Roadha Mihaaru
ކޮލަމް، ފަސް މިނެޓް: މިހާރު ތިހެން ވިދާޅުނުވޭ!

ކޮލަމް، ފަސް މިނެޓް: މިހާރު ތިހެން ވިދާޅުނުވޭ!

18 އޮކްޓޯބަރ 2016

ރާއްޖޭގައި މިހާރު މި ހިނގާ ފަދަ ކަންކަން ހިނގަނީ ދުނިޔޭގެ އެހެން ކޮން ގައުމެއްގައިތޯ ބައެއް މީހުން ސުވާލުކުރެ އެވެ. މިއީ ގައުމެއް ހިނގާ ގޮތްތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. މި ފަދަ ސުވާލުތައް އަޑު އިވުމުން ހަނދާނަށް އަންނަނީ ރައްޓެއްސަކު ރާއްޖޭގެ ހަގީގަތް ސިފަކޮށްދިން ގޮތެވެ. އޭނާ ބުނި ގޮތުގައި މިއީ އިންސާނުން ދިރިއުޅެން އޮތް ތަނެއް ނޫނެވެ. މިއީ ދޫނި ސޫފާސޫތްޕާއި ވެލާ ކަހަނބު ފަދަ ތަކެތި އަރައި ބިސްއަޅަން އޮތް ފިނޮޅުތަކަކާއި ރަށްތަކެކެވެ. ނިލަމެއްސާއި ހޮނޑެއްޔާއި ރެހި ފަދަ ކުދި މަސްމަހާމެހި ބިސް އަޅައި ވިހަން އޮތް ފަޅުތަކާއި ފަރުތަކެވެ. އެފަދަ ތަކެތި ދިރިއުޅުމަށް އޮތް ތަނަކަށް، ކައިރި ކަރަތަކުންނާއި ދުރު ގައުމުތަކުން އެކި ދުވަސްވަރު ބެހިގެން އައި އިންސާނުންތަކެއް ވެރިވެގަނެ ދިރިއުޅެން ފެށީމާ ދެން ފެންނާނީ މިހާރު ހިނގަމުންދާ ފަދަ ކަންކަމެވެ.

އަހުމަދު އަބުދުﷲ ސައީދު އަހުމަދު އަބުދުﷲ ސައީދު

ރާއްޖޭގައި މިހާރު މި ހިނގާ ފަދަ ކަންކަން ހިނގަނީ ދުނިޔޭގެ އެހެން ކޮން ގައުމެއްގައިތޯ ބައެއް މީހުން ސުވާލުކުރެ އެވެ. މިއީ ގައުމެއް ހިނގާ ގޮތްތޯ ވެސް ބައެއް މީހުން ސުވާލު ކުރެ އެވެ. މި ފަދަ ސުވާލުތައް އަޑު އިވުމުން ހަނދާނަށް އަންނަނީ ރައްޓެއްސަކު ރާއްޖޭގެ ހަގީގަތް ސިފަކޮށްދިން ގޮތެވެ. އޭނާ ބުނި ގޮތުގައި މިއީ އިންސާނުން ދިރިއުޅެން އޮތް ތަނެއް ނޫނެވެ. މިއީ ދޫނި ސޫފާސޫތްޕާއި ވެލާ ކަހަނބު ފަދަ ތަކެތި އަރައި ބިސްއަޅަން އޮތް ފިނޮޅުތަކަކާއި ރަށްތަކެކެވެ. ނިލަމެއްސާއި ހޮނޑެއްޔާއި ރެހި ފަދަ ކުދި މަސްމަހާމެހި ބިސް އަޅައި ވިހަން އޮތް ފަޅުތަކާއި ފަރުތަކެވެ. އެފަދަ ތަކެތި ދިރިއުޅުމަށް އޮތް ތަނަކަށް، ކައިރި ކަރަތަކުންނާއި ދުރު ގައުމުތަކުން އެކި ދުވަސްވަރު ބެހިގެން އައި އިންސާނުންތަކެއް ވެރިވެގަނެ ދިރިއުޅެން ފެށީމާ ދެން ފެންނާނީ މިހާރު ހިނގަމުންދާ ފަދަ ކަންކަމެވެ.

