Roadha Mihaaru
ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން: އާޒިމް

ކޮމިޓީން އެއްފަރާތްވީ އިންޓަގްރިޓީ ހިފަހައްޓަން، ކޮރަޕްޝަނެއް ނޯންނާނެ: އާޒިމް

10 މެއި 2021

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށްް ތުހުމަތުވާ މީހުން ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (2411 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ބަލަމުން އަންނަ އިރު، 241 ކޮމިޓީން މިވަގުތަށް ދުރަށް ވަޑައިގަތީ އިންޓެގްރިޓީ ހިފަހައްޓަވަން ކަމަށާއި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިރޭ ވިދާޅުވެއްްޖެ އެވެ.

މުހައްމަދު ނަސީމް މުހައްމަދު ނަސީމް

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މަންފާ ލިބުނު ކަމަށްް ތުހުމަތުވާ މީހުން ލިސްޓު، ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ (2411 ކޮމިޓީ) އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން ބަލަމުން އަންނަ އިރު، 241 ކޮމިޓީން މިވަގުތަށް ދުރަށް ވަޑައިގަތީ އިންޓެގްރިޓީ ހިފަހައްޓަވަން ކަމަށާއި އެއްވެސް ކޮރަޕްޝަނެއް ނޯންނާނެ ކަމަށް އެމްޑީޕީގެ ޕާލަމެންޓްރީ ގްރޫޕްގެ ލީޑަރު އަލީ އާޒިމް މިރޭ ވިދާޅުވެއްްޖެ އެވެ.

މެދުހެންވޭރު ދާއިރާގެ މެމްބަރު އާޒިމް "މިހާރު" އަށް ވިދާޅުވީ ކޮމިޓީއަށް ލިބިފައިވާ ލިސްޓުގައި އޭނާގެ ނަން އޮތް ކަމަށް ވާހަކަ ދެއްކެވޭ ކަމަށާއި ނަަމަވެސް އެ ލިސްޓުގައި ނަން އޮންނަން ޖެހޭ ސަބަބެެއް ނެތް ކަމަށެވެ. އެކަމަކު، އެގޮތަށް އަޑު ފެތުރޭ ނަމަ އެންމެ ރީތި ގޮތަކީ އޭނާ ކޮމިޓީގެ މަސައްކަތުން އެެއްފަރާތްވެ، ފުރިހަމަ ތަހުގީގަކަށް ޖާގަ ދެއްވުން ކަމަށް ވިދާޅުވި އެވެ.

"އަޅުގަނޑާ ސުވާލެއް ވެސް ކޮށްލާފައެއް ނޯންނާނެ، އެއްވެސް އިދާރާއަކުން އެ މައްސަލައިގައި. އެހެންވެ އަޅުގަނޑަށް ވެސް ޝޮކަކަށް ވި ނަން އޮތޭ ކިޔާތީ. އެކަމަކު އެގޮތަށް ވާހަކަ ދެއްކެވޭ ނަމަ އަޅުގަނޑު ކޮމިޓީގައި އިނުމަކީ އިންޓަގްރިޓީ ހުރި ގޮތެއް ނޫން،" އޭނާ ވިދާޅުވި އެވެ.

އާޒިމް ވިދާޅުވި ގޮތުގައި ކޮމިޓީން އޭނާ މުޅިން ވަކިވެވަޑައިގެންނެވީކީއެއް ނޫނެވެ. ހަމަ އެކަނި އެ މައްސަލަ ބަލާ ނިމެންދެން ވަގުތީ ގޮތުން އެއް ފަރާތްވީ ކަމަށް ވިދާޅުވި އެވެ.

ކޮމިޓީގެ މަސައްކަތުން އެކަހެރިވެވަޑައިގަތުމާ ހަަމައަށް އާޒިމް އަކީ އެ ކޮމިޓީގެ ނައިބު މުގައްރިރެވެ. އޭނާގެ ބަދަލުގައި ކޮމިޓީއާ ގުޅިވަޑައިގެންނެވީ މަޖިލީހުގެ ނައިބު ރައީސް އަދި ގަލޮޅު ދެކުނު ދާއިރާގެ އެމްޑީޕީގެ މެމްބަރު އީވާ އަބްދުﷲ އެވެ.

އެމްއެމްޕީއާރުސީގެ ހިޔާނާތުގެ ފައިސާ ލިބުނު ކަމަށް ތުހުމަތުވާ މީހުންގެ ތެރެއިން މިހާރު ވެސް މަގާމުތަކުގައި ތިއްބެވި ބޭފުޅުންނާއި ކުރިން މަގާމުތަކުގައި ތިއްބެވި ބޭފުޅުންގެ ލިސްޓް ހޯދަން މަޖިލީހުން އެދުމުން، ތަހުގީގީ އިދާރާތަކުން ފޮނުވި ލިސްޓްގައި ޖުމުލަ 281 ފަރާތެއްގެ ނަން އެބަ އޮތެވެ. އެގޮތުން އެއީ އެ ލިސްޓްގައި އޮތް ކަަމަށް އެސެޓް ރިކަވަރީ ކޮމިޝަނުން ބުނި އަދަދަށް ވުރެ 14 ނަން އިތުރު ލިސްޓެކެވެ.

އެ ލިސްޓު ދިރާސާކުރަން 241 ކޮމިޓީ އާއި ޖުޑިޝަރީ ކޮމިޓީ ގުޅިގެން އުފެއްދި ޖޮއިންޓް ކޮމިޓީން މިދިޔަ ހޮނިހިރު ދުވަހު ބޭއްވި ބައްދަލުވުމުގައި މައިގަނޑު ދެ ކަމެއް ކުރަން ހުށަހަޅައި ފާސްކުރި އެވެ. އޭގެ އެއް ކަމަކީ މަސްލަހަތު ފުށުއަރާ މެމްބަރަކު އެއިން ކޮމިޓީއެއްގައި އިންނެވި ނަމަ އެ މެމްބަރެއްގެ ބަދަލުގައި އެހެން މެމްބަރަކު ހަމަޖެއްސުމެވެ.

އަނެއް ކަމަކީ ލިސްޓުގެ ސިއްރުކަން ހިފެހެއްޓުމަށް ހާއްސަ ފިޔަވަޅުތަކެއް އެޅުމެވެ. ކޮމިޓީގެ މެމްބަރުންނަށް ވެސް ލިސްޓުގެ އެއްވެސް މައުލޫމާތެއް މަޖިލީހުން ބޭރަށް ނުގެންދެވޭނެކަން ކަށަވަރުކުރަން ވަނީ ފާސްކޮށްފަ އެެވެ.

އާޒިމް އާއި މަޖިލީހުގެ އެހެން ބައެއް މެމްބަރުން އެ ލިސްޓުގައި އޮތް ކަމަށް ބައެއް މީހުން ތުހުމަތުކުރަން ފެށީ އާ ލިސްޓު އައުމުގެ މާކުރިންނެވެ. އޭރުގައި އެގޮތަށް ތުހުމަތުތައް ކުރާތީ ލިސްޓު އާއްމުކުރަން ވެސް ބައެއް މެމްބަރުން މީގެ ކުރިން ވަނީ ގޮވައިލައްވާފަ އެވެ.