihaaru
ލިސްޓް ހާމަކުރަން ގޮވާތީ ހަސަން ކަންބޮޑުވެއްޖެ

ބޮޑު ހިޔާނާތް: ނަންތައް ހާމަކުރަން ނުގޮވާ، ދިރާސާކޮށްފައި ހާމަކުރާނަން: ހަސަން

09 މެއި 2021

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަންތަކާއި މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ލިބުުމުން، އެ މައުލޫމާތު ހާމަކުރަން ގޮވައިލާ ގޮވައިލުންތަކަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ރައްދު ދެއްވައިފި އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަންތަކާއި މައުލޫމާތު ރައްޔިތުންގެ މަޖިލީހަށް ލިބުުމުން، އެ މައުލޫމާތު ހާމަކުރަން ގޮވައިލާ ގޮވައިލުންތަކަށް ހެންވޭރު ހުޅަނގު ދާއިރާގެ އެމްޑީޕީގެ މެމްބަރު އަދި އެ ޕާޓީގެ ޗެއާޕާސަން ހަސަން ލަތީފު ރައްދު ދެއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (241 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފައްދާފައިވާ ޖޮއިންޓް ކޮމިޓީއަށް ތަހުގީގީ އިދާރާތަކުން ހުށަހެޅި މައުލޫމާތުގައި ހިޔާނާތުގެ ތުހުމަތުވާ 281 މީހެއްގެ ނަން އޮތްކަން އެ ކޮމިޓީން އިއްޔެ ބޭއްވި ބައްދަލުވުުމުގައި ބުންޏެވެ. ނަމަވެސް އެ ބައްދަލުވުމުގައި ނިންމީ އެ މައުލޫމާތު ދިރާސާކުރުމުގައި ވަރަށް ބޮޑަށް ސިއްރު ހިފަހައްޓަައިގެން މަސަައްކަތް ކުރުމަށެވެ. އެގޮތުން ކޮމިޓީގެ މެމްބަރުންނަށް ވެސް މަޖިލީހުން ބޭރަށް މައުލޫމާތު ނުގެންދެވޭނެ އިންތިޒާމު ހަމަަޖައްސަން އިއްޔެ ފާސްކުރި އެވެ.

އެ ޚަބަރު މީޑިއާ އަށް ދިއުމާއި އެކު އާއްމުންގެ ގިނަ ބަޔަކު އެކަމާ ވަރަށްް ބޮޑަށް ނުރުހުން ފާޅުކުރި އިރު، އަނެއް ބަޔަކު ވަނީ އެ ލިސްޓްގައި ނަން އޮންނާނެ ކަމަށް ބުނެ އެކިއެކި މެމްބަރުންނަށް ތުހުމަތައް ކޮށްފަ އެވެ. އައްޑޫ މީދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު ރޮޒައިނާ އާދަމަކީ އެ ގޮތުން ބައެއް މީހުންގެ ތުހުމަތު އަމާޒުވި މެމްބަރެކެވެ.

އެއާ އެކު ރޮޒައިނާ ކުރެއްވި ޓްވީޓެއްގައި ގޮވައިލެއްވީ މައުލޫމާތު ހާމަކުރުމަށެވެ. އޭނާ ވިދާޅުވީ އެ ނަންތައް ހާމަކޮށްގެން ނޫނީ، ސިޔާސީ ބޭނުމަށް ކުރާ ބަދުނާމު ނުހުއްޓޭނެކަަމަށެވެ.

"ހާމަކުރަން އެބަޖެހޭ، އެތައް ކަމާ ނުބެހޭ މީހުންގެ ބޮލުގައި ވަގު ބަދުނާމު އަޅުވާތާ ކިތައް ދުވަސް މިވަނީ؟ ތީގައި ކުށްވެރިވާ ބައެއްގެ ނަން ވިއްޔާ ހާމަކޮށްގެން ނޫނީ ސިޔާސީ ބޭނުމަށް މިކުރާ ބަދުނާމު ނުހުއްޓޭނެ،" ރޮޒައިނާ ވިދާޅުވި އެވެ.

ހަސަންގެ ރައްދު ރޮޒައިނާ އަށް

ޖޮއިންޓް ކޮމިޓީގެ މިއަދުގެ ބައްދަލުވުން ސިއްރު ކުރުމުގެ ކުރިން ކޮމިޓީގެ މުގައްރިރު، އަދި މާފަންނު އުތުރު ދާއިރާގެ އެމްޑީޕީގެ މެމްބަރު އިމްތިޔާޒު ފަހުމީ އިއްވަވައި ދެއްވި މައުލޫމާތުތައް މަޖިލީހާ ހިއްސާކުރި އިރު އެސެޓް ރިކަވަރީ ކޮމިޝަނުން މަޖިލީހަށް ފޮނުވާފައިވާ ސިޓީ އެވެ.