މިނިވަން މުއައްސަސާތަކުން އެކި ކަންކަމުގައި އަމަލުކުރާ ގޮތުން ބައެއް މީހުން ފާޑުކިޔަ އެވެ. އެއް ބަޔަކު ބުނާ ގޮތުގައި މިނިވަން މުއައްސަސާތަކުން ކަންތައް ކުރަނީ ސަރުކާރުން އަންގާ ގޮތަށެވެ. ބައެއް ކަންކަމުގައި ސަރުކާރުން ވަކި ގޮތަކަށް ނޭންގި ކަމުގައި ވިޔަސް، ސަރުކާރު ރުހޭނެ ގޮތްގޮތަށް ބަލައިގެންނެވެ. އެއީ އެ މުއައްސަސާތަކުގެ މެންބަރުންގެ މަގާމު ގެއްލިދާނެ ކަމުގެ ބިރު ބޮޑުކަމުންނެވެ. އެޅޭ އެންމެ ފިޔަވަޅަކުން ވެސް މާދަމާ ވެސް ވަޒީފާގައި ދެމިހުރެވޭނެ ކަމުގެ ޔަގީންކަމެއް ނެތުމުންނެވެ. ފާޑުކިޔާ މީހުން އެކަމުގައި ވަކި މުއައްސަސާއެއް އިސްތިސްނާއެއް ނުކުރެ އެވެ.

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތްކަމުގައިވާ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ޝަރުއީ ދާއިރާއާ މެދު އިތުބާރު ދެމެހެއްޓުމަކީ މުހިންމު ކަމެއް

ދިވެހިރާއްޖޭގެ ޝަރުއީ ދާއިރާގެ ބެލެނިވެރި ފަރާތްކަމުގައިވާ ސުޕްރީމް ކޯޓު ހިންގާ ތީމުގެ: ޝަރުއީ ދާއިރާއާ މެދު އިތުބާރު ދެމެހެއްޓުމަކީ މުހިންމު ކަމެއް

އަދުލު އިންސާފުގެ ދާއިރާ އަށް ފާޑުކިޔާ މީހުން ވެސް މަދެއް ނޫނެވެ. ކޯޓުތަކުގެ ނިންމުންތައް - ވަކިން ހާއްސަކޮށް ސިޔާސީ ދާއިރާއާ ގުޅުން ހުރި މައްސަލަތަކުގައި ކޯޓުތަކުން ނިންމާ ނިންމުންތައް - ހުންނަނީ ސަރުކާރަށް ފައިދާވާ ގޮތަށް ކަމަށް ބައެއް މީހުން ތުހުމަތު ކުރެ އެވެ. އަދި ސަރުކާރާ ގުޅުން ހުރި އެއްވެސް ކަމެއް ސަރުކާރާ ދެކޮޅަށް ނުނިމޭނެ ކަމަށް ވެސް ބައެއް މީހުން ގަބޫލު ކުރެ އެވެ.

ދެން އޮތީ މަޖިލީހާ މެދު އާންމުން ދެކޭ ގޮތެވެ. މަޖިލީހުގެ މައްސަލަ އަނެއް ދެ ބާރާ މާ ބޮޑަށް ވެސް ތަފާތެވެ. މަޖިލީހުގައި ހިނގާ ހުރިހާ ކަމެއް އާންމުންގެ ލޮލަށް ފެނެ އެވެ. މަޖިލީހުގެ ފެންނަނީ ދެ ފުށް އެކަންޏެއް ވެސް ނޫނެވެ. އޮތިއްޔާ އޮތް ފުށެއް ދަނީ ފެންނަމުންނެވެ. ޖަލްސާތަކުގައި މެމްބަރުން ކުޅުއްވާ ޗަރުކޭހާއި ކޮމިޓީތަކުގައި މެންބަރުން ނިންމާ ނިންމުންތަކުގެ އިތުރުން، "ގޯނިގޯނި ހިފައިގެން މެމްބަރުންގެ ގާތަށް" ގޮސް ކުރާ ކަންތައް ވެސް ވަނީ ފޮރުވުމެއް ނެތި ފެނިފަ އެވެ.

