Roadha Mihaaru
ރައީސް، މިރޭ ގައުމާ މުޚާތަބު ކުރައްވަނީ

ރައީސް، މިރޭ ގައުމާ މުޚާތަބު ކުރައްވަނީ

20 މެއި 2020

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިރޭ 9:00 ގައި ގައުމާ މުޚާތަބު ކުރައްވަން ނިންމަވައިފި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު، މިރޭ 9:00 ގައި ގައުމާ މުޚާތަބު ކުރައްވަން ނިންމަވައިފި އެވެ.

މިދިޔަ މާޗް 7 ގައި ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން އެ މަނިކުފާނު ވަނީ މާޗް 26 ގައި ނިއުސް ކޮންފަރެންސެއް ބާއްވަވައިފަ އެވެ. އޭގެ ފަހުން މިހާތަނަށް ދެ ފަހަރެއްގެ މަތިން ގައުމާ މުޚާތަބު ކުރައްވައި، އެ ބައްޔާ ގުޅޭ ފަހުގެ މައުލޫމާތުތަކާއި ސަރުކާރުގެ ބައެއް ސިޔާސަތުތައް ހާމަކޮށްދެއްވި އެވެ.

ކޮވިޑް-19 އާ ގުޅިގެން ރައީސް އެންމެ ފަހުން ގައުމާ މުޚާތަބު ކުރެއްވީ މި މަހުގެ ހަތަރުވަނަ ދުވަހު އެވެ. އޭގެ ކުރިން ދެން ގައުމާ މުޚާތަބު ކުރެއްވީ ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން ފުރަތަމަ ފެނުނު ދުވަހު އެވެ. އެއީ މިދިޔަ އޭޕްރީލް 15 އެވެ.

ކޮންމެ ރެއެއްގެ 10:00 ގައި ނޭޝަނަލް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެންއީއޯސީ) ން ބާއްވާ މީީޑިއާ ބްރީފިން، ރައީސް ގައުމާ މުޚާތަބު ކުރައްވާތީ މިރޭ ނޯންނާނެ ކަމަށް އެ ސެންޓަރުން ބުންޏެވެ.

ރާއްޖެ އިން ކޮވިޑް-19 ފެނުނު ފަހުން މިހާތަނަށް 1،186 މީހަކަށް އެ ބަލި ޖެހިފައިވާއިރު، މާލެ އާއި ވިލިމާލެ އަދި ހުޅުމާލެ ވަނީ މިދިޔަ މަހުގެ 15 ން ފެށިގެން ލޮކްޑައުންގަ އެވެ. އެއީ ކޮވިޑް-19 ޖެހިފައިވާ މީހަކު މާލެ އިން ފުރަތަމަ ފަހަރަށް އެ ދުވަހު ފެނުމުން ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ. އޭގެ ފަހުން ލޮކްޑައުންގެ މުއްދަތު 14 ދުވަހުން 14 ދުވަހުން އިތުރުކުރަމުން އައިސް މިހާރު ލޮކްޑައުންގެ އެންމެ ފަހު ދުވަހަކީ މި މަހުގެ 28 އެވެ.

ނަމަވެސް، މިހާރުގެ ހާލަތަށް ރިއާޔަތް ކުރައްވައި ހެލްތު މިނިސްޓަރު އަބްދުﷲ އަމީން ވަނީ ލޮކްޑައުން އުވައިލާނެ ކަމުގެ އިޝާރާތެއް މިދިޔަ ހޯމަ ދުވަހު ދެއްވައިފަ އެވެ.

މި މަހުގެ ފަހު ދެ ހަފުތާގައި ރާއްޖޭގައި އާދަޔާ ޚިލާފު ބާރުމިނެއްގައި ކޮވިޑް-19 ފެތުރޭނެ ކަމަށް ސިއްހީ މާހިރުން ކުރިން ލަފާކުރިޔަސް މިހާރު ބުނަނަކީ އެ ހިސާބަށް ނުގޮސް ސަލާމަތް ވެވިދާނެ ކަމަށެވެ. އެހެންވެ، "ނިއު ނޯމަލް" ނުވަތަ އާ އާންމު ހާލަތެއްގައި ރާއްޖޭގައި މެދުކަނޑާލާފައިވާ ކަންކަން ފަށަން ސަރުކާރުން އަންނަނީ ތައްޔާރުވަމުންނެވެ.