Roadha Mihaaru
މުޒާހަރާ އަށް ތާއީދުކޮށް މޮޑެލްއަކު ދެ ލައްކަ ޑޮލަރު

މުޒާހަރާގައި ހައްޔަރުވި މީހުންނަށް މޮޑެލް ކްރިސީ ޓައިގަން 200،000 ޑޮލަރު

01 ޖޫން 2020

އެމެރިކާގައި މީގެ ހަފުތާއެއް ކުރިން ފުލުހުން އަނިޔާގެ ސަބަބުން، ޖޯޖް ފްލޯއިޑް މަރުވި މައްސަލާގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން ކަފާލާތުގެ ދަށުން މިނިވަންކުރަން އެމެރިކާގެ މޮޑެލް ކްރިސީ ޓައިގަން 200،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެމެރިކާގައި މީގެ ހަފުތާއެއް ކުރިން ފުލުހުން އަނިޔާގެ ސަބަބުން، ޖޯޖް ފްލޯއިޑް މަރުވި މައްސަލާގައި އުފެދިފައިވާ ހަމަނުޖެހުންތަކާ ގުޅިގެން ފުލުހުން ހައްޔަރުކުރި މީހުން ކަފާލާތުގެ ދަށުން މިނިވަންކުރަން އެމެރިކާގެ މޮޑެލް ކްރިސީ ޓައިގަން 200،000 ޑޮލަރު ހަދިޔާކޮށްފި އެވެ.

ކްރިސީ އަކީ އެމެރިކާގެ މަގުބޫލު ލަވަ ޝޯ "ވޮއިސް" ގައި ޖަޖްކަންކުރާ މަޝްހޫރު ލަވަކިޔުންތެރިޔާ ޖޯން ލެޖެންޑްގެ އަންހެނުންނެވެ.

ފްލޯއިޑްގެ މަރާ އެކު އެމެރިކާގެ ސްޓޭޓްތަކުގައި ހިންގާ ހަރަކާތްތައް އިތުރުވަމުންދާ އިރު، މުޒާހަރާކޮށްގެން ހައްޔަރު ކުރި ބައެއްގެ ދިފާއުގައި ޓީޖެން އެހީދޭން ނިންމުމުން ބައެއް މީހުން ބަނީ އޭނާ އަށް ފާޑު ވެސް ކިޔައިފަ އެވެ. އެގޮތުން "ސެލެބްރިޓީން ކުށްވެރިންގެ ދިފާއުގައި ފައިސާ ހޭދަކުރުމަކީ ކުށްކުރަން ހިތްވަރުން ދިނުން" ކަމަށް ބުނެފައިވެ އެވެ.

ޓީޖެން އެންމެ ފުރަތަމަ ހަދިޔާކުރަން ނިންމީ 100،000 ޑޮލަރެވެ. ނަމަވެސް ފާޑުކިޔުންތައް އަމާޒުވުމުން، ކަޅު ނަސްލަށް ނިސްބަތްވާ މޮޑެލް ވަނީ އިތުރު 100،000 ޑޮލަރާ އެކު، ޖުމްލަ 200،000 ޑޮލަރު (3,090,000ރ.) ހަދިޔާކޮށްފަ އެވެ.

"އަހަރެން ހުންނާނީ އަހަރެމެންގެ ހީރޯއިންނާ އެކު. އަދި މިއީ އަހަރެމެން އެންމެން އެއްބައިވަންތަވާންވީ ވަގުތު،" ފާޑުކީ މީހުންނަށް ރައްދު ދެމުން ޓީޖެން ބުންޏެވެ.

ވަގު ފައިސާ ގެންގުޅޭ ކަމަށް ބުނެ ފްލޯއިޑް، 46، މިދިޔަ ހޯމަ ދުވަހު މިނިއާޕޮލިސް އިން ހައްޔަރުކުރި އިރު، ފުލުހަކު ވަނީ އޭނާގެ ކަރަށް ފައިން އަރައިފަ އެވެ. މި މަންޒަރު ފެންނަ ވީޑިއޯއެއް ވެސް ސޯޝަލް މީޑިއާގައި އާންމުވެފައިވާ އިރު އޭގައި "އަހަންނަށް ނޭވާއެއް ނުލެވޭ" ކަމަށް ފްލޯއިޑް ބުނާ އަޑުއިވެ އެވެ.

ފްލޯއިޑް މަރުވުމާ އެކު މައްސަލަ ހޫނުވެ އެތައް ބަޔަކު މަގުމައްޗަށް ނުކުމެ ބޮޑެތި ހަމަނުޖެހުންތައް ދަނީ ހިންގަމުންނެވެ.

ފްލޯއިޑް މަރާ ގުޅިގެން، އޭނާ އަށް އަނިޔާކުރި ފުލުސް މީހާ ޑެރެކް ޗައުވިން، 44، މަގާމުން ވަކިކޮށް، އޭނާގެ މައްޗަށް މިހާރު ވަނީ މީހަކު މެރުމުގެ ކުށުގެ ދައުވާ އުފުލައިފަ އެވެ.