ސިޔާސީ ޕާޓީތަކުގެ ބައެއް ވެރިން ވިދާޅުވެ އެވެ؛ ދައުލަތުގެ ބާރުތައް ޒިންމާދާރު ކުރުވުމަށް އުފައްދާފައި އޮތް މިނިވަން މަގާމުތަކާއި މުއައްސަސާތައް ސަރުކާރުގެ ނުފޫޒުގެ ދަށަށް ދިއުމުން ގައުމުގެ ހިންގުން ވަނީ ފާލުން ނެއްޓިފަ އެވެ. މިނިވަން މުއައްސަސާތަކާއި ސިޔާސީ ޕާޓީތައް ހިންގަންވީ ގޮތް، ކޯޓުތަކުން ކަނޑައަޅާ ހިސާބަށް "ކޯޓުތަކުގެ ހިންގުން ފުޅާވެގެން ދިއުމުން" މުޅި ގައުމު ވަނީ، ހައްޓަށް ނޭވާ ނުފެތޭ ވަރަށް ފިތި ބާރުވެފަ އެވެ.

ގައުމުގެ ކަންކަމާ މެދު ޚިޔާލު ފާޅުކުރަން ބޭއްވި އެއްވުމެއްގެ ތެރެއިން: ގައުމަށް ހަމަޖެހުން އައުމަށް އާންމު ކޮންމެ ފަރުދަކު ވެސް ބޭނުންވޭ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

ގައުމުގެ ކަންކަމާ މެދު ޚިޔާލު ފާޅުކުރަން ބޭއްވި އެއްވުމެއްގެ ތެރެއިން: ގައުމަށް ހަމަޖެހުން އައުމަށް އާންމު ކޮންމެ ފަރުދަކު ވެސް ބޭނުންވޭ. ފޮޓޯ: މުހައްމަދު ޝަރުހާން /މިހާރު

މިފަދަ ތުހުމަތުތައް ކުރާ މީހުން އެންމެ ފުރަތަމަ ތިމާމެންގެ އަމިއްލަ ނަފްސާ ސުވާލު ކޮށްލައްވާށެވެ! ތި ވިދާޅުވާ މިނިވަން މުއައްސަސާތަކާއި ޝަރުއީ ކޯޓުތައް މިނިވަންކަމާ އެކު ހިންގަން ދޫކޮށްލީ ކޮން އިރަކު، ކާކުތޯ އެވެ؟ މިނިވަން މުއައްސަސާތައް އުފެއްދީ ތި ބޭފުޅުން ނޫންތޯ އެވެ؟ އެކަމަކު އެއިން ތަނެއް މިނިވަންކަމާ އެކު ހިންގައި، ގާނޫނީ އިމުގެ ތެރޭގައި ބިނާ ކުރުމަށް ފުރުސަތެއް ދެއްވިންތޯ އެވެ؟

