Roadha Mihaaru
ވެލާ ރިސޯޓްގެ ވެރިޔާ: ރާއްޖެއަށް ފައިދާތަކެއް ނެގިދާނެ

ވެލާ ރިސޯޓްގެ އެއް ވެރިޔާ: ރާއްޖެއަށް ފައިދާތަކެއް ނެގެން އެބަ އޮތް

28 މެއި 2020

ރާއްޖޭގެ އެންމެ އަގުބޮޑު، އެންމެ ރީތި އެއް ރިސޯޓް ކަމަށްވާ ވެލާގެ އެއް ހިއްސާރު ޖިރީ ސްމެކްއަށް ރާއްޖެ އަކީ ވަރަށް ތަފާތު މަންޒިލެކެވެ. އަދި ކޮވިޑް-19ގެ ބިރަށް ފަހު އަލުން ދެމިގަންނަން އޮތް ފުރުސަތުތައް ވެސް އޭނާއަށް ފެނިވަޑައިގަނެ އެވެ. އެހެންކަމުން ކުރިމަގާ މެދު އުއްމީދެއް ނުގެއްލެ އެވެ. އޭނާ ވިދާޅުވަނީ ވިސްނުންތެރިކަމާ އެކު ފިޔަވަޅުތައް އަޅައިފި ނަމަ މި ވެއްޓުމުން އަރައިގަނެވޭނެ ކަމަށެވެ.

ފާތިމަތު ޝަނާ މުހައްމަދު ފާތިމަތު ޝަނާ މުހައްމަދު

ރާއްޖޭގެ އެންމެ އަގުބޮޑު، އެންމެ ރީތި އެއް ރިސޯޓް ކަމަށްވާ ވެލާގެ އެއް ހިއްސާރު ޖިރީ ސްމެކްއަށް ރާއްޖެ އަކީ ވަރަށް ތަފާތު މަންޒިލެކެވެ. އަދި ކޮވިޑް-19ގެ ބިރަށް ފަހު އަލުން ދެމިގަންނަން އޮތް ފުރުސަތުތައް ވެސް އޭނާއަށް ފެނިވަޑައިގަނެ އެވެ. އެހެންކަމުން ކުރިމަގާ މެދު އުއްމީދެއް ނުގެއްލެ އެވެ. އޭނާ ވިދާޅުވަނީ ވިސްނުންތެރިކަމާ އެކު ފިޔަވަޅުތައް އަޅައިފި ނަމަ މި ވެއްޓުމުން އަރައިގަނެވޭނެ ކަމަށެވެ.

ޖިރީ ގަބޫލުކުރައްވާ ގޮތުގައި ކޮވިޑް-19ގެ ނުރައްކަލަށް ބަލާއިރު، ޓޫރިސްޓުން އެންމެ ގަޔާވާނެ ސިފަތައް ރާއްޖޭގެ ޓޫރިޒަމްގައި އެބަ ހުއްޓެވެ. އެއް ކަމަކީ ވަކިވަކި ރަށްރަށުގައި ރިސޯޓްތައް ތަރައްގީކޮށްފައި އޮތުމެވެ. މިއީ މިކަހަލަ ގައިންގަޔަށް އަރާ ބޮޑު ބަލިމަޑުކަމެއްގައި، ޓޫރިސްޓުންނަށް ލިބޭނެ ވަރަށް ބޮޑު ރައްކާތެރިކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.

"ވަން އައިލެންޑް، ވަން ރިސޯޓްގެ ފައިދާ މިވަގުތު ކުރާނެ ކަމަށް ވަރަށް ބޮޑަށް ބެލެވޭ. ޓޫރިސްޓުންނަށް މި ހާލަތުގައި އެންމެ ބޭނުންވާނެ ރައްކާތެރިކަން ކަށަވަރު ކުރުމުގައި މި ކޮންސެޕްޓް ފުޅާ ދާއިރާއެއްގައި ބޭނުން ކުރެވޭނެ،" ޖިރީ ވިދާޅުވި އެވެ.

އެކަމަކު އޭނާ ވިދާޅުވީ ޓޫރިޒަމް އަލުން ފަށައިގަންނަން ޖެހޭނީ ރަނގަޅު ޕްލޭންތަކެއްގެ ތެރެއިން ކަމަށެވެ.

