Roadha Mihaaru
ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި

ސްޓީވް ޖޮބްސްގެ ހަގު ދަރިފުޅު މޮޑެލްއެއްގެ ގޮތުގައި

04 އޮކްޓޯބަރ 2021

އެޕަލް ކުންފުނީންގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ޖޮބްސްގެ ހަގު އަންހެން ދަރިފުޅު އީވް ޖޮބްސް މޮޑެލްއެއްގެ ގޮތުގައި ފްރާންސްގެ ފެޝަން ޝޯއެއްގައި ބައިވެރިވެއްޖެ އެވެ.

އަހުމަދު އަދްޝަން އަހުމަދު އަދްޝަން

އެޕަލް ކުންފުނީންގެ ބާނީންގެ ތެރޭގައި ހިމެނޭ ސްޓީވް ޖޮބްސްގެ ހަގު އަންހެން ދަރިފުޅު އީވް ޖޮބްސް މޮޑެލްއެއްގެ ގޮތުގައި ފްރާންސްގެ ފެޝަން ޝޯއެއްގައި ބައިވެރިވެއްޖެ އެވެ.

ފްރާންސްގެ ވެރިރަށް ޕެރިހުގައި ކުރިއަށްދާ، ފެޝަން ކުންފުނި ކޯޕެނީގެ އަންނަ އަހަރުގެ ސްޕްރިންގް/ސަމާ ކަލެކްޝަންތައް ދައްކާލާ ޝޯގައި އީވް، 23، ލައިގެން ހުރީ ނިއޯން ޓީޝާޓަކާއި ރިހި ކުލައިގެ ޑިޒައިންތަކެއް ހުރި ކަޅު ކުލައިގެ ކުރު ސްކާޓެކެވެ. އަދި އަރައިގެން ހުރީ ކަޅު ކުލައިގެ ފައިވާނަކަށެވެ. މިއީ އޭނާ ރަންވޭއެއްގައި މޮޑެލްއެއްގެ ގޮތުގައި ހިނގި ފުރަތަމަ ފަހަރެވެ.

އީވްގެ ފުރަތަމަ ފެޝަން ޝޯގައި، މަޝްހޫރު މޮޑެލް ޖިޖީ ހަޑީޑް ވެސް ބައިވެރިވި އެވެ.

ޝޯގެ ބައެއް ފޮޓޯތައް އީވްގެ އިންސްޓަގްރާމްގައި ޕޯސްޓްކުރުމުން ވަރަށް ގިނަ ބަޔަކު އޭނާ އަށް މަރުހަބާ ކިޔައި ހިތްވަރު ދީފައިވެ އެވެ. އޭގެ ތެރޭގައި އެމެރިކާގެ މަހުޖަނު ބިލް ގޭޓްސްގެ ދޮށީ އަންހެން ދަރިފުޅު ޖެނިފާ ގޭޓްސް ވެސް ހިމެނެ އެވެ.

އީވް އަށް ހިތްވަރު ދިން މީހުންގެ ތެރޭގައި ކޯޕެނީގެ ބާނީ އަދި ސީއީއޯ އާނައުޑް ވައިލޭންޓް ވެސް ހިމެނެ އެވެ. އޭނާގެ ކޮމެންޓަކަށް އިނީ "މޭޖާ" އެވެ.

މިދިޔަ އަހަރުގެ ޑިސެމްބަރުގައި މަޝްހޫރު ބިއުޓީ ބްރޭންޑް ގްލޯޒިއާގެ ޕްރޮމޯޝަނަލް ކެމްޕޭނެއްގައި ވެސް އީވް ބައިވެރިވެފައިވެ އެވެ.

އަސް ދުވުމުގެ ޕްރޮފެޝަނެލެއްގެ ގޮތުގައި ވެސް ފާހަގަކޮށްލެވޭ އަދި އެ ކުޅިވަރުގައި ވެސް ބައިވެރިވާ އީވްގެ އިތުރުން ޖޮބްސްގެ ތިބެނީ އިތުރު ދެ އަންހެން ކުދިންނާއި ފިރިހެން ކުއްޖެކެވެ. އެއީ ލިޔުންތެރިއެއްގެ ގޮތުގައި މަސައްކަތްކުރާ ލީސާ ބްރެނަން-ޖޮބްސް، 43، އާއި ރީޑް ޖޮބްސް 30، ގެ އިތުރުން އެރިން ސިއެނާ ޖޮބްސް، 26، އެވެ.

ޓެކް ދުނިޔޭގެ އެންމެ ވަރުގަދަ އެއް ސިކުނޑީގެ ގޮތުގައި ފާހަގަކުރެވުނު ޖޮބްސް ވަނީ 2011 ގައި މަރުވެފަ އެވެ.