ނޫން ނަމަ، މިނިވަން މުއައްސަސާތަކަށް ތިޔަ ބޭފުޅުން އައްޔަން ކުރެއްވީ ތިޔަ ބޭފުޅުން އެންގެވިހާ ގޮތެއް ހައްދަވާނެ ބޭފުޅުންތޯ އެވެ؟ އަދި އެ ފަދަ ބޭފުޅުން އެ މަގާމުތަކަށް އައްޔަން ކުރައްވާފައި، އެ ބޭފުޅުންގެ ބޭނުން ހިއްޕެވީ ތިޔަ ބޭފުޅުންގެ ސިޔާސީ ސަވާރީގެ ލަގަނެއްގެ ގޮތުގައި ނޫންތޯ އެވެ؟ ނުވަތަ ތިޔަ ބޭފުޅުންގެ ބޭނުން ފުދުނީމާ ނުވަތަ، ހިޔާ ބޮޑު އެހެން ގަހެއްގެ ހިޔަލަށް އެ ބޭފުޅުން ވަޑައިގެންފި ކަމަށް ހީވާ ކޮންމެ ފަހަރަކު، ފެން ކައްކާ ބޮލީގެ އިއްޒަތާ އެކު އެ ބޭފުޅުން މަގާމުން ދުރުކޮށްލީމު ނޫން ހެއްޔެވެ؟

ކޯޓުތަކުގެ ފަނޑިޔާރުންނަށް ވެސް ތިޔަ ބޭފުޅުން ހެއްދެވީ އެހެން ނޫންތޯ އެވެ! އާ ގާނޫނު އަސާސީގެ ދަށުން ކޯޓުތަކަށް ފަނޑިޔާރުން އައްޔަން ކުރަން ޖެހުނު ހިނދު، އޭރުގެ ޑީއާރްޕީ އާއި އެމްޑީޕީގެ އިސް ވެރިންގެ މެދުގައި މަޝްވަރާ ކޮށް، ސުޕްރީމް ކޯޓުގެ ބެންޗު ބަހައިލީ "ދެ ބުޅަލުގެ އަރައިރުން" ވާހަކައިގައި ބޯކިބާ ފޮތިކޮށްލި އުސޫލުން ނޫންތޯ އެވެ! އެ މަގާމަށް އައްޔަންކުރީ، އެ ކަމަށް ކިތަންމެ ގާބިލް ބޭފުޅުން ކަމުގައި ވިޔަސް، އެ ކަމުގައި އަމަލުކުރި އިޖުރާއާތަކީ ގާނޫނުއަސާސީ އާއި ގާނޫނުތަކުގެ ރޫހެއް ނޫނެން ނޫންތޯ އެވެ! އެންމެ ފަހުން، މަޖިލީހުގެ ބޭނުން ހިފައިގެން ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރަކު ބޭރުކޮށްލެއްވީ ވެސް ތި ބޭފުޅުންގެ އިތުރު މުހުތާދުތައް ފުއްދައި ނުދެއްވާނެ ހެން ހީވީމާ ނޫންތޯ އެވެ.

މި ކަމުގައި ވަކި ސަރުކާރެއް، ވަކި ރައީސެއްގެ ވާހަކަ ދައްކާނެ ޖާގައެއް ނެތެވެ. މި ކަންކަމުގައި ވެސް ރާއްޖެ ދުނިޔޭގެ ގިނަ ގައުމުތަކާ މުޅިން ތަފާތެވެ. ދެން ހުރިހާ ބޭފުޅުން ވެސް ހުއްޖަތެއްގެ ގޮތުގައި ވިދާޅުވާނެ ވާހަކައަކީ، ރާއްޖެ މި އޮތީ ޑިމޮކްރެސީގެ ޅަފަތުގަ އެވެ. ޑިމޮކްރެސީ އަރާއަރަފޯދުމުން ކަންތައް ރަނގަޅުވާނެ އެވެ. އެ ކަމަށް އަދި ވަގުތު ނަގާނެ އެވެ.