"ޓޫރިޒަމް ދާއިރާ ހުއްޓާލައިފައި ބޭއްވުމުގެ ބަދަލުގައި ވީ އެންމެ އަވަހަކަށް ދާއިރާ ހުޅުވާލުން ވަރަށް މުހިއްމު. އެކަމަކު މިގޮތަށް ހިދުމަތްތައް ދޭން ފަށަންވާނީ ސަލާމަތީ ފިޔަވަޅުތަކާއި ބަލިން ރައްކާތެރިވުމަށް އަޅަން ޖެހޭ ފިޔަވަޅުތައް އެންމެ ފުރިހަމައަށް ގާއިމްކޮށްފައި،" ޖިރީ ވިދާޅުވި އެވެ.

އެގޮތުން އޭނާ ފާހަގަކުރެއްވި އެއް ކަމަކީ ޓޫރިސްޓުން ކޮމާޝަލް ފްލައިޓްތަކުގައި ދަތުރުކުރަން ފުރަތަމަކޮޅު ޖެހިލުންވެދާނެތީ، އެ ނޫން ފުރުސަތުތަކުގެ ބޭނުންހިފައި، ރާއްޖޭގެ ޓޫރިޒަމް އަލުން ފަށައިގަތުމެވެ. އަދި އެއީ ފަސްނުކޮށް، އަވަހަށް ކުރަން ޖެހޭ ކަމެއް ކަމަށް ވެސް ވިދާޅުވި އެވެ.

"ޔޫރަޕްގެ ގައުމުތަކުން މިހާރު އެ މަސައްކަތް ކުރަނީ ވީ އެންމެ އަވަހަކަށް އެ ގައުމުތައް ހުޅުވައިލަން. މިސާލަކަށް އިޓަލީ އާއި އޮސްޓްރިއާ ފަދަ ގައުމުތަކުން އަންނަނީ އެގޮތަށް މަސައްކަތް ކުރަމުން. އެހެންވީމަ ޓޫރިޒަމް މި ރޭހުގެ ކުރިއަށް އެރުމަށްޓަކައި އަވަސް ފިޔަވަޅުތައް އެޅުން ވަރަށް މުހިއްމު،" ގިރީ ވިދާޅުވި އެވެ.

"ރާއްޖެއަކީ ރައްކާތެރި އަދި ހިތްހަމަޖެހިލައިގެން ޗުއްޓީ ހޭދަކޮށްލެވޭނެ ފަދަ މަންޒިލަކަށް ހެދުން ވަރަށް މުހިއްމު."

އޭނާ އެ އިޝާރަތްކުރެއްވީ އަލުން ރާއްޖެ އިސްތިހާރުކުރާ އިރު ވެސް "ވަން އައިލެންޑް، ވަން ރިސޯޓް" ކޮންސެޕްޓްގެ ބޭނުން ހިފުމަށެވެ. މިއީ އެ ކޮންސެޕްޓް އެންމެ މުހިންމު ދުވަސްވަރު ކަމަށް އޭނާ ގަބޫލުކުރައްވަ އެވެ.

"ރާއްޖޭގެ ރަށްތައް ބެހިފައި އޮންނަ އޮތުމުގެ ފައިދާ އެންމެ ފުރިހަމައަށް ނަގައި އެކަން ރާއްޖެ ޕްރޮމޯޓް ކުރުމުގައި ބޭނުން ކުރަން ޖެހޭ އެބަ ކުރިއަށް ވުރެ ބޮޑަށް،" ގިރީ ވިދާޅުވި އެވެ.

އަލުން ހަމަޔަކަށް އެޅުވުން ފަސޭހައެއް ނުވާނެ

ރާއްޖޭގެ ޓޫރިޒަމާ މެދު އޭނާގެ އުއްމީދުތައް ބޮޑަސް، ޖިރީ ވިދާޅުވި ގޮތުގައި، މިހާ ބޮޑު ހުއްޓުމެއް ދުނިޔެއަށް އައުމާ އެކު "މި ލިބުނު ގެއްލުމުން އަރައިގަންނަން އެތައް އަހަރެއް ނަގާނެ" އެވެ.