ތުހުމަތުވާ މީހުންގެ ނަންތަކާއި މައުލޫމާތު މަޖިލީހާ ހިއްސާކުރީ އެސެޓް ރިކަވަރީ ކޮމިޝަނާއި އޭސީސީ އާއި ފުލުހުންގެ އިދާރާއިންނެވެ. އެސެޓް ރިކަވަރީ ކޮމިޝަނުގެ ސިޓގައި ޖުމުލަ ގޮތެއްގައި އެދިފައި އޮތީ ތަހުގީގު އަދި ނުނިމޭ އެތައްް ބަޔަކު ވެސް ތިބުމާ އެކު މައުލޫމާތުގެ ސިއްރު މަޖިލީހުން ހިފަހައްޓަައި ދިނުމަށެވެ.

ނަންތައް ހާމަކުރަން ގޮވައިލައްވާފައި ވާތީ ރޮޒޭނާ އަށް ރައްދު ދެެއްވަމުން ހަސަން ހަވާލާދެއްވީ އެ ސިޓީއަށެވެ.

"ކަނޑައެޅިގެން ލިއުއްވާފައި އެ އޮތީ ސިއްރު މައުލޫމާތުގެ ގޮތުގައި ހިފަހައްޓަައިދެއްޗޭ. އަޅުގަނޑުމެން މި ކޮމިޓީން އެކަން ކޮށްްދެއްޗޭ. ދެން އަޅުގަނޑުމެން މި ކޮމިޓީން އަދި ލިސްޓެއްގެ ނަންތަކެއް ލިބުނު ކަމަށް ވިޔަސް ވެސް އެމައުލޫމާތަކީ ހާމަކުރެވޭނެ މައުލޫމާތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

ހަސަން ވިދާޅުވީ، އެ ނަންތައް ހާމަކުރަން ގޮވައިލުމަކީ އާއްމުންގެ ތާއީދު ލިބޭނެ ކަމެއްކަން އޭނައަށްް ވެސް އެނގިވަޑައިގަންނަވާ ކަަމަށާއި ނަމަވެސް އެއީ ޒިންމާދާރުކަމާ އެކީގައި އެކަން ކުރެވޭނެ ގޮތެއް ނޫން ކަމަށެވެ. އެ މައުލޫމާތު ހާމަކުރަން މަޖިލީހުގެ މެމްބަރެއް ނުވަތަ އެހެން ބޭފުޅަކު ވެސް އެދިވަޑައިގަތުމަކީ ކޮށްގެން ވާނެ ކަމެއް ނޫން ކަމަށް ވެސް އޭނާ ވިދާޅުވި އެވެެ.

"ހާއްްސަކޮށް ރައްްޔިތުންގެ މަޖިލީހުގެ މެމްބަރުންނަށް އެނގިވަޑައިގަންނަވަން ވާނެ ރައްޔިތުންގެ މަޖިލީހަށް ލިބޭ ލިއުންތައް އޭގެ ސިއްރުކަން ހިފަހައްޓަން ޖެހޭ ހާލަތްތަކުގައި ސިއްރުކަން ހިފަހައްޓަން ޖެހޭނެކަން،" ހަސަން ވިދާޅުވި އެވެ.

އޭނާ ވިދާޅުވިގޮތުގައި ނަން ލިސްޓް ފެނުނީމާ ހިތަށް ލިބޭ ހިތްހަމަޖެހުމަށްޓަކައި އެ ނަންތައްް ހާމަކުރުމަކީ ކޮށްގެންވާނެ ކަމެއް ނޫނެވެ. ތަހުގީގު ނިމުނީމާ ނަންތައް ހާމަކުރާނެ ކަމަށް ވިދާޅުވި އެވެ. ނަންތައް ހާމަކުރުމަށްޓަކައި އެމްއެމްޕީއާރްސީގެ މައްސަލަ ދިރާސާކުރަނީ ވެސް އަދި ނަންތައް ހާމަކުރަން އުޅެނީ ވެސް "އަޅުގަނޑުމެން" ކަމަށް އޭނާ ވިދާޅުވި އެވެ.

އިދާރާތަކުން މަޖިލީހަށް ފޮނުވި ލިސްޓްގައި ޖުމްލަ 281 ނަމެއް އެބައޮތެވެ. އެސެޓް ރިކަވަރީ ކޮމިޝަނުން ކުރިން ބުނެފައި އޮތީ އެ ލިސްޓްގައި ހިމެނެނީ 267 ފަރާތެކެވެ. މިފަހަރުގެ މައުލޫމާތު ހޯދަން މަޖިލީހުން އެދުނީ މެމްބަރު ހަސަން ލަތީފު ސިޓީއަކުން އެކަމަށް އެދިވަޑައިގެންނެވުމުންނެވެ.