ރައްޔިތުންގެ މަޖިލިސް: ގައުމުގެ ކަންތައް އިސްލާހުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް. - ފޮޓޯ: މަޖިލިސް

ރައްޔިތުންގެ މަޖިލިސް: ގައުމުގެ ކަންތައް އިސްލާހުކުރުމުގައި އެންމެ މުހިންމު ދައުރެއް އަދާ ކުރެވޭނީ ރައްޔިތުންގެ މަޖިލީހަށް. - ފޮޓޯ: މަޖިލިސް

ނޫނެކެވެ. ރާއްޖޭގެ ޑިމޮކްރެސީ އޮތީ ޅަފަތުގައި ކަމަށް ވިޔަސް، އެ ޑިމޮކްރެސީ ނަގަހައްޓަން ތިބީކީ ތަސައްރަފް ނުފުދޭ ކުޑަކުދިންނެއް ނޫނެވެ. ދުނިޔޭގެ އެހެން ގައުމުތައް ވެސް ޑިމޮކްރެސީ އަށް ފައްކާވެފައި ވަނީ ޅަފަތުގެ ދުވަސްތައް ތަޖުރިބާ ކޮށްފަ އެވެ. ނަމަވެސް ތަފާތަކީ އެގައުމުތަކުގެ އެ ދުވަސްވަރުގެ ވެރިން ވެސް، މަސައްކަތް ކުރެއްވީ ގައުމު އާރާސްތުކޮށް ބިނާކޮށް ކޮޅަށް ޖެހުމަށެވެ. ނާޖާއިޒު ފައިދާ ނެގުމުގެ ބަދަލުގައި ފުރުސަތު ދިނީ ގައުމު ބިނާކޮށް ކޮޅަށް ޖެހުމަށެވެ.

އެ ގައުމުތަކުގައި ވެސް މިނިވަން މުއައްސަސާތައް އުފެއްދި އެވެ. ނަމަވެސް އެ މުއައްސަސާތަކުގެ ބޭނުން ހިފީކީ، އެ ދުވަސްވަރަކު ވެރިކަމުގައި ތިއްބަވާ ބޭފުޅުންގެ އަމިއްލަ މަސްލަހަތު ދިފާއުކޮށް، ދައުލަތުގެ މުއްސަނދިކަމާއި ވަސީލަތްތަކުން އަމިއްލަ ފައިދާ ހޯދަން އޮތް ވަސީލަތްތަކެއްގެ ގޮތުގައެއް ނޫނެވެ. ވެރިންގެ ގާތް އެކުވެރިންނާއި، ޕާޓީއަށް އިޚްލާސްތެރި މީހުންގެ ބަދަލުގައި އެ މުއައްސަސާތަކަށް އައްޔަން ކުރީ، އެ ދާއިރާތަކުން އެތައް އަހަރެއްގެ ފަންނީ އަދި އަމަލީ ތަޖުރިބާ ހޯއްދަވައި، ސިޔާސީ ފިކުރުތަކުން ނަފްސުތައް ތަޣައްޔަރު ނުވެ ތިބި އަބުރުވެރިންނެވެ.

އެ ގައުމުތަކުގައި ގާނޫނުއަސާސީތަކާއި ގާނޫނުތައް ލިޔުނީ، އާންމު ރައްޔިތުންނެކޭ އެއްފަދައިން ވެރިން ވެސް އޭގެ ދަށުގައި ތިބުމަށެވެ. ސިޔާސީ ގޮތުން ނޭވާ ހާސްވާ ކޮންމެ ފަހަރަކު އޭގެ މައްޗަށް އަރައި ތިބޭކަށް ނޫނެވެ. ނިސްބަތުން ބަލައިފިއްޔާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީ އަށް އެންމެ ގިނަ އިސްލާހުތަކާއި ބަދަލުތައް ގެނައި ގައުމަކަށް ހަމަ ގައިމު ވެސް ރާއްޖެ ވާނެ އެވެ. ސުވާލަކީ މިހާ ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ގާނޫނުއަސާސީ އަށް އެ ބަދަލުތައް ގެނައީ ހަމަ ގައުމުގެ މަސްލަހަތަށްޓަކައި ހެއްޔެވެ؟ ނުވަތަ ވަކި ބައެއްގެ އަމިއްލަ ފައިދާ އަށް ހެއްޔެވެ؟