"ރިކަވަރީއަށް ކުރާ މަސައްކަތް އެހާ ފަސޭހައެއް ނުވާނެ. ސަރުކާރަށް ލިބޭ އާމްދަނީގެ 90 ވަރަކަށް ޕަސެންޓް ޓޫރިޒަމުން ލިބޭ ގައުމަކަށް މިކަން ކުރަން އިތުރަށް އުނދަގޫވާނެ،" ޖިރީ ވިދާޅުވި އެވެ.

ވެލާ އައިލެންޑްގެ ބީޗް ވިލާއެއް

ވެލާ އައިލެންޑްގެ ބީޗް ވިލާއެއް

އެކަމަކު އޭނާ ވިދާޅުވި ގޮތުގައި ރައްކާތެރިކަމުގެ ފިޔަވަޅުތައް ވަރުގަދަކޮށް، ފަރުވާ ލިބުމުގެ އިންތިޒާމްތައް މިހާރަށް ވުރެ ފުރިހަމަކުރެވިއްޖެ ނަމަ ރާއްޖެއަށް ފުރުސަތު އެބަ އޮތެވެ. އޭގެ އިތުރުން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް ބަންދުކޮށްފައި އޮންނަ ހާލަތެއްގައި ބައިނަލްއަގުވާމީ ފްލައިޓްތަކަށް، އެހެން އެއާޕޯޓްތަކަށް ޖެއްސުމުގެ އިންތިޒާމްތައް ހަމަޖެއްސުން މުހިންމު ކަމަށް ވިދާޅުވި އެވެ.

ސ. ގަން ނެގުމަށް ފަހު މިހާރު އެފަދަ ގޮތަށް ބޭނުންކުރެވެން އޮންނާނީ 2،200 މީޓަރުގެ ރަންވޭއެއް އޮންނަ ނ. މާފަރު އެއާޕޯޓެވެ. އެ އެއާޕޯޓް ތަރައްގީކުރީ އެއާބަސް އޭ-320 މަރުކާ ފަދަ ބޯޓުތަކަށް ޖެއްސޭ ފެންވަރުގަ އެވެ. އެހެންކަމުން މިއީ މިކަހަލަ ދަނޑިވަޅެއްގައި ބައިނަލްއަގުވާމީ ފްލައިޓްތަކަށް ބޭނުންކުރެވިދާނެ އެއާޕޯޓެއް ކަމަށް، ޖިރީގެ އިތުރުން، ދާއިރާގެ އެހެން ބައެއް ތަޖުރިބާކާރުން ވެސް ގެންދަނީ ބުނަމުންނެވެ.

"ޓޫރިސްޓުން ދަތުރު ކުރުމުގައި އައިސްފައިވާ ބަދަލުތައް ދެނެގަނެ ހިދުމަތްތައް ދިނުމުގައި އެކަންކަމަށް ތައްޔާރުވުން ވަރަށް މުހިއްމު،" ޖިރީ ވިދާޅުވި އެވެ.

"މުހިއްމު ހިދުމަތްތައް ދިނުން ހުއްޓުމަކަށް ނައިސް މާލެ އާއި އެހެން ސަރަހައްދުތަކުގައި ވެސް ލޮކްޑައުންގެ ހާލަތު ދެމެހެއްޓޭތޯ ބަލަން ޖެހޭ."

އޭނާ ވިދާޅުވީ ބޭންކިން ހިދުމަތްތަކާއި ތަކެތި ސަޕްލައި ކުރުމުގެ ދަތިކަން، މި ހާލަތުގައި ވެސް، ކުރިމަތިވެގެން ނުވާނެ ކަމަށެވެ.

ޖިރީ ދެކެވަޑައިގަންނަވާ ގޮތުގައި ސަރުކާރުން ކުރު މުސްތަގްބަލާއި ދިގު މުސްތަގްބަލަށް ހާއްސަ ޕްލޭންތައް އެކުލަވައިލަން ޖެހޭ ކަމަށެވެ.

"ސޭފް ޓޫރިޒަމްއާ ގުޅޭ ގޮތުން ޓޫރިޒަމް މިނިސްޓްރީން އިސްނަގައިގެން ފަށައިފައިވާ މަޝްވަރާތަކުގެ މުހިއްމުކަން ފާހަގަކުރަން،" އޭނާ ވިދާޅުވި އެވެ.

