Roadha Mihaaru
ޚިޔާނާތާއި މަރުތަކުގެ ތަހުގީގަށް ވީ ގޮތް ބަލަން އެދެފި

އެމްއެމްޕީއާރުސީގެ ޚިޔާނާތާއި މަރު ކޮމިޝަންގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން މަޖިލީހަށް

24 މެއި 2020

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި ކޮމިޝަންގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

ފަޒީނާ އަހުމަދު ފަޒީނާ އަހުމަދު

މޯލްޑިވްސް މާކެޓިން އެންޑް ޕަބްލިކް ރިލޭޝަންސް (އެމްއެމްޕީއާރުސީ)ގެ 1.3 ބިލިއަން ރުފިޔާގެ ޚިޔާނާތާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންނަށް އިންސާފު ހޯދައިދޭން އުފެއްދި ކޮމިޝަންގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން ރައްޔިތުންގެ މަޖިލީހަށް މައްސަލައެއް ހުށަހަޅައިފި އެވެ.

އެމްއެމްޕީއާރުސީގެ މައްސަލައިގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ މައްޗަށް ތަހުގީގު ހިންގައި އެ މަނިކުފާނަށް އެކަނި ޖަލު ހުކުމެއް އިއްވާފައިވާ ކަމުގެ ކަންބޮޑުވުން، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދު ފާޅުކުރައްވާފައި ވަނިކޮށް، ހިޔާނާތުގެ މައްސަލައިގެ ތަފްސީލްތައް ހޯދަން މަޖިލީހަށް ހުށަހެޅުއްވީ ހެންވޭރު އުތުރު ދާއިރާގެ މެމްބަރު އިބްރާހިމް މުއިއްޒެވެ. ނަޝީދުގެ އެ ކަންބޮޑުވުމާ އެކު ހިޔާނާތުގެ ތަހުގީގު ލަސް ކަމަށް ބުނެ ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެމްބަރުން ވެސް ގެންދަވަނީ ފާޑުވިދާޅުވަމުންނެވެ.

ކުރީގެ ނައިބު ރައީސް އަހްމަދު އަދީބާއި އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން ޑިރެކްޓަރު އަބްދުﷲ ޒިޔަތުގެ އިސް ދައުރެއް އޮތް އަދި އެތައް ބަޔަކަށް މަންފާވި ހިޔާނާތުގައި ހަމައެކަނި ޔާމީން ޖަލަށް ލައި އެހެން އެންމެން މިނިވަންވެފައި ތިބި މައްސަލައިގައި އިދިކޮޅު ޕީޕީއެމާއި ޕީއެންސީން ވެސް އަންނަނީ ސަރުކާރަށް ފާޑުކިޔަމުންނެވެ.

މަޖިލީހުގެ ރައީސަށް މުއިއްޒު ފޮނުއްވި ސިޓީގައި ވިދާޅުވެފައި ވަނީ އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ބައިވެރިން ހޯދުމާއި މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ އާއިލާތަކަށް އިންސާފު ހޯދައި ދިނުމަކީ އެމްޑީޕީ އާއި މި ސަރުކާރުގެ ވައުދެއް ކަމަށެވެ. މި ދެ މައްސަލަަ އަކީ ވެސް އާއްމު މަސްލަހަތު ހިމެނޭ ކަންކަމަށް ވިޔަސް ރައްޔިތުންނަށް މިކަމުގެ މައުލޫމާތު ހިއްސާކުރުން މަދު ކަމުގެ ކަންބޮޑުވުން އޭނާ ފާޅުކުރެއްވި އެވެ.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުއިއްޒު: އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން އޭނާ ވަނީ މަޖިލީހަށް ހުށަހަޅާފައި.

ހެންވޭރު އުތުރު ދާއިރާގެ މެމްބަރު މުއިއްޒު: އެމްއެމްޕީއާރުސީ ހިޔާނާތުގެ ތަހުގީގަށް ވީ ގޮތް ސާފުކުރަން އޭނާ ވަނީ މަޖިލީހަށް ހުށަހަޅާފައި.

މުއިއްޒު އެދިވަޑައިގަތީ މި މައްސަލަތަކުގެ ތަހުގީގު ގޮސްފައިވާ ހިސާބާއި އެ މައްސަލަތައް ބެލުމާއި ދައުވާ އުފުލުމާއި ޝަރީއަތް ހިންގަން ލަސްވާ ސަބަބުތައް އޮޅުންފިލުވައިދީ ނުފޫޒެއް ނެތި އިތުބާރު ހިފޭ ނިޒާމެއްގެ ތެރެއިން ނަތީޖާ ނެރެވޭނެ ގޮތަކަށް އަމަލުކުރޭތޯ ޔަގީންކޮށްދޭން މަޖިލީހުން އެކަން ބަލައި ދިނުމަށެވެ.

ކުރީގެ ސަރުކާރުގައި އެމްއެމްޕީއާރުސީ މެދުވެރިކޮށް ހިންގި ހިޔާނާތް ބަލަނީ ފުލުހުންނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި އެސެޓް ރިކަވަރީ ކޮމިޝަނުންނެވެ. މި މުއައްސަސާތަކުން ވަނީ، ހިޔާނާތުން މަންފާ ލިބުނު ކަމަށް ބެލެވޭ މީހުންގެ ލިސްޓެއް އެކުލަވާލައިފަ އެވެ. އެ ލިސްޓުގައި، މަންފާ ލިބުނު ކަމަށް ތުހުމަތުކުރެވޭ މީހުންގެ އަދަދު 267 އަށް އަރަ އެވެ.

އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ 44 މެމްބަރުންނާއި މިހާރުގެ 16 މެމްބަރުންނާއި މިނިވަން މުއައްސަސާތަކުގައި ކުރިން އުޅުއްވި ފަސް މެމްބަރަކާއި ކުރީގެ ސަރުކާރުތަކުގެ އިސް މަގާމްތަކުގައި އުޅުއްވި 30 ބޭފުޅަކާއި މިހާރުގެ ސަރުކާރުގައި ހިމެނޭ ހަތް ބޭފުޅަކާއި ކުރީގެ ފަނޑިޔާރުންނާއި މިހާރުގެ ފަނޑިޔާރުން ހިމެނޭ ގޮތުން ފަސް ބޭފުޅަކާއި ސަލާމަތީ ޚިދުމަތްތަކާ ބެހޭ ހަތް އޮފިސަރަކު ހިމެނެ އެވެ.

ކުރީގެ ނައިބު ރައީސް އަދީބު އިސްވެ ހުންނަވައި އެ ޖަރީމާ ހިންގި ގޮތާއި ފައިސާ ބައި އެޅި ގޮތާއި މަންފާ ލިބުނު މީހުންގެ އާ މައުލޫމާތާއި ހެކިތައް ވެސް ތަހުގީގަށް ލިބިފައިވާ ކަމަށް ކަމާ ބެހޭ އިދާރާތަކުން ވަނީ ބުނެފަ އެވެ. މީގެތެރެއިން ބައެއް މީހުން ތަހުގީގަށް ހާޒިރު ވެސް ކުރި އެވެ. އެކަމަކު ތަހުގީގަށް މީހުން ހާޒިރުކޮށް ސުވާލުކުރުން މިހާރު ވަނީ މަޑުޖެހިފަ އެވެ.

މީގެ އިތުރުން ކޮރަޕްޝަނަށް މަގު ފަހިވާ ގޮތަށް ދޫކޮށްފައިވާ ރަށްތަކާއި ފަޅުތަކުގެ މައްސަލަ އެސެޓް ރިކަވަރީ ކޮމިޝަނުން ބަލައި، އެ ރަށްތަކާ މެދު އަމަލުކުރެވިދާނެ ގޮތްތަކުގެ ލަފާތަކެއް ދީ ވަނީ ރިޕޯޓެއް އެކުލަވާލައިފަ އެވެ. އެކަމަކު މި މައްސަލަތަކުގައި އިންސާފަށް ވާސިލްވެވިދާނެ ކަމާ މެދު އުފެދިފައިވާ ސުވާލުތައް ގިނަ އެވެ.

މަރު ކޮމިޝަނުން ބަލާ ބޮޑެތި މައްސަތަކުގެ ތެރޭގައި ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނެގުމާއި ޑރ. އަފްރާޝީމް އަލީ އާއި ބްލޮގަރު ޔާމީން ރަޝީދު މަރާލި މައްސަލަ ހިމެނެ އެވެ. މީގެ އިތުރުން ވެސް ކުރީގެ ސަރުކާރުގައި ތަހުގީގީ އިދާރާތަކުން އިންސާފު ނުލިބުނު ގިނަ މައްސަލަތަކެއް އަންނަނީ ތަހުގީގު ކުރަމުންނެވެ.

ކޮމިޝަނުން އެންމެ ފަހުން ބުނެފައި ވަނީ ނޫސްވެރިޔާ އަހްމަދު ރިލްވާން ވަގަށް ނަގައި މަރާލި މައްސަލައިގައި އާ ހެކިތަކާ އެކު އިންސާފާ ގާތްވެވޭނެ ކަމުގެ ޔަގީންކަން ބޮޑުވެފައިވީ ނަމަވެސް ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލައިގެ ތަހުގީގު އޮތީ ހުއްޓިފައި ކަމަށެވެ. މި މައްސަލަތައް ލަސްވާތީ އާއިލާތަކުގެ ކަންބޮޑުވުންތަކެއް ހުރި ކަން އެ ކޮމިޝަނުން ގަބޫލުކުރެ އެވެ.

ރިލްވާނާއި ޔާމީން ރަޝީދުގެ އިތުރުން، ޑރ. އަފްރާޝީމް އަލީގެ މަރާ ގުޅިގެން ތިން މީހެއްގެ މައްޗަށް ދައުވާކުރަން މީގެކުރިން ކޮމިޝަނުން ޕީޖީ އޮފީހަށް ފޮނުވި އެވެ. މި ތިން މަރާ ގުޅިގެން ކޮމިޝަނުން ދައުވާކުރަން އެދުނީ މުހައްމަދު މަޒީދާއި ސާމިތު މުހައްމަދުގެ މައްޗަށެވެ. ހަރުކަށި ފިކުރުގެ ޖަމާއަތް ހިންގައި ހަރަކާތްތައް ފުޅާކޮށް ހިންގާ ކަމަށް ތުހުމަތުކުރާ އެ ދެ މީހުންނަކީ ތިން މަރުގެ ވެސް މޭސްތިރިން ކަމަށް މަރު ކޮމިޝަންގެ ރިޕޯޓެއްގައި ވަނީ ތުހުމަތުކޮށްފަ އެވެ.

އެކަމަކު ތަހުގީގު އިތުރަށް ފުރިހަމަކުރަން، ޕީޖީން ވަނީ މި މައްސަލަތައް އަނބުރާ ފޮނުވާލައިފަ އެވެ.