މި ހުރިހާ ކަމެއް މިހެން ކޮށްފައި ދެން އެކަމުގެ ބަދުނާމު އަޅުވަންވީ ކޯޓުތަކުގައި ހެއްޔެވެ؟ މިނިވަން މުއައްސަސާތަކާއި އެ މުއައްސަސާތަކުގެ މެންބަރުންގެ ބޮލުގައި ހެއްޔެވެ؟ މިއަދު ދުނިޔޭގެ އެހެން ގައުމުތަކުގައި ކަން ހިނގާ ގޮތަށް ބައްލަވާށެވެ! އަޅުގަނޑުމެން އެންމެ ނަފްރަތު ކުރާ ޣައިރު މުސްލިމް ގައުމުތައް މިސާލަކަށް ނަންގަވާށެވެ. އެމީހުންގެ ދީނީ އަގީދާ ކޮންމެ ގޮތަކަށް އޮތް ކަމުގައި ވިޔަސް، ގިނަ އިސްލާމީ ގައުމުތަކުގައި އިޖްތިމާއީ އަދުލުވެރިކަމާއި ޖިނާއީ އަދުލުވެރިކަން ނެތް ވަރަށް އެ ގައުމުތަކުގައި އެބަ އޮތެވެ. ކިތަންމެ ނުރުހުނަސް މިއީ ގަބޫލު ކުރަން ޖެހޭ ހަގީގަތެވެ. އެ ގައުމުތަކުގައި މިއަދު އެ ނިޒާމުތައް ގާއިމުވެފައި އޮތީ، އެ ގައުމުތަކުގެ ސިޔާސީ ވެރިން އެކަމަށް ފުރުސަތު ދީ މަގު ފަހިކޮށްދިނީމަ އެވެ.

އިސްލާމީ މަޝްހޫރު އިލްމުވެރިއެއް ކަމަށްވާ އަލްއިމާމް މުހައްމަދު އަބްދޫ (1849-1905) އިނގިރޭސިވިލާތަށް ކުރެއްވި ދަތުރުފުޅަކަށް ފަހު އެނބުރި ގައުމަށް ވަޑައިގެން ވިދާޅުވި އެވެ؛ "އަހުރެންނަށް އެމީހުންގެ ތެރެއިން އިސްލާމް ދީން ފެނުނެވެ. ނަމަވެސް އެތަނުން މުސްލިމުންނެއް ނުފެނެ އެވެ. އަހުރެން ދިރިއުޅެމުން މިދަނީ މުސްލިމުންގެ ތެރޭގަ އެވެ. މިތަނުން މުސްލިމުން ފެނެ އެވެ. އެކަމަކު އިސްލާމް ދީނެއް ނުފެނެ އެވެ."

ސިޔާސީ ޕޯޑިއަމްތަކުގައި ވަރަށް ގިނަ ބޭފުޅުން އަޑު ވީއްލައި ވިދާޅުވާ ވާހަކައެއް އޮވެ އެވެ. "ތިމާއަށް ވުރެ މުޖްތަމައު ބޮޑުވާނެ އެވެ. އަދި މުޖްތަމައަށް ވުރެ ގައުމު ބޮޑުވާނެ އެވެ." ނަމަވެސް އެ ހިސާބުން ނިންމަވާލައްވަނީ، މިހާރު ކަން ހިނގާ ގޮތުން ނަމަ، އެ އިބާރާތް ފުރިހަމަ ނުކުރައްވަ އެވެ. އެއީ "އަދި ގައުމަށް ވުރެ އަހަރެން ބޮޑުވާނެ އެވެ." އަޅުގަނޑުމެންގެ ސިޔާސީ ފަލްސަފާއަކީ މިއީ ނޫންތޯ އެވެ!