މުވައްޒަފުންނަށް ވެސް ވެލާއަކީ ނަމޫނާއެއް

ކޮވިޑް-19ގެ މި ހާލަތުގައި މިހާތަނަށް ވެސް ވެލާއިން ދެއްކީ ނަމޫނާ އެވެ. އެގޮތުން ގިނަ ރިސޯޓްތަކުން ބައެއް މީހުން ވަކިކޮށް، އަނެއް ބަޔަކު ނޯޕޭއަށް ފޮނުވި އިރު ވެލާއިން ފުލް މުސާރައާ އެކު އެލަވަންސް ވެސް ދެ އެވެ.

ޖިރީއަކީ އަބަދުވެސް މުވައްޒަފުންނާ ގާތް ގުޅުމެއް ބާއްވަވާ ބޭފުޅެކެވެ. އެހެންކަމުން މި އުނދަގޫ ހާލަތުގައި އެމީހުންނާއި އާއިލާތަކަށް ކުރާނެ އަސަރު އޭނާއަށް އިހުސާސްކުރެއްވެ އެވެ.

"ރިސޯޓުގެ އާމްދަނީ އިންތިހާއަށް ދަށްވެފައިވާ މި ދަނޑިވަޅުގައި މުވައްޒަފުންނަށް އެހީތެރިކަން ފޯރުކޮށްދެނީ އެހެން ގޮތްގޮތަށް ފަންޑު ހޯދައިގެން. އަޅުގަނޑު ޔަގީންކުރަން މުވައްޒަފުންނަށް ވައުދުވެފައިވާ ގޮތަށް އެހީތެރިކަން ފޯރުކޮށްދެވޭނެ ކަމަށް،" ޖިރީ ވިދާޅުވި އެވެ.

ވެލާ ރިސޯޓް: މިހާތަނަށް ދައްކާފައި ވަނީ ނަމޫނާ

ވެލާ ރިސޯޓް: މިހާތަނަށް ދައްކާފައި ވަނީ ނަމޫނާ

އޭނާ ވިދާޅުވީ މުވައްޒަފުންގެ ލާބަ އާއި ފައިދާއަށް ކުރާ ހޭދައާ ގުޅިގެން އެ ރިސޯޓުގެ ޓޮޕް މެނޭޖްމެންޓްގެ މުވައްޒަފުން ވަނީ މި ހާލަތުގައި އެމީހުންގެ މުސާރަ ކުޑަކުރަން އަމިއްލައަށް އެދިފަ އެވެ. އެހެންކަމުން އޭނާ ވިދާޅުވި ގޮތުގައި އެއީ "އުފާވެރި އަދި ފަރުހުވެރިވާ" ކަމެކެވެ.

މި ވަގުތު ރިސޯޓުން ބޭރުގައި ތިބި މުވައްޒަފުންނަށް، މުސާރައިގެ އިތުރުން 200 ޑޮލަރު ދޭން ވަނީ ނިންމައިފަ އެވެ. ރިސޯޓުގައި ތިބި މުވައްޒަފުންނަށް މުސާރައިގެ އިތުރުން 300-500 ޑޮލަރާ ދެމެދުގެ އެލަވަންސެއް ދެ އެވެ. ރިސޯޓަށް ގިނަ ދުވަހު ހިދުމަތްކޮށްފައިވާ މުވައްޒަފުންނަށް އިތުރު 100 ޑޮލަރުގެ އެލަވަންސެއް ވެސް ދޭން ނިންމި އެވެ.

ޓޫރިޒަމަށް މިހާ ބޮޑު ވެއްޓުމެއް ކުރިމަތިވިޔަސް، ވިޔަފާރިވެރިއެއްގެ ގޮތުން އޭނާގެ އުއްމީދަށް އެއްވެސް ބަދަލެއް ނާދެ އެވެ

"މި ހާލަތުން އަރައިގަތުމުގައި ރާއްޖެއަށް ގިނަ ފުރުސަތުތަކެއް އޮތް ކަމަށް ގަބޫލުކުރަން،" އޭނާ ވިދާޅުވި އެވެ.